ads
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)
ދައުލަތުގެ ފައިސާގެ ތެރެއިން ލޯ ލާރިއެއްގައި ވެސް ޖެހިފައި ނުވާނެ: ސޯލިހު
ދައުލަތުގެ ފައިސާގެ ތެރެއިން ލޯ ލާރިއެއްގައި ވެސް ޖެހިފައި ނުވާނެ ކަމަށް ކުރީގެ ރައީސް އިބުރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
Advertisement

ސޯލިހު މިހެން ވިދާޅުވީ ފެނަކައިގެ މައްސަލައިގެ ތެރެއިން މާލީ ގޮތުން އެއްވެސް ފައިދާއެއް ލިިބިވަޑައިގެންނެވިތޯ، ރާއްޖެ ޓީވީން ކުރި ސުވާލަށް ދެއްވި ޖަވާބުގައި އެވެ. ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި މިއަދު އިބޫއާ ސުވާލު ކުރެއްވީ ފެނަކައިގެ ތެރެއިން އެއްވެސް މާލީ ފައިދާއެއް ލިިބިވަޑައިގެންނެވިތޯ އެވެ.

ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓާ ގުޅިގެން ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ ވެރިކަމުގައި ހުންނެވި އިރު، ރައްޔިތުންގެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިގެންފައި ނުވާނެ ކަމަށާއި، ޖަވާބު ދާރީ ނުވެވޭ އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ ކަމަށެވެ.

"ފުރަތަމަ ކަމަކަށް ވެސް އަޅުގަނޑަށް ޖަވާބުދާރީ ނުވެވޭ ކަމެއް ކޮށްފައެއް ނޯންނާނެ ވެރިކަމުގަ ހުރެ. ކޮށްފައި ހުރި ކޮންމެ ކަމެއް، އަޅާފައި ހުރި ކޮންމެ ފިޔަވަޅަކަށް އަޅުގަނޑަށް ޖަވާބުދާރީވާން ޖެހުނު ކޮންމެ ތަނެއްގައި އިރާދަކުރެއްވިއްޔާ ވެވޭނެ،" ސޯލިހު ވިދާޅުވި އެވެ.

ފެނަކަ ރިޕޯޓަކީ ކުއްލިއަކަށް ދަންވަރު ގަޑީގައި ނެރުނު ރިޕޯޓެއްކަން ފާހަގަ ކުރައްވައި، އެމަނިކުފާނު އެ ރިޕޯޓު ސިފަކުރެއްވީ އެއީ ސިޔާސީ ރިޕޯޓެއްގެ ގޮތުގަ އެވެ.

ފެނަކައާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، ފެނަކައިގެ އޭރުގެ އެމްޑީ ސައީދުގެ މައްޗަށް މިދިޔަ އާދިއްތަ ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެކަމަކު، އެމްޑީޕީން އަންނަނީ އެއީ ސިޔާސީ ދައުވާއެއް ކަމަށާއި ސައީދާ ދޭތެރޭ ކަންތައް ކުރަނީ އިންސާފުން ނޫން ކަމަށް ތުހުމަތުކުރަމުންނެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ސައީދު ހުންނަވައިގެން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރަމުންދާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 2021 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަމާލުކަމަށް ގެނަ އެވެ.

އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެކަމަކު، އޭރުގެ ވެރިކަން ނިމުނުއިރު، އެ ކޮރަޕްޝަންގެ ތުހުމަތުތަކަށް ފިޔަވަޅެއް ނާޅަ އެވެ. 

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އޮޑިޓު އޮފީހުން އާންމުކުރި މި ރިޕޯޓުގައި ތަފުސީލީ ގޮތެއްގައި، ފެނަކައިން ހިންގާފައިވާ ހިޔާނާތުގެ އެތައް އަމަލެއް އަދި ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ އެތައް އެއްބަސްވުމެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކަރަންޓު ކޭބަލާއި ޖަނަރޭޓަރު ގަތުމުން ފެށިގެން ގޮސް ފެނަކައިގެ މަޝްރޫއުތައް ހިންގި ރަށްރަށުގައި، އެ މަޝްރޫއުތަކުގައި މަސައްކަތްކުރި މުވައްޒަފުންނަށް ކޭޓަރިން ހިދުމަތް ފޯރުކޮށްދޭން ވެފައިވާ އެއްބަސްވުންތައް ހިމެނެ އެވެ.

އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2021 އިން 2023 އަށް ފެނަކައިން ޖުމްލަ 674 އެއްބަސްވުމެއްގެ ދަށުން 2.2 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރި އެވެ. މީގެ ތެރެެއިން 439 އެއްބަސްވުމެއްގައި ސޮއިކުރީ ބިޑަށް ހުޅުވައިނުލަ އެވެ. އެ އެއްބަސްވުންތަކުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.

މީގެ ތެރެއިން ސައީދުގެ އާއިލީ ގޮތުން ގުޅުންހުރި ތިން ކުންފުންޏަކާއެކު ގިނަ އެއްބަސްވުންތަކެއް ހަދައި 31 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް