ads
ގާނޫނު އަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުގައްރިރު އިބްރާ ރައްޔިތުންގެ މަޖިލީހުގައި - ފޮޓޯ: މަޖިލީސް
އަތޮޅު ކަައުންސިލް އުވާލުމުން އިބްރާގެ ސުވާލުތަކެއް!
ދެން އޮންނަ ކައުންސިލް އިންތިހާބުން ފެށިގެން އަތޮޅު ކައުންސިލްތައް އުވާލައި އެ އިންތިހާބުގައި އަތޮޅު ކައުންސިލަރުން އިންތިހާބު ކުރަން ނުޖެހޭ ގޮތަށް ހެދުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް މިދިޔަ ހަފްތާގައި ހުށަހެޅި އިސްލާހު މިއަދު މަޖިލީހުން ފާސްކުރުމުން ގާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އިބްރާހިމް އިސްމާއީލް (އިބުރާ) ސުވާލުތަކެއް ކުރިމަތިކުރައްވައިފި އެވެ.
Advertisement

މިއަދުގެ މަޖިލިސް ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމުން ބިލު ފާސްވީ 75 މެންބަރުންގެ ވޯޓާ އެކު އެވެ. ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ)ގެ ތިން ވަނަ ނަންބަރުގައިވާ ގޮތުން، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި އަތޮޅު ކައުންސިލް ވެސް ހިމެނެ އެވެ. އަދި އަތޮޅު ކައުންސިލްގެ ރައީސްއާ އެކު އެ ކައުންސިލްގައި ދެން ހިމެނެނީ އެ އަތޮޅެއްގެ ރަށު ކައުންސިލްތަކުގެ ރައީސުން ކަމަށް ބަޔާން ކުރެ އެވެ.

ޝުޖާއު އިސްލާހު ހުށަހެޅުއްވީ ގާނޫނުއަސާސީގެ އެ އަކުރު އުނިކުރުމަށެވެ. އޭގެ ނަތީޖާއަކީ ދެން އަތޮޅު ކައުންސިލްތައް އުވުމެވެ.

މިކަމާ ގުޅިގެން އިބްރާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީއަށް ބަދަލެއް ގެންނައިރު، އެ ބަދަލެއްގެ ސަބަބުން ގާނޫނުއަސާސީގައި ބަޔާންކޮށްފައި ދެންހުރި ކަންކަމަށް އަންނާނޭ ލޮޅުންތަކަށް ވިސްނާންޖެހޭ ކަމަށެވެ.

"... މިއީ މި މަޖިލިހުން ޤާނޫނުއަސާސީއަށް ގެނައި، ދެކޮޅުނުޖެއްސޭނޭ ދެވަނަ އިސްލާހެވެ. މިބާވަތުގެ ކަންކަން ހިނގިޔަނުދިނުމަކީ ބަންޑާރަނައިބުގެ މަސްއޫލިއްޔަތެކެވެ. ބަންޑާރަނައިަކީ ގާނޫނީ ގޮތުން ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކޮށްފައިވާ މީހަކަށް ވުން ލާޒިމުކޮށްފައި އޮންނަނީ އެހެންވެގެންނެވެ." ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނު އަސާސީ އެކުލަވާލުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި އިބުރާ ލިޔުއްވާފައިވެ އެވެ.

އިބްރާ ދެން ކުރެއްވީ ސުވާލު ތަކެކެވެ. ވިދާޅުވީ އެކައުންސިލްތަކުން ބަލަހައްޓަމަން ގެންދިޔަ، އަތޮޅުރައްޔިތުންގެ މިލްކިއްޔާތު ހަވާލުވަނީ ކޮންތާކާ ހެއްޔެވެ؟ އެ މުދަލުގެ މައްޗަށް ގޮތް ނިންމާނީ ކޮންތާކުންހެއްޔެވެ؟ ދިރޭ މުދަލުގެ ނަފާ ޖަމާކުރަނީ ކޮންތާކަށްހެއްޔެވެ؟ މުދަލުން ހޭދަކުރާނޭ ކަންކަން ކަނޑައަޅާނީ ކާކުހެއްޔެވެ؟

އިބްރާ އިތުރަށް ވިދާޅުވީ މި ސުވާލުތައް ކޮށްލާނެ މީޑިއާއެއްވެސް ނެތީހެއްޔެވެ؟ މަޖިލިހުގައި މިވާހަކަ ދެއްކި މެންބަރަކު ހުރިހެއްޔެވެ؟

ލާމަރުކަޒީ ނިޒާމަށް ގެންނަ މި ބަދަލުތަކާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އިދިކޮޅުން ބުނާ ގޮތުގައި މިއީ ސަރުކާރުން އަތޮޅުތަކަށް އިންތިހާބީ މަންދޫބުންގެ ބަދަލުގައި ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި އޮތް ކަތީބު ނިޒާމު ގެނައުމަށް ކުރާ ކަމެކެވެ. ނަމަވެސް ސަރުކާރުން ބުނާ ގޮތުގައި މިއީ އެ ނިޒާމުގެ އިތުރަށް ބާރުވެރިކުރުމަށް ގެންނަ ބަދަލުތަކެވެ. މީގެން ފައިދާ ކުރަނީ ސީދާ ރައްޔިތު މީހާއަށް ކަމަށް ޕީއެންސީ މެންބަރުން ބުނެފައިވެ އެވެ. 

އަތޮޅު ކައުންސިލްތައް އުވާލައި ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކުޑަކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު އެކި ފޯރަމްތަކުގައި މީގެ ކުރިން ވާހަކަފުޅު ދައްކަވާފައިވެ އެވެ. އެ މަނިކުފާނު ވިދާޅުވާ ގޮތުން، އެކަން ކުރުމުގެ ބޭނުމަކީ ހަރަދު ކުޑަ ނަތީޖާ ނެރެވޭ ނިޒާމަކަށް ލާމަރުކަޒީ ނިޒާމް ހެދުން ކަމަށެވެ.

ހިޔާލު ތަފާތުވުން ވަރަށް ބޮޑުވެފައިވާ ލާމަރުކަޒީ ގާނޫނަށް އިތުރު އިސްލާހުތަކެއް ގެނެސް އަތޮޅު ކައުންސިލް އުވާލިއިރު، "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގާނޫނު އަސާސީ އިސްލާހްކޮށް އަތޮޅުތަކުގެ ހިންގުން މިހާރަށްވުރެ ވަރުގަދަކޮށް އަތޮޅުގެ ވަސީލަތް ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ގާނޫނޫ އަސާސީ ބަދަލުކުރުމަށް ހުށައެޅުން ތަކެއް ހިމަނާ ކަރުދާހެއް ސިޔާސީންނާއި ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ. އެގޮތުން އެދޭ ރާއްޖެ ކަރުދާހުގައި ބުނާ އަތޮޅު ހިންގުމަކީ...

  1. އަތޮޅު ހިންގުން

މައްސަލަ: 

ދިވެހިރާއްޖޭގެ ހުރިހާ ވަސީލަތެއްހެން، ދައުލަތުގެ ބަޖެޓާ ގުދުރަތީ ވަސީލަތްތައް ކޮންޓްރޯލް ކުރަމުންދަނީ މައި ސަރުކާރުންނެވެ. އަދި އޭރެއްގެ ސަރުކާރު ހިންގުމާ ހަވާލުވާ ފަރާތްތަކުން މި ވަސީލަތްތައް ނަހަމަ ގޮތުގައި އަމިއްލަ ނުވަތަ އެފަރާތްތަކުގެ ސިޔާސީ މަންފާއަށް ބޭނުންކުރާ ކަމުގެ ޝަކުވާ ކުރެވެއެވެ. މިގޮތަށް ދައުލަތުގެ މާލީ އަދި  ގުދުރަތީ ވަސީލަތްތައް މަރުކަޒީ ބާރުގެ ދަށުގައި އޮތުމަކީ މުޅި ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅި، ތަރައްގީ މަރުކަޒުވެ، މާލެ ސަރަހައްދު ތޮއްޖެހި، ރައްޔިތުންގެ މެދުގަ ފަރަގު ބޮޑުވަމުންދާން މެދުވެރިވާ ސަބަބެކެވެ.

'އެދޭ ރާއްޖެ' ހުށަހެޅުން: 

އަތޮޅު ހިންގުމަކީ ގާނޫނު އަސާސީން ބާރު ލިބިގެން ގައުމީ ތަސައްވަރު ހާސިލު ކދިގު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނަށް ވާސިލުވުމަށްޓަކައި އަތޮޅު ތަރައްގީކޮށް ހިންގުމަށް އަތޮޅުތަކުގައި ގާއިމު ކުރާ ހިންގުމުގެ ނިޒާމެއްގެ ގޮތުގައި ކަނޑައަޅައި، ވީހާވެސް ހަމަހަމަކޮށް ދައުލަތުގެ ހިދުމަތްތަކާ ތަރައްގީ ވާސިލުކޮށް، ތަރައްގީގެ ދުވެލި އަވަސްކޮށް، ވީހާވެސް ގިނަ ރައްޔިތުން ތަރައްގީގެ ކަންކަމުގައި ބައިވެރި ކުރުވުމަށް ތިރީގައިވާ ކަންކަން ހުށަހަޅަމެވެ.

  1. ކައުންސިލްތަކާ، މަދަނީ މުޖުތަމައުއާ، ރައްޔިތުންގެ މައުނަވީ ބައިވެރިވުމާއެކު ފަރުމާކޮށް ގައުމީ ތަރައްގީގެ ތަސައްވުރާ ޕްލޭންއެއް އެކުލަވާލާ، ގާނޫނީ ބާރުދިނުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން.
  2. އަތޮޅު ތަރައްގީ ކަށަވަރު ކުރުމާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ގައުމީ ތަރައްގީގެ ޕްލޭން ތަންފީޒު ކުރުވުމަށްޓަކައި، އަތޮޅުގައިވާ ގުދުރަތީ ވަސީލަތްތައް ހިމެނޭގޮތުން ދައުލަތުގެ ވަސީލަތްތަކުގެ ހައްގު އިންސައްތައެއް ކައުންސިލްތަކަށް ލިބޭނެ ގޮތް ކަނޑައެޅުން (ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް މިހާރު ލިބެނީ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ 5 އިންސައްތަ އަދި ބިމު ކުލީގެ 40 އިންސައްތަ).
  3. ދިގު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނަށް ވާސިލުވުމަށްޓަކައި އަތޮޅުގެ އިހުތިސާސާއި ބާރު ގާނޫނުއަސާސީގައި ކަނޑައެޅުން.
  4. އަތޮޅު ކައުންސިލްގެ ރައީސްއާއި ނައިބު ރައީސް ސީދާ އަތޮޅުން އިންތިހާބުކުރުން.
  5. އަތޮޅު ކައުންސިލް ރައީސް އަދި ނައިބު ރައީސް ދުވަހުން ދުވަހަށް މަސައްކަތަށް ނުކުންނަން ޖެހޭނެގޮތަށް ކަނޑައެޅުން.
  6. އަތޮޅު ކައުންސިލްގެ އެހެން މެމްބަރުންނަކީ ކައުންސިލް ބައްދަލުވުންތަކަށް ހާޒިރުވާ މީހުންކަމަށް ކަނޑައެޅުން.
  7.  ކައުންސިލްގެ އެކުލެވިގެންވަނީ އަތޮޅުގެ ކޮންމެ ރަށަކުން އިންތިހާބު ކުރާ ބައެއްކަމަށް ކަނޑައެޅުން.
  8. އަތޮޅު ހިންގުން ޔަގީން ކުރުމަށް އެކަމަށް ގާބިލް ފަރާތްތައް ކައުންސިލްތަކަށް ގެނައުމުގެ ބޭނުމުގައި އެފަރާތްތަކުގެ ޝަރުތުތަކާމެދު މަޝްވަރާ ކުރުން.

ނަތީޖާ: 

ހަރުދަނާ ލާމަރުކަޒީ ނިޒާމެއް އެކުލަވާލައި، އެކަށޭނަ ވަސީލަތް ގާނޫނުއަސާސީ މެދުވެރިކޮށް ދީފިނަމަ ތަރައްގީގެ ކަންކަމުގައި ގިނަ ރައްޔިތުންގެ ބައިވެރިވުން ކަށަވަރު ކުރެވި، ގައުމީ ތަރައްގީގެ ކަންކަމަކީ އޭރަކު އޮންނަ ސަރުކާރަކުން ކުއްލި ކުއްލިއަށް ހިންގާ މަޝްރޫއުތަކަކަށް ވުމުގެ ބަދަލުގައި ދުރާލާ ރޭވިގެން، ދިގު ރާސްތާގެ ތަސައްވުރަކާއެކު ހިންގާ މަޝްރޫއުތަކަށްވެ، މާލެ ސަރަހައްދަށް ތޮއްޖެހުން ކުޑަ ކުރެވި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ދުވެލި ހަލުވި ވެގެންދާނެ އެވެ.

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައުއާއި، ކައުންސިލްތަކާއި މީޑިއާއާއި، ސިޔާސީ ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ.  

އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް