
ކައުންސިލްތަކުގެ މާލީ ހަރަދުތައް ކުރުން ހަނިކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށައެޅި އިއްޔެއެވެ. އެއާއި އެކު އެ ބިލްގެ މަސައްކަތް އިއްޔެ ވަނީ ލާމަރުކަޒީ ކޮމިޓީ ފަށާފައެވެ.
ބިލަށް ހިޔާލާއި ކޮމެންޓު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ހުޅުވައިލީ އިއްޔެ ހަވީރު ހައެއް ޖެހިއިރު އެވެ. މިއަދު މެންދުރު ވަނީ އެވަގުތު ހަމަވެފައެވެ.
މިރޭ ބޭއްވި ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި ސަރުކާރުން ހުށައެޅި މި ބިލު ވާނީ ޕީއެންސީގެ ްމެމބަރުންގެ ވޯޓާއި އެކު ފާސްކޮށްފައެވެ. ސަރުކާރުން ހިންގާ ޕީއެންސީއަށް ނިސްބަތްވާ 6 މެމްބަރުންގެ ވޯޓާއި އެކު ބިލް ފާސްކުރީ މާ ބޮޑު ބަދަލެއްވެސް ގެނައުމެއް ނެތިއެވެ.
މި ބިލާއި ދެކޮޅަށް ކޮމެޓީގައި ވޯޓް ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެޔޮދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދު އެކަންޏެވެ.
މި ބިލާއި ދެކޮޅަށް އިދިކޮޅު އެމްޑީޕީއާއި ބައެއް ކައުންސިލްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. އެގޮތުން މި ބިލް އަނބުރާ ނެގުމަށް އަންނަނީ ގޮވާލަމުންނެވެ.