
މިއީ މަސްވެރިންނަށް ފައިނޭންސް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރުން ފާހަގަކޮށްފައި ވެއެވެ.
މަސްވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއާއި ފިޝަރީޒް މިނިސްޓަރު ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވުނީ މިދިޔަ އެޕްރީލް 28 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން، މެއި 1 ވަނަ ދުވަހުން ފެށިގެން މަސްވެރިންނަށް ލޯނު ދޫކުރަން ފަށާފައިވެއެވެ. މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް މިހާރު ވަނީ އެމީހުންގެ އާމްދަނީއަށް ބިނާކޮށް، ޕަރސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު، އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުންފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީތަކަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު ލިބިފައެވެ.
މަސްވެރިކަމުގެ ގައުމީ ދަފްތަރު އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅުމާއި، މަސްވެރިންނަކީ ދައުލަތް ދަންނަ އާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ. މީގެ އިތުރުން، މި ދަފްތަރަކީ މަސްވެރިންނަށް ބޭންކިންގ ނިޒާމާއި އިޖްތިމާއީ ރައްކާތެރިކަމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް މުހިންމު ވަސީލަތެއްކަމުގައި ވަޒީރުންގެ މަޖިލީހަށް ހުށަހެޅުނު ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ. ސަރުކާރުގެ ވައުދާ އެއްގޮތަށް، މި ދަފްތަރު އެކުލަވާލުމުގައި ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި، ރެކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިން ފަދަ ހަރަކާތްތަކުގެ މައުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ހިމެނޭނެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށް ބެލެވެއެވެ.