
މި މަސައްކަތް ހަވާލުކުރެވުނީ އެ މިނިސްޓްރީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ޕްރޮކިއުމަންޓް ތަފްސީލުން އެނގޭ ގޮތުގައި މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ.
މި ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރިއިރު ތިން ކުންފުންޏަކުން ކުރިމަތިލި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެ ތިން ކުންފުނީގެ ތެރޭގައި ހިމެނެނީ ނެކްސިއާ މޯލްޑިވްސް، ރިޔާން ޕްރައިވެޓް ލިމިޓެޑް އަދި ސީޑީއީ ޕްރައިވެޓް ލިމިޓެޑްއެވެ. ރިޔާން އަދި ސީޑީއީ ކުންފުންޏަށް ޓެކްނިކަލް ބައިން މަދުން ޕޮއިންޓު ލިބުމުގެ ސަބަބުން ފެއިލްވެފައިވާއިރު، އެންމެ މަތިން މާކްސް ލިބިގެން މަސައްކަތް ހަވާލުކުރީ ނެކްސިއާއާއެވެ. މި މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިންމަން ޖެހޭއިރު، މިހާރު ވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކޮށް އާއްމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ފަށާފައެވެ. އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށަކަށް ޒިޔާރަތްކުރުމެވެ.
ނޭޝަނަލް ޑިވެލޮޕްމަންޓުގެ ޕަބްލިކް ރިލޭޝަންސް ޓީމުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ޕްރޮޖެކްޓު ލީޑު މުހައްމަދު ނަޒީފު ބުނީ، އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް މި ޕްލޭން ލޯންޗުކުރެވޭނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުގައި އިއުލާންކުރައްވާފައިވާ މި ތަރައްގީގެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ބަދަލުތައް ގެންނާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. އޭގެ ދަށުން މޮނިޓަރިން ފްރޭމްވޯކަކާއި، ފައިނޭންޝަލް ޕްލޭނެއް އަދި އިމްޕްލިމެންޓޭޝަން ފްރޭމްވޯކެއް ހަދާނެއެވެ.