ކޯޓު އަމުރަކުން ހުއްޓުވައި، ބޮންޑެޑް ވެއާހައުސްއެއްގައި ބަހައްޓާފައި ހުރި 575 ކޭސް ސިނގިރެޓް ވަގަށް ބޭރުކުރި މަރުހަލާގައި އެގްޒޮޓިކް އެންޓަޕްރައިޒަސް ނަމަކަށް ކިޔާ ކުންފުނީގެ ހިއްސާ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރަކަށް ދީފައިވާކަން ހާމަވީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ( 241 ކޮމިޓީ) ގެ ހޯދުންތަކުންނެވެ.
މި ކަމާއި ގުޅިގެން ސިރުހާން ނެރުއްވި ބަޔާނުގައި ވަނީ، "އެގްޒޮޓިކް އެންޓަޕްރައިސަސް" އާ ގުޅުނުއިރުވެސް އެ ކުންފުންޏަކީ ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށެެވެ.
އެހެންނަމަވެސް އެ ކުންފުންޏާ ގުޅުނުތާ މާ ގިނަ ދުވަހެއް ނުވެ، ސިޔާސީ މަސައްކަތަށް ވަގުތު ހުސްކުރުމުގެ ގޮތުން އެގްޒޮޓިކް އެންޓަޕްރައިސަސް ހިމެނޭހެން އޭނާ ހިއްސާވާ ކުންފުނިތަކުގެ ރަޖިސްޓްރީ ދޫކޮށްލާފައިވާނޭ ކަމަށް މެމްބަރު ސިރުހާން ވިދާޅުވިއެވެ. އަދި "އެގްޒޮޓިކް އެންޓަޕްރައިސަސް" ހިއްސާދާރަކަށް ހުރި މުއްދަތުގައިވެސް ގާނޫނާ ހިލާފަށް އެ ކުންފުނިން އެއްވެސް މުއާމަލާތެއް ކޮށްފައި ނޯންނާނެކަމަށް ސިރުހާން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާއިން ފާސްކުރި އެ ރިޕޯޓުގައިވާ ގޮތުން ކަސްޓަމްސްގައި އެ ބޮންޑެޑް ވެއާހައުސް ރަޖިސްޓްރީ ކުރި އިރު، ކުންފުނީގެ ހިއްސާދާރުންނަކީ ލުބުނާ ހުސައިން މަނިކާއި އަބްދުﷲ ހަސަން ކިޔާ މީހެކެވެ.
ނަމަވެސް އޭގެ ފަހުން އެގްޒޮޓިކް އެންޓަޕްރައިޒަސް އިން 9 ޑިސެމްބަރު 2023 ގައި ފޭކް ސިނގިރޭޓް އެތެރެކުރި އިރު ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ލުބުނާ ހުސައިން މަނިކާއި ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ ޕީއެންސީގެ މިހާރުގެ މެމްބަރު މުހައްމަދު ސިރުހާންއެވެ.