ސޯޝަލް މީޑިއާގައި ރައީސް މުއިއްޒު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ މަހްމޫދު ރިޔާޒާއި އަބްދުﷲ ވަހީދު މަގާމުން ވަކިކުރީ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލަ އާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓްތަކެއް ވަގަށް އެތަނުން ނެރުނު މައްސަލައާ ގުޅިގެން، މަޖިލީހުގެ ކޮމެޓީން ދީފައިވާ ލަފައަށް ރިއާޔަތްކޮށް ކަމަށެވެ.
ކަސްޓަމްގައި 33 އަހަރު ހިދުމަތް ކުރައްވާފައިވާ މަހްމޫދު ރިޔާޒު ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. މަހްމޫދު ރިޔާޒުގެ މައްސަލަ އަލުން ބަަލއިދޭން އެދި އޭނާގެ ނިސްބަތްވާ ދާއިރާގެ މެމްބަރު ކުޑޫ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ 2017ގައި ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރުމުގައި އެހީތެރިވި ކަމަށް ބެލެވޭ މައްސަލައިގައި ކަސްޓަމްސްގެ ގާނޫނުގެ ދަށުން ވަކިކުރި މަހުމޫދު ރިޔާޒަކީ އިހްލާސްތެރިކަމާ އެކު ކަސްޓަމްސްގައި 30 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
އެހެންކަމުން ކުޑޫ ވަނީ މަހްމޫދު ރިޔާޒުގެ މައްސަލަ 241 ކޮމެޓީން އަލުން ބަލާދިނުމަށް އެދިފައެވެ.
ކުޑޫގެ ސިޓީއާ ގުޅިގެން 241 ކޮމިޓީގެ މުގައްރަރި އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، މަހުމޫދު ރިޔާޒު ނިސްބަތްވާ ދާއިރާގެ މެމްބަރުގެ ފަރާތުން މައްސަލަ އަލުން ބަލައިދޭން އެދިވަޑައިގެންފައިވާތީ އެކަން އެ ކޮމިޓީން ބަލާނެ ކަަމަށެވެ. އެގޮތުން އެ މައްސަލަ ދިރާސާކޮށް އެކަމާ މެދު ގޮތެއް ނިންމައި ރައްޔިތުންނަށް ޖަވާބެއް ދޭނެކަމަށްވެސް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވި އެ ބައްދަލުވުން ބޭއްވޭނެ ކަމަށް ލަފާކުރެވޭނީ އަންނަ ހޯމަ ދުވަހުކަމަށެވެ.