މި އަހަރު ރާއްޖެއަށް ޓޫރިސްޓުން ގެންނަން ސަރުކާރުން ކަނޑައަޅާފައިވާ ޓާގެޓަކީ، 2.3 މިލިއަން ޓޫރިސްޓުންނެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި އަހަރު ޒިޔާރަތްކުރާނެ ކަމަށް ބެލެވެނީ 2.2 މިލިއަން ފަތުރުވެރިން ކަމަށާއި އެ އަދަދަކީ 2024 ވަނަ އަހަރަށްވުރެ 9.3 ޕަސެންޓް އިތުރުވުމެއް ކަމަށެވެ.
ފަތުރުވެރިންގެ އަދަދު 8.8 ޕަސެންޓް އިތުރުވެ އަންނަ އަހަރު 2.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރީ 1.8 މިލިއަން ފަތުރުވެރިންނެވެ.
މިއީ މިދިޔަ އަހަރު މި މުއްދަތުގައި ޒިޔާރަތްކުރި 1،641،937 ފަތުރުވެރިންނަށްވުރެ 9.9 ޕަސެންޓް އިތުރު އަދަދެކެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުގެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ރާއްޖެ ޓޫރިޒަމްގެ މަތީ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީ އަންނަނީ ގިނަ މަސައްކަތްތެކެއް ކުރަމުން ނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އޮކްޓޫބަރު 29 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިކަމަށް ބޭނުންކުރާ އެނދުގެ އަދަދަކީ 66،030 އެވެ.
މީގެ ތެރެއިން 67 ޕަސެންޓް ހުރީ ރިސޯޓުތަކުގަ އެވެ. އެގޮތުން 176 ރިސޯޓެއްގައި 44،239 އެނދު ހުރި ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.
ރާއްޖޭގެ 111 ރަށެއްގައި ހިންގާ 934 ގެސްޓްހައުސެއްގައި 16،060 އެނދު ހުރިއިރު މިއީ ޖުމްލަ އެނދުގެ 24 ޕަސެންޓެވެ.
ފަތުރުވެރިކަމަށް ބޭނުންކުރާ 164 ޓޫރިސްޓް އުޅަނދެއްގައި 3،247 އެނދު ހުރިއިރު ނުވަ ރަށެއްގައި ހިންގާ 16 ޓޫރިސްޓް ހޮޓަލެއްގައި 2،484 އެނދު އެބަހުއްޓެވެ.