
މީޑިއާ ބިލް މިއަދު ތަސްދީގު ކުރެއްވީ، އިސްލާހުތަކާ އެކު އެ ބިލް ފާސްކުރި ނަމަވެސް ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭތީ ތަސްދީގު ނުކުރައްވަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް އެދިފައި ވަނިކޮށެވެ.
އެމްއެމްސީ އާއި އެމްޖޭއޭ އިން ބުނެފައި ވަނީ ބިލް އުވައިލަން އެދި ކޯޓަށް ދާނެ ކަމަށެވެ. އެ ގާނޫނަށް އަމަަލުކުރަން ފެށުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އިދާރީ މުވައްޒަފުންނާއި ވަސީލަތްތައް އެ ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް ވާރުތަވި ނަމަވެސް، އެ ކޮމިޝަނުގެ މެންބަރުންގެ ވެސް މަގާމު މިހާރު ވަނީ ގެއްލިފަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، މީޑިއާ ކޮންޓްރޯލް ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އިދާރާ ރައީސް މިރޭ އުފައްދަވާފައިވާ ކަމަށެވެ. މި ކޮމިޝަނުގައި ތިއްބަވާނީ ނޫސްވެރިންގެ ތެރެއިން އިންތިހާބުކުރާ ހަތަރު މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުން ރުހުން ދޭ ތިން މެންބަރުން ނެވެ.
މީގެއިތުރުން ހުރިހާ ގޮތަކުން އެ ގާނޫނާ ޗެލެންޖު ކުރުމަށް ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކާ މަޝްވަރާ ކުރަމުންދާ ކަމަށް އެމްޖޭއިން ވަނީ ބުނެފަ އެވެ.