
ބޭންކުން ހާމަކުރި މަޢުލޫމާތާ އެއްގޮތަށް އޭޕްރީލުން ޖޫން މަހުގެ ނިޔަލަށް ހިނގި ތިން މަހުގެ ތެރޭގައި ސާފު ފައިދާގެ ގޮތުގައި 558 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 24 ޕަސަންޓުގެ ކުރިއެރުމެކެވެ.
ބޭންކުން އިތުރަށް ހާމަކުރި ގޮތުގައި، މި ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 790 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކަށް ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 1.05 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ އަޅާބަލާއިރު 12 ޕަސަންޓުގެ ކުރިއެރުމެކެވެ. މީގެ އިތުރުން، ދެވަނަ ކުއާޓަރުގެ ނިޔަލަށް ބޭންކުން ވަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އަލަށް 3 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ. އަދި ދެވަނަ ކުއާޓަރު ނިމުނުއިރު ބޭންކުން ދޫކޮށްފައިވާ ޖުމްލަ ލޯނުގެ އަދަދު ހުރީ 21.3 ބިލިއަން ރުފިޔާގައެވެ.
ދެވަނަ ކުއާޓަރުގައި ބޭންކުން ވަނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއު އިތުރަށް ފުޅާކޮށް، ނ. މ. ށ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލްކޮށްފައެވެ.