
ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ދަށުން، ޕޭމަންޓް ސިސްޓަމް ހިންގުމަށް ނުވަތަ އެފަދަ ހިދުމަތެއް ދިނުމަށް އެމްއެމްއޭއަށް ކުންފުންޏެއް އުފެއްދުމުގެ ނުވަތަ އެފަދަ ކުންފުންޏެއްގެ ހިއްސާދާރަކަށް ވުމުގެ ބާރު ލިބިދޭނެއެވެ.
މިގޮތުން 2021 ވަނަ އަހަރު ފާސްކޮށް އަމަލުކުރަމުން އަންނަ ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ގެނެވޭ މި ބަދަލުން ޕޭމަންޓް ސިސްޓަމްތައް ހަރުދަނާކޮށް އިތުރަށް ތަރައްގީކުރުމަށް މަގުފަހިވާނެއެވެ. މިހާރު ރާއްޖޭގައި އޮންނަނީ އެމްއެމްއޭއިން ބަލަހައްޓާ "ފަވަރަ" ޕޭމަންޓް ސިސްޓަމެވެ. ފަވަރަ ސިސްޓަމްގެ ތެރެއިން ބޭންކުތަކަށް ވަގުތުން ފައިސާ ފޮނުވާލުމާއި، ފައިސާ ފޮނުވެނީ ރަނގަޅު މީހަކަށްތޯ ޔަގީންކުރުމަށް އެކައުންޓް ވެރިފިކޭޝަންގެ ހިދުމަތުގެ އިތުރުން ޔޫސާ އައިޑެންޓިފިކޭޝަންގެ ހިދުމަތް ލިބެންހުރެއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެމްއެމްއޭއިން ޖޫން މަހު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، "ޕޭމަންޓް ރާއްޖެ" ހިންގާނީ އެމްއެމްއޭގެ މަސްއޫލިއްޔަތުތަކާ މުޅީން ވަކީން ވަކި މެނޭޖުމެންޓެއްގެ ތެރެއިން ކަމަށެވެ. ގާނޫނަށް ބަދަލު ގެނައުމަށް ފަހު މި ކުންފުނި އުފައްދާނީ ސަރުކާރުގެ ހިއްސާއާއެކު ކަމަށް ބެލެވެއެވެ. އިސްލާހުގައި އެމްއެމްއޭއިން ދޫކުރާ ލައިސެންސް އަދި ހުއްދަ ނެތި ޕޭމަންޓް ސިސްޓަމެއް ހިންގައި ނުވަތަ އެފަދަ ހިދުމަތެއް ދޭ ކަމަށް ދައްކައިގެން ނުވާނެ ކަމަށްވެސް ހިމަނާފައިވެއެވެ.