ޖޭއެސްސީގައި ތިއްބަވަނީ އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.
މައްޗަންގޯޅި ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ބޭއްވެވި ބައްދަލުވުމުގައި ހިޔާލުފާޅު ކުރަން ހުޅުވާލި ފުރުސަތުގައި ކުރީގެ ޕީޖީ މުއިއްޒު ވަނީ، ގާނޫނު އަސާސީއަށް އިސްލާހު ގެންނައިރު، ޖޭއެސްސީ އިސްލާހު ނުކުރަނީ ކީއްވެތޯ ސުވާލު އުފައްދަވަފާ އެވެ.
މުއިއްޒު ވިދާޅުވީ، ޖޭއެސްސީގެ ރައީސަކަށް ކުރިއާއި މިހާރު ވެސް ހުންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ ޕާޓީއަށް ނިސްބަތްވާ ބޭފުޅެއް ކަމަށެވެ.
މިހާރު ޖޭއެސްސީގެ ގާނޫނުގައި އޮންނަ ގޮތުން، ޖޭއެސްސީއަށް ރައީސަކާއި ނައިބު ރައީސަކު އައްޔަނުކުރަނީ، އެ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން އެ މެންބަރުންނެވެ.
ސިޔާސީ މަގާމުތައް ގިނަކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ، އެ މަގާމުތަކަށް މީހުން އައްޔަން ކުރަމުން ގެންދަނީ ކޮންމެހެން މަގާމަކަށް މީހަކު އައްޔަން ކުރުމަށް ނޫން ކަމަށާއި "ރައީސުލްޖުމްހޫރިއްޔާގެ ޒާތީ މަސްލަހަތެއް ހިމާޔަތް ކުރައްވަން" ކަމަށް ގަބޫލު ކުރެއްވޭ ކަމަށް އަހުމަދު މުއިއްޒު ވިދާޅުވި އެވެ. މިއީ ވެސް ވިސްނާ ވަޑައިގަންނަވަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްބަސީތަކަށް މުވައްޒަފުން ގިނަކުރާ ކުރުން، ހާއްސަކޮށް މެލޭޝިއާ އާއި ސްރީލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް އައްޔަންކޮށްފައިވާ މީހުން ގިނަވުން ވެސް މައްސަލައެެއްގެ ގޮތުގައި މުއިއްޒު ފާހަގަ ކުރެއްވި އެވެ. މުއިއްޒުގެ މި ވާހަކަތަކާ ގުޅިގެން ރައީސް މުއިއްޒުވަކި ޖަވާބެއް އެ ބައްދަލުވުމުގައި ނުދެއްވަ އެވެ.
ޖޭއެސްސީ އިސްލާހު ކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން، ޖޭއެސްސީގައި ސިޔާސީ މީހަކު ހުރެގެން ނުވާނެ ކަމަށް އެ މަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ރައީސް މުއިއްޒު ސަރުކާރުގެ ފަސް އަހަރުގެ ލެޖިސްލޭޓިވް އެޖެންޑާ އާންމު ކުރުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުގައި މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވަނީ ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރުމާއި ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
ސިޔާސީ ބޭފުޅުން ނުހިމެނޭ ގޮތަށް ޖޭއެސްސީ އިސްލާހުކުރަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުތައް ސޯލިހު ސަރުކާރުގެ ބަންޑާރަ ނައިބުގެ އޮފީހުން ނިމުނު ރައްޔިތުންގެ މަޖިލީހަށް ފޮނުވި އެވެ. ނަމަވެސް އެ މަޖިލީހުގެ ދައުރު ނިމުނީ ވެސް ޖޭއެސްސީ އޮންނަންވާނެ ގޮތާއިމެދު އެއްބަސް ނުވެވި އެވެ.
ފަނޑިޔާރުންގެ މައްޗަށް "ގަދަވެގަނެ" ފައިވާ ޖޭއެސްސީގެ ނުފޫޒުން ރާއްޖޭގެ ޝަރުއީ ދާއިރާ މިނިވަން ނުކުރެވި ލަސްވެގެން ދާއިރު، "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގާނޫނު އަސާސީ އިސްލާހްކޮށް ފަނޑިޔާރުން އައްޔަނު ކުރުމާއި ވަކި ކުރުމުގައި ރައްޔިތުންގެ ބައިވެރިވުން ލިބޭނެ ގޮތް ހެދުމަށް ގާނޫނޫ އަސާސީ ބަދަލުކުރުމަށް ހުށައެޅުން ތަކެއް ހިމަނާ ކަރުދާހެއް ސިޔާސީންނާއި ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ. އެގޮތުން އެދޭ ރާއްޖެ ކަރުދާހުގައި ސުޕްރިމް ކޯޓުގެ ފަނޑިޔާރުން ހޮވަން ހުށަހަޅާނީ..
1. ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށްވެފައި ރައްޔިތުންގެ ބާރުވެރިކަން އަބަދު ވެސް ރައްޔިތުންގެ އަތްމަތީގައި ދެމި އޮންނަކަން ކަށަވަރު ކުރުމަށާއި
2. ތިން ބާރުގެ ތެރެއިން ރައްޔިތުންގެ ސީދާ ބައިވެރިވުމެއް ނެތި ގާއިމުކޮށްފައިވާ، އަދުލު އިންސާފު ގާއިމު ކުރުމުގެ އެންމެ މަތީ ކޯޓަށް މަންދޫބުން މެދުވެރިނުކޮށް، މީހުން އައްޔަނު ކުރުމާއި ވަކި ކުރުމުގެ ބާރު ސީދާ ރައްޔިތުންނަށް ހޯދައި ދިނުމަށާއި
3. ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ނުފޫޒުން އެއްކިބައިވެގެން ހަމަހަމަކަމާއި އަދުލުވެރިކަމާއެކު ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ މަސްއޫލިއްޔަތާއި ޒިންމާ އާއި ވާޖިބުތައް އަދާ ކުރުމަށް މަގުފަހިވެފައިވާ މުޖުތަމައެއް ކަށަވަރު ކުރުމަށާއި
4. ސިޔާސީ އެއް ފިކުރަކުން ފަނޑިޔާރުގެ ކޮންޓްރޯލް ކުރާކަމަށް ކުރެވޭ ތުހުމަތުތައް ނިމުމަކަށް ގެނެސް، މަދަނީ މުޖުތަމައުގެ ހުށަހެޅުންތަކަށް އަމަލު ކުރަން ލާޒިމް ހަގީގީ މިނިވަންކަމާއެކު އަދަލު އިންސާފު ގާއިމު ކުރަމުން ހުށަހެޅިފައިނުވާ ސަގާފަތެއް އަށަގެންނެވުމަށެވެ.
ވޯޓުން ސުޕްރިމް ކޯޓުގެ ފަނޑިޔާރުން ހޮވުމާއި ވަކި ކުރުމުގައި ރައްޔިތުންގެ ފެންނަނުފެންނަ ނެގުމަށް ހުށަހަޅަނީ، ގައުމުގެ ވެރިންނަކީ ރައްޔިތުންނަށްވެފައިވާ ރައްޔިތުންގެ ބާރުވެރިކަން ގައުމުގައި ހިނގާ ކަން ކަށަވަރު ކުރުމަށާއި ތިން ބާރުގެ ތެރެއިން ރައްޔިތުންގެ ސީދާ ބައިވެރިވުމެއް ނެތި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު ރައްޔިތުންނަށް ހޯދައި ދިނުމަށެވެ.
ރާއްޖޭގައި މިވޭތުވެދިޔަ 17 ވަރަކަށް އަހަރަށް ބަލާއިރު ގާނޫނު ހެދުމުގެ ބާރުން އަދަލު އިންސާފު ގާއިމު ކުރުމުގެ ބާރަށް ބިރު ދައްކާ، މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމާއި ފަނޑިޔާރުން ވަކިކުރުމަކީ އެންމެ އާދައިގެ ވަޒީފާގައި ހުންނަ މީހަކު ވަކި ކުރުން ފަދަ ކަމަކަށް ވަނީ ހަދާފަ އެވެ. އަދި ފަނޑިޔާރުން އައްޔަނު ކުރުމަކީ ވެސް އާދައިގެ ވަޒީފާއަކަށް މީހުން އައްޔަނު ކުރުން ފަދަ އާދައިގެ ކަމަކަން ވަނީ ހަދާފަ އެވެ.
މި ކަމުގެ ސަބަބުން އަދަލު އިންސާފު ގާއިމު ކުރުމުގެ ބާރަކީ ގާނޫނު ހެދުމުގެ ބާރުގެ ދަށުގައި އޮންނަ ތަނެއްގެ ގޮތުގައި ގަބޫލު ކުރެވި ވަޒީފާ ދޭ މީހާގެ ބިރަށް އަދަލު އިންސާފު ގާއިމު ކުރުމަށް ވަނީ ހުރަސްތައް ކުރިމަތިވެ ރައްޔިތުންގެ އިތުބާރު ކޯޓުތަކަށް ގެއްލިފައި އެވެ.
މިކަމުގެ ހައްލަކަށް އެދޭ ރާއްޖެ ހަރަކާތުން ގޮވާލަނީ ސުޕްރީމް ކޯޓު ފަނޑިޔާރުން ރައްޔިތުންގެ ވޯޓަކުން ހޮވަން ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ.