ads
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ޕީޖީ އައްބާސްއާއި ސަލާމް ކުރައްވަނީ
ކޮރަޕްޝަން ހިންގާ މީހުންނަށް އަދަބު ލިބޭތަން ފެންނަނީ ނުހަނު މަދުން: ފަނޑިޔާރު
ކޮރަޕްޝަން ހިންގާ މީހުންނަށް އަދަބު ލިބޭތަން ފެންނަނީ ނުހަނު މަދުން ޚާޟާސަޢީ އަދި އަދަބު ލިބޭ ނަމަ ލިބޭ އަދަބަކީ ވެސް ނިސްބަތުން ކުޑަ އަދަބެއް ކަމަށް ފެނަކަން ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދުގެ މައްޗަށް އިއްޔެ އިއްވެވި ހުކުމުގައި ފަނޑިޔާރު ވިދާޅުވެއްޖެ އެވެ.
Advertisement

އިސްގާޒީ މިހެން ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، އޭނާ 4 އަހަރަށް ޖަލަށްލާން އިއްޔެ އިއްވި ހުކުމުގައި އެވެ.

ރަސްމީ ހައިިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ ސައީދުގެ މައްޗަށް އިއްޔެ ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. 

އާންމުކޮށް ޖިނާއީ މައްސަލަތަކުގައި ފެންނަނީ އަދަބު ބޮޑުކުރުމަށް ދައުލަތުން ވަކާލާތުކުރާ ތަނެވެ. ނަމަވެސް އިއްޔެ ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގައި ދައުލަތުގެ ވަކީލުންވެސް ފާހަގަކޮށްފައިވަނީ އަދަބު ބޮޑުކުރާނެ ސަބަބެއް ފެންނާން ނެތްކަމަށެވެ.

ސައީދުގެ މައްޗަށް ކުރި ދައުވާ، ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބާ ބެހޭ ގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ޕީޖީގެ ވަކީލުން ބުނީ ސައީދުގެ މައްޗަށް އަދަބު މަތިވާނެ އަދި ދަށްވާނެ ހާލަތެއް ވެސް ނުފެންނަ ކަމަށާއި އެހެންވެ ކުށުގެ އަސާސީ އަދަބު ކަނޑައަޅައިދިނުމަށެވެ. ސައީދުގެ ފަރާތުން ގާނޫނީ ވަކީލު ނޫރުލް ސަލާމް އެދުނީ ކުށުގެ އަސާސީ އަދަބު ދެ ދަރަޖަ ދަށްކޮށްދިނުމާއިއެކު، ދެވެން އޮތް އެންމެ ކުޑަ އަދަބަކަށް ރިއާޔަތް ކުރުމަށެވެ. 

ނަމަވެސް އަދަބާ މެދު ގޮތް ކަނޑައަޅުއްވަމުން އިސް ގާޒީ އާދަމް މުހައްމަދު ވިދާޅުވީ މި މައްސަލައިގައި އަދަބު މަތިކުރާނެ ހާލަތެއް ފާހަގާނުވާ ކަމަށް ޕީޖީގެ ފަރާތުން ބުނި ނަމަވެސް އަދަބު މަތިކުރާނެ ގިނަ ހާލަތުތަކެއް އެބަހުރި ކަމަށެވެ. 

"ރައްޔިތުންގެ ފައިސާއިން ހިންގާ މިފަދަ ކުންފުނިތަކުގެ އިސް ވެރިންގެ ގޮތުގައި ތިބޭ ފަރާތްތަކުން ހިންގާ ބޮޑެތި ކޮރަޕްޝަންތަކުގެ އަމަލުތަކުގެ ސަބަބުން، އެ ކުންފުނިތެރޭގައި ވެސް ކޮރަޕްޝަނަށް ދޮރު ހުޅުވި އެ ފަސާދަ ފުޅާވެގެން ދިއުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ." ހުކުމުގައިވެ އެވެ.

އިސް ގާޒީ ވިދާޅުވީ މިގޮތަށް ވަކި ބަޔަކަށް ނުހައްގު ފައިދާ ހޯދުމަށްޓަކައި ހިންގާ އަމަލުތަކުގެ ނަތީޖާއަކަށް ވަނީ ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ބޮޑުވެ، އެ ފޫބެއްދުމަށްޓަކައި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުން އަގު ބޮޑުކުރުން ކަމަށެވެ.

".. މި އަމަލު ހިންގާ މީހުންނަށް އަދަބު ލިބޭތަން ފެންނަނީ ނުހަނު މަދުން. އަދި އަދަބު ލިބޭ ނަމަ ލިބޭ އަދަބަކީ ވެސް ނިސްބަތުން ކުޑަ އަދަބަކަށް ވާތީ، މިފަދަ އަމަލުތައް ހިންގާ މީހުންނަށް ލިބޭ ހިތްވަރަކަށް މިކަން ވެފައިވޭ." އިސް ގާޒީ އާދަމް މުހައްމަދު ވިދާޅުވި ވިދާޅުވި އެވެ.

އެހެންވެ އިސް ގާޒީ ހުކުމް ކުރެއްވީ ރަސްމީ ހައިިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި ގާނޫނުލް އުގޫބާތުގެ ދަށުން ދެވޭ އެންމެ ބޮޑު އަދަބު ކަމަށްވާ ހަތަރު އަހަރުގެ ޖަލު ހުކުމެވެ.

މި މައްސަލާގައި ސައީދުގެ އިތުރުން އޭރު އެ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށް ވެސް ދައުވާކޮށްފައިވެ އެވެ. އަދި އޭނާގެ މައްސަލަ ބަލާ މުޅިން ނުނިމެ އެވެ.

ސައީދުގެ މައްޗަށް ހިޔާނާތުގެ އިތުރު މައްސަލައެއްގައި ވެސް ވަނީ ދައުވާ އުފުލާފަ އެވެ. އެ ދައުވާ އުފުލާފައިވަނީ ލ.މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް، އެ ކުންފުންޏަށް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނާ މައްސަލައިގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް