އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޑްރެސްކޮށް ފައްޔާޒު ރޭ ފޮނުވި ދިގު ސިޓީގައިވާ ގޮތުން، އޭނާއަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
އަދި ރަސްމީކޮށް އިއުލާން ނުކުރެއްވި ނަމަވެސް އެ ޕާޓީގެ ޓިކެޓްގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ހުރި އެހެން ބޭފުޅުން ވެސް އެ ޕާޓީގައި ތިއްބެވި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން އެހެން އޮތުމުގެ ސަބަބުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުން ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ އެތެރޭގައި މިހާރު އޮތް "ފިތުނަ" ނައްތާލުން ނުވަތަ އެ ވިސްނުން ބަދަލުކުރަންޖެހޭ ބަޔަކީ އެ ޕާޓީގެ ލީޑަޝިޕާއި ގައުމީ މަޖިލިހުގެ މެމްބަރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން މަގާމު އަދާކުރެއްވުމަކީ "ވަރަށް ބޮޑު ޝަރަފެއް" ކަމަށާއި ކުރިއަށް އޮތްތަނުގައި ގައުމީ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ޕާޓީގެ މިހާރުގެ އެޑްވައިޒަރު ސޯލިހު، އަދި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުއާއެކު އެބޭފުޅުންގެ ފަހަތުގައި ހުންނަވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ އަންނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރުގެ ޓިކެޓް ހޯދުމުގެ ވާދަވެރިކަން އެ ޕާޓީގެ ތެރޭގައި ވަރަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެމްޑީޕީގެ ތެރެއިން މޭޔަރުގެ ޓިކެޓު ހޯދަން ކެމްޕެއިން ކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމާއި މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ.
ފައްޔާޒު، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ހޮވިވަޑައިގަތީ 23 މެއި 2022ގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހުމީއާ ވާދަކުރެއްވުމަށް ފަހުއެވެ.