ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށް، 12 މީހަކު ވަނީ ފުރުން މަނާކޮށްފަ އެވެ.
ކަސްޓަމްސްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މައްސަލައިގައި ހިމެނޭ، ސުޕްރިންޓެންޑެންޓް ޒިވާރު މިއަދުން ފެށިގެން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި ތަހުގީގަށް ފާހަގަކުރެވޭ ކަންކަމަށް ބަލައި، އިތުރު ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް އެތަނުން ބުންޏެވެ.
ކަސްޓަމްސް އިން ކުރިން ބުނެފައި ވަނީ ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެ އަށް ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކް ވަގަށް އެތެރެކުރިކަން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފަޅާ އަރައި، އެ މަހުން ފެށިގެން އެ ދެ ކޮންޓެއިނަރު ހުރީ އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގައި ބަހައްޓައިފަ އެވެ. އެއީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާތީ އެވެ.
އެ ސިނގިރޭޓް ދެ ކޮންޓެއިނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ނެތް ކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ. އެ ހިސާބުން އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މިއަދު އެމްޕީއެލްއިން ނެރުނު ބަޔާނެއްގައިވަނީ، އެ ކުންފުނިން ވެސް އެތެރޭގެ ތަހުގީގެއް ހިންގަމުން އަންނަ ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން އެމްޕީއެލްގެ ސެކިއުރިޓީ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ކޯސްޓް ގާޑްގެ ގާބިލު އަދި ތަޖުރިބާކާރު މެރިޓައިމް ކޮމާންޑަރުން ހިމެނޭ ޓީމެއް ކަނޑައަޅައި، މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލޭ ޓާމިނަލްގެ ސެކިއުރިޓީ އޮޑިޓެއް ފަށައިފައިވާ ކަމަށް ވެސް އެމްޕީއެލްއިން ބުނެފައި ވެއެވެ.