ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލުކުރި ދިވެހި ކޮންސަލްޓަންސީ ފާމް ނެކްސިއާ މޯލްޑިވްސް ޓީމުން ބުނިގޮތުގައި 2025 އިން 2045 އަށް އަމަލު ކުރަން ރާވާ 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭނަކީ ރާއްޖޭގެ ވީހާ ވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުން ހޯދުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށެވެ.
ނެކްސިއާ މޯލްޑިވްސް ޓީމުން މިއަދު ބުނީ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ހިޔާލު ހޯދުމުގެ ބައްދަލުވުން މިހާތަނަށް 9 އަތޮޅެއްގައި ފަށާފަވާއިރު، މީގެތެރެއިން 5 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގައި ބައްދަލުވުންތައް ނިމިފަވާކަމަށެވެ.
1- އައްޑޫ ސިޓީ (6 ރަށް)
2- ފުވައްމުލައް ސިޓީ
3- ހއ. އަތޮޅު (15 ރަށް)
4- ވ. އަތޮޅު (5 ރަށް)
5- އދ. އަތޮޅު (7 ރަށް)
މި 5 އަތޮޅުގައި ޖުމްލަ 34 ރަށް ހިމެނެ އެވެ. މިހާރު "ކުރިމަގު ސައްލާ"ގެ ނަމުގައި ބާއްވަމުންދާ ހިޔާލު ހޯދުމުގެ ސެޝަންތައް ކުރިއަށްދަނީ ގދ.އަތޮޅާއި، މ.އަތޮޅާއި، ލ.އަތޮޅާއި، ޅ.އަތޮޅުގަ އެވެ.
މިބައްދަލުކުރުންތަކުގައި ބައިވެރިވެ މަޝްވަރާތަކުގައި ބައިވެރިވުމަށް ރަށު އަދި އަތޮޅު ކައުންސިލްތަކަށާއި, ރަށުގައި ގާއިމްކޮށްފައިވާ ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި، އާންމު ޖަމްއިއްޔާ ޖަމާއަތްތަކާއި ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ފުރުސަތު އޮންނާނެ އެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވަނީ 20 އަހަރުގެ ތަރައްގީގެ ޕްލޭނެއް އެކުލަވައިލުމާއެކު، އެ ޕްލޭނަށް ގާނޫނީ ހިމާޔަތްވެސް ދިނުމަށެވެ. ބޭނުމަކީ ސަރުކާރުތަކުން ތަރައްގީގެ މައިގަނޑު އަމާޒުތަކާއި ލަނޑުދަނޑިތަކަށް ބަދަލުނުގެނެވޭ ގޮތަށް ދެމެހެއްޓެނެވި ތަރައްގީގެ އުސޫލުތަކުގެ ތެރެއިން ރާއްޖޭގެ ކުރިއެރުން ކަށަވަރުކުރުމެވެ.
ކުރިއަށް އޮތް 20 އަހަރު ދުވަހަށް ރާއްޖޭގެ "ގައުމީ ތަރައްގީގެ ޕްލޭން" އެކުލަވާލުމަށް 50 ރަށަކުން ހިޔާލު ހޯދައިފައިވާއިރު، ގައުމުގެ މިސްރާބު އެއް އަމާޒަކަށް ގެންދިއުމަށް މިފަހުން "އެދޭ ރާއްޖޭ" ނަމުގައި ހަރަކާތެއް ފަށައި، އެ ހަރަކާތުން ވަނީ ގައުމީ ޑައިލޮގްއަކަށް ގޮވާލާފަ އެވެ.
ކުރާ ހޭދަ އާ އެއްވަރުގެ ތަރައްގީއެއް ނުލިބި ގައުމު ދަރުވާލާފައި ދަރަންޏަށް ޒިންމާވާން ނުޖެހޭ ރައީސުން ގައުމު ހަލާކުގެ މަގަށް ގެންދާ ގެންދިއުން ނިމުމަކަށް ގެންނަށް ޖެހެނެ އެވެ. އެ މަގަށް ރާއްޖެ ގެންދެވޭނީ ރާއްޖެ އޮންނާނެ ގޮތެއް ކަނޑައަޅައިގެންނެވެ. އެކަން ކުރަން ޖެހޭނީ އެކަކު ނުވަތަ އެއް ރައީސަކު ނުވަތަ އެއް ޕާޓީއަކުންނެތް ނޫނެވެ. އެކަން ކުރަން ޖެހޭނީ ހުރިހާ ފިކުރަކާއި އެންމެންގެ ބައިވެރިވުމާއެކު އިލުމީ ދިރާސާތަކާއި ތަޖުރިބާކާރުންގެ ތަޖުރިބާއަށް ވެސް ބަލައިގެންނެވެ.
އެކަން އެ މަގަށް ރާއްޖެ ގެންދިޔުމަށް މިދިޔަ މަހު ފެށި އެދޭ ރާއްޖެ ހަކަރާތުން ވަނީ ގައުމީ ތަރައްގީގެ ތަސައްވަރަކާއި ގައުމީ ތަރައްގީގެ ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލައިގެން ނޫން ގޮތަކަށް ރާއްޖެ ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދަން ގޮވާލާފަ އެވެ. ގައުމީ ތަސައްވަރަކާއި ދުރު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމަށް "އެދޭ ރާއްޖެ" ހަރަކާތުން ހުށަހަޅާފައިވަނީ ތިރީގައިވާ ހުށަހެޅުމެވެ.
ގައުމީ ތަސައްވުރު
މައްސަލަ:
ދިވެހިރާއްޖޭގެ ތަރައްގީގެ މިސްރާބު، ކޮންމެ ފަސް އަހަރަކުން ސަރުކާރާއިއެކު ބަދަލުވަމުންދެއެވެ. ގައުމީ ތަރައްގީގެ ތަސައްވުރެއް ނެތި، ދިގުރާސްތާގެ ޕްލޭނެއްނެތި، ހަރަދު ބޮޑު ބިޔަ މަޝްރޫއުތައް ސިޔާސީ ބޭނުމަށް ސަރުކާރުތަކުން ތަންފީޒު ކުރެއެވެ. އަދި އަތޮޅުތަކުގައި ސިޔާސީ ބޭނުމަށް ބައެއް މަޝްރޫއުތައް ސަރުކާރުތަކުން ދަނީ ހިންގަމުންނެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ވަސީލަތްތައް އިސްރާފުވެ، ދައުލަތުން ކުރާ ހޭދައިން ގައުމަށް ލިބެންޖެހޭ ކުރިއެރުން ނުލިބެއެވެ.
އެދޭ ރާއްޖޭގެ ހުށަހެޅުން:
ނަތީޖާ:
މުޅި ދިވެހިރާއްޖެ ހިއްސާވާ ތަރައްގީގެ ތަސައްވުރެއް އެކުލަވާލެވި، ކޮންމެ ފިކުރެއްގެ ސަރުކާރެއް އޮތް ކަމުގައިވިޔަސް، ތަރައްގީގެ ކަންކަން އެއްކީލިވެ، އެއް މިސްރާބަކަށް ދާން މަގުފަހިވާނެއެވެ. ހަމަ އެހެންމެ، ސިޔާސީ ބޭނުމަށް ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހަނި ކުރެވިގެންދާނެއެވެ.
މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންގެ ހިޔާލާއި މަޝްވަރާއަށް އެދޭ ރާއްޖެ ޓީމުން ގޮވާލަ އެވެ.