ads
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
އައްޑޫ ވޯޓާ ގުޅުވާ ފައްޔާޒުގެ ސުވާލެއް؛ މައްސަލަތަކަށް ހައްލު ލިބޭނެތޯ؟
އައްޑޫ ސިޓީން އެ އަތޮޅުގެ ތިން ރަށެއް ވަކިކުރަން ފެނޭތޯ ބެލުމަށް އަވަސް އަރުވާލައިގެން ވޯޓެއް ނެގުމުން ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކަށް ހައްލު ލިބޭނެތޯ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ސުވާލު އުފައްދަވައިފި އެވެ.
Advertisement

އައްޑޫ ސިޓީ ކައުންސިލުގެ ދަށުން މިހާރު ހިންގަމުންދާ ހުޅުދު އާއި މީދޫ އަދި ފޭދޫ ވަކިކޮށް، އެ ތިން ރަށުގައި ވަކިވަކިން ކައުންސިލުތައް ހެދުމަށް ފެނޭތޯ ބެލުމަށް ތިން ރަށުގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޮޓެއް ނަގަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މިކަމާއި ގުޅުވާ އެކްސްގައި ފައްޔާޒް މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ބައިކުރާ ވޯޓާ ގުޅޭގޮތުން އައްޑޫގެ ވަރަށް ގިން އެމްޑީޕީ މެންބަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި އައްޑޫ ބައިކުރާ ވޯޓާ ގުޅިގެން އެ ރައްޔިތުންގެ ވަރަށް ބައިވަރު ކަންބޮޑުވުންތަކާއި ސުވާލުތައް އެބަހުރި ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"ރެފަރަންޑަމްގެ ނަތީޖާގެ ސަބަބުން އެ ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކަށް ހައްލު ލިބިގެންދާނެތޯ؟ ނުވަތަ އޭގެ ސަބަބުން އެ ތަކުލީފުތައް ވާނީ އިތުރުތޯ؟ ރެފަރަންޑަމްގައި ނިންމާ ގޮތްތަކުން ނުކުންނާނެ ނަތީޖާގެ ސާފު މައުލޫމާތު ސަރުކާރުން ޒިންމާދާރުކަމާއެކު ރައްޔިތުންނަށް އޮޅުންފިލުވައި ދިނުން މުހިންމު،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ މި ކަންކަން ނުކޮށް އެހާ އަވަސް އަރުވާލައިގެން ރިފަރަންޑަމްއެއް ނެގުމުގެ ބަދަލުގައި، އައްޑޫގެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ހައްލުކުރުމަށް ގާނޫނަށް ބަދަލު ގެނެސްގެން ހައްލު ހޯދައި ދެވެން އެބައޮތް ކަމަށެވެ. އަދި ރިފަރަންޑަމްގައި ރައްރަށަށް ދިމާވެފައިވާ މައްސަލަ ގާނޫނުން ހައްލުކޮށް، މިހާރު އޮތްގޮތަށް ހުރިހާ ރަށެއް އެއްކޮށް ބޭއްވުމާ މެދު ރައްޔިތުން ދެކޭގޮތް ރިފަރަންޑަމަށް އިތުރުކުރަންވެސް ރައްޔިތުން ބޭނުންވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އެކަށީގެންވާ ވަގުތާއި މައުލޫމާތު ފޯރުކޮށްނުދީ އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ހިޔާލު ހޯދުމުގެ ވޯޓެއް ނަގާތީ ޖަމިއްޔާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން، ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި ޕްރޮޖެކްޓް ތިމާވެށްޓާއި މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަނާއި ޒީރޯ ވޭސްޓް މޯލްޑިވްސްއިން ގުޅިގެން ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައިވަނީ، އެ ވޯޓުގެ ނަތީޖާގެ އަސަރު މުޅި ސިޓީގެ އެންމެންނަށް ކުރާނެ ކަމަށާއި، އެހެންވެ ވޯޓުގައި ސިޓީގެ އެންމެން ބައިވެރިނުކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

މިހާރު އައްޑޫގެ ހުރިހާ ރަށްތަކެއް (އަވަށްތަކެއް) ތަމްސީލުވާ ގޮތަށް ސިޓީ ކައުންސިލެއް އޮންނަ އިރު، އައްޑޫގެ ތިން ރަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓަކަށް ދާން ނިންމީ ތިން ރަށުގެ ރައްޔިތުން އެކަމަށް އެދިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.

އެ ވޯޓު އިއުލާން ކުރެއްވުމަށް ފަހު ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ ވޯޓާ ގުޅިގެން ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށާއި ރައްޔިތުންގެ މެޖޯރިޓީން ނިންމާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާނެ ކަމަށެވެ.

"އައްޑޫ ގެ ފޭދޫ، ހުޅުދޫ، މީދޫ ގައި ނަގާ ރިފަރަންޑަމް ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއްނެތް. ސަރުކާރުން އިހްތިޔާރު ކުރާ ވަކި ނަތީޖާއެއްނެތް. ރައްޔިތުންގެ މެޖޯރިޓީ އިން ނިންމަވާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި މަހު 25، ގައި ނަގާ މި ވޯޓުގައި ފުރަތަމަ ހިމެނުނު ހުޅުދޫ އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގަން ފެނޭތޯ އޮތް ސުވާލު ރައީސް މުހައްމަދު މުއިއްޒު މިހާރު ވަނީ އުނިކުރައްވައިފަ އެވެ. އެހެންކަމުން މި ވޯޓުގައި ދެން ހިމެނޭނީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ބެހޭ ސުވާލުތައް އެކަންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އައްޑޫ އާންމު ވޯޓުގައި 11 ވޯޓު ފޮށްޓެއް އައްޑޫގައި ބަހައްޓާއިރު، ހަތް ވޯޓު ފޮށްޓެއް މާލޭގައި ބަހައްޓާނެ ކަމަށެވެ. މާލޭގައި ވޯޓު ފޮށިތައް ބަހައްޓަނީ ކަލާފާނު ސްކޫލުގަ އެވެ. 

އީސީން ބުނީ، ވޯޓުލާން ދާންޖެހޭ ތަން VR (Space) NID No ޖެއްސެވުމަށް ފަހު 1414 އެސްއެމްއެސް ފޮނުއްވައިގެން ނުވަތަ ކޮމިޝަންގެ ވެބްސައިޓު މެދުވެރިކޮށް ބެލޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް