
އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރަމުން ދަނިކޮށް ނެގި ވޯޓުގައި މި ބިލު ބަލައިގަތީ ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އާއެކު އެވެ. ބިލާ އެއްކޮޅަށް 49 މެންބަރުން ވޯޓު ދެއްވިއިރު ބިލު ބަލައިނުގަންނަން 12 މެންބަރުން ވޯޓު ދެއްވި އެވެ.
ނޫސްވެރިން ޑިމާންޑް ކުރަމުން ދިޔައީ ބިލު ބަލައިނުގަނެ ބޭޭރުކޮށްލުމަށެވެ. ބިލު ދިރާސާކުރަން ފޮނުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ.
ބިލަށް ބަހުސްކުރެއްވި ސަރުކާރަށް ނިސްބަތްވާ ގިނަ މެންބަރުން ވާހަކަ ދެއްކެވީ ބިލާ އެއް ކޮޅަށެވެ. ބަހުސުން ވެސް ފާހަގަކުރެވުނީ، ގިނަ މެންބަރުންގެ ވިސްނުން ހުންނެވީ ބިލު ތަޅުމަށް ބަލައިގަނެ ކޮމިޓީ މަރުހަލާގައި ނޫސްވެރިންނާ ވާހަކަދައްކައިގެން ބިލަށް ބަދަލުތަކެއް ގެނައުމަށެވެ.
އެމްޑީޕީގެ މެންބަރުން ވިދާޅުވާ ގޮތުގައި ދޮގު ހުއްޓުވުމުގެ ނަމުގައި ސަރުކާރުން މަސައްކަތް ކުރަނީ ކުރާ ވައްކަންތަކުގެ ވާހަކަ ދެއްކިޔަ ނުދިނުމަށެވެ.
އިތުރަށް ކިޔާލަން: މީޑިއާ ބިލުން ފެންނަނީ ސަރުކާރުން ގޯހެއް ހަދަން އުޅޭތަން: އިދިކޮޅު
ބިލް އަނބުރާ ގެންދިޔުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އިތުރުން ގިނަ އަދަދެއްގެ ނޫސްވެރިން ގޮވާލަމުން ދަނީ ބިލު ވަގުތުން ބޭރުކޮށްލުމަށެވެ.
މިހާރު އެ ބިލުގައިވާ ގޮތުން، އެ ބިލު ގާނޫނަކަށް ވުމާ އެކު، މިހާރު އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވޭނެ އެވެ. އެެއަށް ފަހު އެތަނުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ނަމުގައި ރައީސް އުފައްދަވާ އޮފީހަކުންނެވެ.