ads
ދިވެހި އުފެއްދުންތައް ޗައިނާގައި ވިއްކުމަށް ހާއްސަކުރެވިގެން ބޭއްވުނު ވޯކްޝޮޕް
ދިވެހި އުފެއްދުންތަކަށް ޑިމާންޑު ހޯދައިދޭނަން: އަލީބާބާ
ދުނިޔޭގެ އެންމެ ބޮޑު އީކޮމާސް ޕްލެޓްފޯމް ކަމަށްވާ އަލީބާބާއިން ދިވެހި އުފެއްދުންތަކަށް އިންޓަނޭޝަނަލް މާކެޓެއް ހޯދައިދީ ޑިމާންޑު އުފައްދައިދޭނެ ކަމުގެ ޔަގީންކަން ދީފިއެވެ.
Advertisement

މިއީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މިކަމަށްޓަކައި ބޭއްވި ހާއްސަ މަސައްކަތު ބައްދަލުވުމުގައި އޮންލައިންކޮށް އަދި ހާޒިރުވެ 700 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެ، މި ފުރުސަތަށް ބޮޑު ތަރުހީބެއް ދީފައިވެއެވެ.

އަލީބާބާގެ ފަރާތުން މި މަސައްކަތު ބައްދަލުވުމުގައި ވާހަކަ ދެއްކެވި އެ ކުންފުނީގެ ޖެނެރަލް މެނޭޖާ ޕަބްލިކް އެފެއާޒް، ޖޮންގް ޓާއޯ ވިދާޅުވީ، ދިވެހި އުފެއްދުންތަކަށް ޑިމާންޑު އިތުރުކޮށް، މާކެޓު ހޯދައިދިނުމަށް އެ ކުންފުނިން އެހީތެރިވާނެ ކަމަށެވެ. އެގޮތުން، އެ ޕްލެޓްފޯމުގައި ރަޖިސްޓްރީކޮށްފައިވާ 50 މިލިއަން ކަސްޓަމަރުންނަށް އޭއައި ޓޫލްތައް މެދުވެރިކޮށް ދިވެހި އުފެއްދުންތައް އިޝްތިހާރުކޮށް، ލިސްޓުކުރާ ތަކެތި މަގުބޫލުކުރުމަށް "އޭއައި ސްމާޓް އެސިސްޓެންޓް" ގެ އެހީ ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން، އެންމެ ފަހުގެ ޓްރެންޑުތައް ދެނެގަތުމަށް ޑޭޓާ އެނަލިޓިކްސްގެ ހިދުމަތްވެސް އުފެއްދުންތެރިންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފުރުސަތުގެ ސަބަބުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމަށް އުފެއްދުންތައް ވިއްކުމުގެ މަގު ފަހިވެގެންދާނެއެވެ. މިކަން ކަށަވަރުކުރުމަށް މޯލްޑިވްސް ޕޯސްޓުން ޝިޕިންގެ ހިދުމަތްތައް ފޯރުކޮށްދޭނެއިރު، ވިއްކާ ތަކެތީގެ ފައިސާ ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ވަނީ ހާމަކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ ގައުމީ އުފެއްދުންތެރިކަމުގެ 15 ޕަސަންޓަކީ އުފެއްދުންތެރިކަމުގެ ސިނާއަތަށް ހެދުމެވެ. އަލީބާބާއާ ގުޅިގެން ފެށި މި މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެ އަމާޒަށް ވާސިލުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް