ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ބައެއް ފަހި ބަދަލުތައް ގެންނަވަން ނިންމަވާފައިވާކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ ރޭ ހެންވާރު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ މަޖުބޫރީ ހާލަތްތަކުގައި ކުރީގެ ސްކީމްތަކަށް ކުރިމަތިލާންޖެހި، އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް، މިހާރު ތިން ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލެވޭ ގޮތަށް ސްކީމް އިސްލާހުކުރައްވަން ނިންމަވާފައިވާކަމަށެވެ.
މީގެއިތުރުން ސްކީމްތަކަށް ކުރިމަތިލުމަށް އޮންނަ ޝަރުތުތަކުގެ ތެރޭ، މާލޭ ރައްވެއްސެއްގެ ގޮތުގައި ފަސް އަހަރު ހަމަވެފައި އޮތުމަށް އޮންނަ މައްސަލައަށްވެސް ހައްލެއް ހޯއްދަވައިދެއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުގެ ދައުރުގެ ތެރޭގައި ބޯހިޔާވަހިކަން ބޭނުންވާ އެންމެނަށް ބޯހިޔާވަހިކަން ހޯދައިދޭން ރައީސް މުހައްމަދު މުއިއްޒު ވެފައިވާ ވައުދު ފުއްދަން ސަރުކާރުން ގެންގުޅޭ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތު ވަނީ މިދިޔަ މަހު އިފްތިތާހުކޮށްފައެވެ. މި ސިޔާސަތުގެ ދަށުން މާލެއިން 15،000 ގޯއްޗާއި 7500 ފްލެޓް ދިނުމަށް ވަނީ ނިންމާފައެވެ.
މިނިސްޓްރީން ބުނީ ގޯއްޗާއި ޕްލެޓަށް އެދުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުުވާލާނީ 04 ޖަނަވަރީ 2026 އިން ފެށިގެން 03 މާރިޗު 2026 ގެ ނިޔަލަށްކަމަށެވެ.