ads
ބޮޑުތަކުރުފާނު މަގުން ތަރައްގީ ކުރަން ނިންމާފައިވާ ސަރަހައްދު: ގައުމީ ތަރައްގީގެ ޕްލޭނެއް ކޮންސަލްޓަންޓެއް ހަމަޖައްސައިފި
ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ކޮންސަލްޓަންޓެއް ހަމަޖައްސައިފި
ކުރިއަށް އޮތް 20 އަހަރު ދުވަހަށް ރާއްޖޭގެ "ގައުމީ ތަރައްގީގެ ޕްލޭން" އެކުލަވާލުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
Advertisement

ފިނޭންސް މިނިސްޓްރީން އެ މަސައްކަތް ހަވާލުރީ ރާއްޖޭގެ ކޮންސަލްޓެންސީ ކުންފުންޏެއް ކަމަށްވާ ނެކްސިއާ މޯލްޑިވްސްއާ އެވެ. ގައުމީ ތަރައްގީގެ ޕްލޭނެއް ކޮންސަލްޓަންޓަކު ހޯދަން އިއުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެެވެ.

ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ ގައުމީ ޕްލޭނަކީ ޔޫއެންޑީޕީ އާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި އެއް އަހަރުގެ ދުވަހުގެ ތެރޭގައި އެކުލަވާލައިި ނިންމަން އަމާޒު ހިފާފައިވާ ޕްލޭނެކެވެ. 

މި ޕްލޭން އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ގާނޫނީ ބާރުވެރިކަން ހޯދުމަށް ގައުމީ ތަރައްގީގެ ގާނޫނުގެ ބިލެއް އެކުލަވާލައި، އެ ޕްލޭން ދެމެހެއްޓިނިވި ގޮތެއްގައި ތަންފީޒު ކުރުމަށް ބޭނުންވާ އިތުރު ބާރުވެރިކަން ހޯދުމަށް ގާނޫނުއަސާސީ އަށް މާއްދާއެއް އިތުރު ކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ކުރިއަށް އޮތް 20 އަހަރު ދުވަހަށް ރާއްޖޭގެ "ގައުމީ ތަރައްގީގެ ޕްލޭން" އެކުލަވާލުމަށް ބަޔަކާ ހަވާލުކުރިއިރު، ގައުމުގެ މިސްރާބު އެއް އަމާޒަކަށް ގެންދިއުމަށް މިފަހުން "އެދޭ ރާއްޖޭ" ނަމުގައި ހަރަކާތެއް ފަށައި، އެ ހަރަކާތުން ވަނީ ގައުމީ ޑައިލޮގްއަކަށް ގޮވާލާފަ އެވެ.  

ކުރާ ހޭދަ އާ އެއްވަރުގެ ތަރައްގީއެއް ނުލިބި ގައުމު ދަރުވާލާފައި ދަރަންޏަށް ޒިންމާވާން ނުޖެހޭ ރައީސުން ގައުމު ހަލާކުގެ މަގަށް ގެންދާ ގެންދިއުން ނިމުމަކަށް ގެންނަށް ޖެހެނެ އެވެ. އެ މަގަށް ރާއްޖެ ގެންދެވޭނީ ރާއްޖެ އޮންނާނެ ގޮތެއް ކަނޑައަޅައިގެންނެވެ. އެކަން ކުރަން ޖެހޭނީ އެކަކު ނުވަތަ އެއް ރައީސަކު ނުވަތަ އެއް ޕާޓީއަކުންނެތް ނޫނެވެ. އެކަން ކުރަން ޖެހޭނީ ހުރިހާ ފިކުރަކާއި އެންމެންގެ ބައިވެރިވުމާއެކު އިލުމީ ދިރާސާތަކާއި ތަޖުރިބާކާރުންގެ ތަޖުރިބާއަށް ވެސް ބަލައިގެންނެވެ.

އެކަން އެ މަގަށް ރާއްޖެ ގެންދިޔުމަށް މިދިޔަ މަހު ފެށި އެދޭ ރާއްޖެ ހަކަރާތުން ވަނީ ގައުމީ ތަރައްގީގެ ތަސައްވަރަކާއި ގައުމީ ތަރައްގީގެ ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލައިގެން ނޫން ގޮތަކަށް ރާއްޖެ ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދަން ގޮވާލާފަ އެވެ. ގައުމީ ތަސައްވަރަކާއި ދުރު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމަށް "އެދޭ ރާއްޖެ" ހަރަކާތުން ހުށަހަޅާފައިވަނީ ތިރީގައިވާ ހުށަހެޅުމެވެ.

ގައުމީ ތަސައްވުރު

މައްސަލަ: 

ދިވެހިރާއްޖޭގެ ތަރައްގީގެ މިސްރާބު، ކޮންމެ ފަސް އަހަރަކުން ސަރުކާރާއިއެކު ބަދަލުވަމުންދެއެވެ. ގައުމީ ތަރައްގީގެ ތަސައްވުރެއް ނެތި، ދިގުރާސްތާގެ ޕްލޭނެއްނެތި، ހަރަދު ބޮޑު ބިޔަ މަޝްރޫއުތައް ސިޔާސީ ބޭނުމަށް ސަރުކާރުތަކުން ތަންފީޒު ކުރެއެވެ. އަދި އަތޮޅުތަކުގައި ސިޔާސީ ބޭނުމަށް ބައެއް މަޝްރޫއުތައް ސަރުކާރުތަކުން ދަނީ ހިންގަމުންނެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ވަސީލަތްތައް އިސްރާފުވެ، ދައުލަތުން ކުރާ ހޭދައިން ގައުމަށް ލިބެންޖެހޭ ކުރިއެރުން ނުލިބެއެވެ.

އެދޭ ރާއްޖޭގެ ހުށަހެޅުން:

  1. ކައުންސިލްތަކާ، މަދަނީ މުޖުތަމައު އާއި، ރައްޔިތުންގެ މައުނަވީ ބައިވެރިވުމާއެކު ފަރުމާކޮށް ގައުމީ ތަރައްގީގެ ތަސައްވުރާ ޕްލޭންއެއް އެކުލަވާލާ، ގާނޫނީ ބާރުދިނުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން.
  2. މިގޮތަށް އެކުލަވާލާ ޕްލޭންއަކަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދައިގެން.

ނަތީޖާ: 

މުޅި ދިވެހިރާއްޖެ ހިއްސާވާ ތަރައްގީގެ ތަސައްވުރެއް އެކުލަވާލެވި، ކޮންމެ ފިކުރެއްގެ ސަރުކާރެއް އޮތް ކަމުގައިވިޔަސް، ތަރައްގީގެ ކަންކަން އެއްކީލިވެ، އެއް މިސްރާބަކަށް ދާން މަގުފަހިވާނެއެވެ. ހަމަ އެހެންމެ، ސިޔާސީ ބޭނުމަށް ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހަނި ކުރެވިގެންދާނެއެވެ.

މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންގެ ހިޔާލާއި މަޝްވަރާއަށް އެދޭ ރާއްޖެ ޓީމުން ގޮވާލަ އެވެ.

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް