ފުލުހުންގެ ހިދުމަތުގައި އަންހެނުންގެ ދައުރު ފުޅާކޮށް، ލީޑަރޝިޕްގެ ދާއިރާއިން ބާރުވެރިކުރުވުމަށް އަމާޒުކޮށްގެން ބޭއްވި 'މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓް 2025' ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ކްރޮސްރޯޑްސްގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ސަމިޓަކީ ރާއްޖޭގެ އިތުރުން ގިނަ އަދަދެއްގެ އިންޓަނޭޝަނަލް އަދި ސަރަހައްދީ ބައިވެރިންނާއެކު ކުރިއަށް ގެންދެވުނު ވަރަށް މުހިންމު ހަރަކާތެކެވެ.
މި ސަމިޓްގައި ރާއްޖޭގެ ސަލާމަތީ އަދި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ 50 އަށް ވުރެ ގިނަ އޮފިޝަލުން ބައިވެރިވިއެވެ. މީގެ އިތުރުން އިންޓަޕޯލް، ޔޫއެންޑީޕީ އަދި ޔޫއެން ވިމެން ފަދަ އިންޓަނޭޝަނަލް ޖަމާއަތްތަކާއި، އެމެރިކާ، އޮސްޓްރޭލިއާ، އިންޑިއާ، ސިންގަޕޫރު އަދި މެލޭޝިއާ ފަދަ ގައުމުތަކުގެ ފުލުހުންގެ އިދާރާތަކުންވެސް ބައިވެރިވެ، ތަޖުރިބާ ހިއްސާކުރިއެވެ. ސަމިޓްގެ ބައިވެރިން ވަނީ ތަންފީޒީ ދާއިރާގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކާއި، ކުރިއެރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކާފައެވެ.
ސަމިޓްގެ ތެރެއިން ގިނަ މުހިންމު ކަންތައްތަކެއް ވަނީ ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ސަލާމަތީ ހިދުމަތްދޭ ފަސް އިދާރާއެއްގެ މެދުގައި ލީޑަރޝިޕް އަދި ކެޕޭސިޓީ ތަރައްގީކުރުމާ ގުޅޭ ޑިކްލަރޭޝަނެއްގައި ސޮއިކުރުން ހިމެނެއެވެ. މީގެ އިތުރުން 'މޯލްޑިވްސް ވިމެން އިން ޕޮލިސިންގ' ގެ ނަމުގައި ފޮތެއް ވަނީ ނެރިފައެވެ. އަދި އަންހެން ފުލުހުންގެ ހިދުމަތް ރަމްޒުކޮށްދޭ 'ޗެލެންޖް ކޮއިން' އެއް އިފްތިތާހުކުރުންވެސް ކުރިއަށް ދިޔައެވެ. މިއީ ރާއްޖޭގެ ފުލުހުންގެ ހިދުމަތުގައި އަންހެން އޮފިޝަލުންނަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.