ސަރުކާރުގެ އަމާޒަކީ ދަނޑުވެރިންނަށް އިގްތިސާދީ ގޮތުން ފައިދާ އިތުރުކޮށްދީ، މި ދެ ބާވަތުގެ އުފެއްދުންތެރިކަން ރާއްޖޭގައި އިތުރުކުރުމެވެ.
އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ސޯޝަލް މީޑިއާގައި ވިދާޅުވީ، މުރަނގަތޮޅި އާއި ކާއްޓަކީ ދިވެހިންގެ ދިރިއުޅުމުގެ އަސާސީ ބައެއް ކަމަށާއި، ޒަމާނަށް އައި ބަދަލުތަކާއެކު މި ބާވަތްތައް ހެއްދުމާއި ބޭނުންކުރުން މަދުވެފައިވާ ކަމަށެވެ. އެހެންކަމުން، މިކަމަށް ހޭލުންތެރިކަން އިތުރުކޮށް، ރުކާއި މުރަނގަ އާލާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މުރަނގައިގައި ހަށިގަނޑަށް ބޭނުންވާ ގިނަ ވިޓަމިންތަކާއި މިނަރަލްސް ހިމެނޭކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މުރަނގަ ގަހުގެ އެކި ބައިތަކުން ސައި، ޕައުޑަރު، ތެޔޮ އަދި ސްކިންކެއާ އުފެއްދުންތައް ރާއްޖޭގައި އުފެއްދިދާނެ އެވެ. އަދި ރުކުގެ އެކި ބައިތައް ބޭނުންކޮށްގެން ކާނާއާއި ބުއިންތަކުގެ އިތުރުން ހުނި، ފައިބަރު، ކޮތަޅު އަދި ރޯނުފަދަ ތަކެތި އުފެއްދުމުގެ ފުރުސަތު އެބައޮތެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެހީތެރިވުމުގެ ގޮތުން، އެގްރިކަލްޗާ މިނިސްޓްރީން ވަނީ މުރަނގަ އަދި ކާށި އާލާކުރުމަށް ކޮންސަލްޓެންޓެއް ހޯދަން އިއުލާނުކޮށްފަ އެވެ.