ads
އިސްރާއީލުން ގާޒާއަށް ދެމުންދާ ހަނގުރާމައި ސުންނާފަތި ކޮށްލައިފައިވާ ގެއެއް. ފޮޓޯ:އަލް ޖަޒީރާ
ގާޒާ ހަނގުރާމަ އޮތީ ނިމޭ ހިސާބުގައި ކަމަށް ވިދާޅުވެ ޓްރަމްޕްގެ އާ ހުށަހެޅުންތަކެއް!
ގާޒާ ހަނގުރާމަ އޮތީ ނިމޭ ހިސާބުގައި ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ހުށަހެޅުން ތަކެއް ހާމަކޮށްފި އެވެ.
Advertisement

"ގާޒާއަށް ދާއިމީ ސުލްހަ" ގެނެސްދޭނެ ޕްލޭންގެ ނަމުގައި 20 ކަމެއް ހިމަނުއްވާފައިވާ ޓްރަމްޕްގެ ހުށަހެޅުން ހާމަކުރައްވަމުން ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ ގާޒާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވާނެ ގޮތަކާ ބެހޭ ގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަޝްވަރާ ކުރި ކަމަށެވެ. އަދި މިއަދަކީ ސުލްހައިގެ ތާރީހީ ދުވަހެއްގެ ގޮތުގައި ސިފަކޮށް، ގާޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމާ ވަރަށް ކައިރިވެފައިވާ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.

ޓްރަމްޕް ވިދާޅުވީ ހަނގުރާމައިގެ ނިމުން އޮތީ ވަރަށް ގާތުގައި ކަމަށާއި މި ޕްލޭނަށް ހަމާސް ފިޔަވައި އެހެން ހުރިހާ އެންމެން ވެސް ރުހުން ދީފައިވާ ކަމަށެވެ. އަދި ހަމާސް އިން މި ޕްލޭނަށް ރުހުން ނުދީފިނަމަ އެ ޖަމާއަތާ ދެކޮޅަށް އިޒްރޭލުން ކުރާ ކަންކަމަށް އެމެރިކާ އިން ފުރިހަމައަށް އެއްބާރުލުންދޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

"މިއީ ގިނަ ބަޔަކު އުއްމީދުކުރި މިންވަރަށްވުރެ ބޮޑު ކާމިޔާބީއެއް.. އާ މެދުއިރުމަތީގެ ވައުދު އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެންނަމުންދޭ،" ޓްރަމްޕް ވިދާޅުވި އެވެ.

ހަމާސްގެ އިސް އޮފިޝަލަކު "އަލްޖަޒީރާ"އާ ވާހަކަދައްކަމުން ވަނީ ޓްރަމްޕުގެ ޕްލޭން އަދި މިހާތަނަށް އެ ޖަމާއަތަށް ރަސްމީކޮށް ލިބިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. 

20 ނުކުތާއެއް ހިމެނޭ ޓްރަމްޕް އާ ހުށަހެޅުން ތަކުގައި ހިމެނޭ ކަމަށް ވައިޓް ހައުސް އިން ބުނާ މުހިންމު ކަންކަމަކީ: 

  • އިޒްރޭލުން ގާޒާ ނުހިފުން، އަދި އެއްވެސް މީހަކު ގާޒާ އިން ފައިބަން މަޖުބޫރު ނުކުރުން
  • 72 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ހުރިހާ އަސީރުން ދޫކޮށްލުން
  • އިސްރާއީލުން ބަންދުކޮށްފައިތިބި ގާޒާގެ 1700 މީހުންނާއި އިސްރާއީލުގެ ޖަލުތަކުގައި އުމުރަށް ޖަލާފައިތިބި ފަލަސްތީނުގެ 250 މީހުން ދޫކޮށްލުން
  • ފަލަސްތީން އޮތޯރިޓީ އިސްލާހުކޮށް ފަލަސްތީނުގެ އަމިއްލަ ދައުލަތެއް އުފެއްދުމަށް މަޝްވަރާތައް ފެށުމާއިއެކު އެމެރިކާއިން ވެސް މި މަޝްވަރާގެ ނިންމުން ބަލައިގަތުން
  • ގާޒާއަށް ވަގުތުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން 
  • އދ. އިން ސުޕަވައިޒްކުރުމާއި، އަވައްޓެރި މުސްލިމް ދައުލަތްތަކުން އެކުލެވިގެންވާ ކަމަށް ބެލެވޭ "އިންޓަނޭޝަނަލް ސްޓެބިލިޓީ ފޯސް" އެއް ގާއިމްކުރުން
  • ގާޒާގެ އާންމުންނަށް ހަނގުރާމައިގެ ސަބަބުން ވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވެ އަލުން ބިނާކުރުން

މި ހުށައެޅުން ތަކަށް އިޒްރާއީލުން އެއް ބަސް ވާއިރު މިހާރު އުފެދޭ ސުވާލަކީ، ހަމާސްއިން އެ ހުށަހެޅުން ގަބޫލު ކުރާނެތޯ އުފެދޭ ސުވާލު ކަމަށް އަލްޖަޒީރާގެ ޑިޕްލޮމެޓިކް އެޑިޓަރު ޖޭމްސް ބޭސް ވަނީ ވިދާޅުވި އެވެ. ހަމާސް އިން އެދޭނަމަ މި ހުށަހެޅުން ތަންފީޒުކުރުމުގައި ގަތަރުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބޭސް ވަނީ ވިދާޅުވެފަ އެވެ.

އދ.ގެ އާންމު މަޖިލިސް މި ހަފްތާގައި ފަށާއިރު އަދިވެސް އެތައް ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަނެ އެކަން އިއުލާނުކުރާނެ ކަމަށް ބެލެވެ އެވެ. އދ.ގެ މެންބަރު 193 ގައުމުގެ ތެރެއިން 75 ޕަސެންޓަކީ މިހާރު ވެސް ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާ ގައުމުތަކެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީން ވަނީ ގާޒާގައި މިހާަތަނަށް 65،600 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ގާޒާގެ އެކި ސަރަޙައްދުތަކުގައި ފަލަސްތީނުގެ 50 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފަ އެވެ.

އިޒްރޭލުން ކަންކުރާ ގޮތުން ގާޒާގެ ބޮޑު ސަރަހައްދަކަށް ހައިހޫނުކަން އާންމުވެފައި ވާތީ އެހީ ފޯރުކޮށްދެވޭނެ ގޮތް ވަގުތުން ހަމަޖެއްސުމަށް 100 އަށް ވުރެ ގިނަ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ. އެކަމަކު އިޒްރޭލުން ބުނީ އެ ހައިހޫނުކަމަކީ ހަމާސްގެ އުފެއްދުމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް