
މި ދަރަނީގެ ތެރޭގައި ދައުލަތުން ސީދާ ނަގާފައިވާ 127.8 ބިލިއަން ރުފިޔާ އާއި ދައުލަތުން ގެރެންޓީ ދީގެން ނަގާފައިވާ 21.1 ބިލިއަން ރުފިޔާގެ ދަރަނި ހިމެނެއެވެ. ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދަރަނި އިތުރުވެފައިވާއިރު، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ވަނީ 124 ޕަސަންޓަށް އުފުލިފައެވެ.
ދެވަނަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ އެތެރޭގެ ދަރަނި ވަނީ 85.8 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ފުރަތަމަ ކުއާޓަރުގެ އަދަދަށް ވުރެ ގާތްގަނޑަކަށް 1.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ބޭރުން ނަގާފައިވާ ދަރަނި ވެސް ވަނީ އިތުރުވެފައެވެ. ފުރަތަމަ ކުއާޓަރުގައި 41.4 ބިލިއަން ރުފިޔާގައި ހުރި ބޭރުގެ ދަރަނި ދެވަނަ ކުއާޓަރުގައި ވަނީ 42 ބިލިއަން ރުފިޔާއަށް އަރާފައެވެ. ނަމަވެސް، ދައުލަތުން ގެރެންޓީ ދީގެން ނަގާފައިވާ ދަރަނި ވަނީ ކުޑަވެ، 21.1 ބިލިއަން ރުފިޔާއަށް ދަށަށް ގޮސްފައެވެ.
މި ދަރަނިތައް އަދާކުރުމަށްޓަކައި ދެވަނަ ކުއާޓަރުގައި ދައުލަތުން 3.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އޭގެ ތެރޭގައި ޕްރިންސިޕަލް ޕޭމަންޓުގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ އާއި އިންޓަރެސްޓުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ހިމެނެއެވެ. ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ދަރަނީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އޮތީ އިންޑިއާގެ އެގްޒިމް ބޭންކަށެވެ. އެގްޒިމް ބޭންކަށް ދައްކަންޖެހޭ ފައިސާގެ އަދަދު 9.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ދިވެހި ދައުލަތުގެ ބޮންޑުތައް ގަނެފައިވާ ބޭރުގެ ފަރާތްތަކަށް 7.7 ބިލިއަން ރުފިޔާ ދައްކަންޖެހެއެވެ. އަދި ޗައިނާގެ އެގްޒިމް ބޭންކަށް 7.3 ބިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.