ރައުދު ކުށަށް އެއްބަސްވެފައިވަނީ ކްރިމިނަލް ކޯޓުގައި އޮތް އެ މައްސަލައިގެ ޝަރިއަތުގައެވެ. ރައުދު ކުށަށް އެއްބަސްވެ ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދައިފައެވެ.
އެހެން ހެދުމުން އަދަބު ލުއިވެ، މައްސަލަ އަވަހަށް ނިމޭނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ ހަފްތާގައި މި މައްސަލައިގެ ހުކުމް ކުރުމަށް ކޯޓުންވަނީ ނިންމާފައެވެ.
އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒް ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ރޭ ހިނގި އެއްވެސް ކަމެއް ހަނދާނެތްކަމަށް އެ މައްސަލާގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލު ބުނެފައިވާކަމަށް ރިޔާސީ ކޮމިޝަނުންވަނީ ބުނެފައެވެ.
ރައުދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. މި މައްސަލައާ ގުޅިގެން ރައުދު އެތައް ދުވަހަކު ބަންދުކޮށްފައި ހުރުމާއި، އަދި އިއުތިރާފު އެއްބަސްވުމެއް ހެދުމާއެކު ދެން މި ކޭސްގައި ރައުދުއަށް އަންނާނެ މާބޮޑު އަދަބެއް އޮންނާނެ ކަމަކަށް ނުބެލެވެއެވެ.