ފިނޭންސް މިނިސްޓްރީން ބުނީ މި ކޮންސަލްޓެންސީގެ މައިގަނޑު މަގުސަދަކީ ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ މާސްޓާ ޕްލޭނެއް އެކުލަވައިލުންކަމަށެވެ. މި މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ ވެރިކަންކުރާ ރަށާއި ރަސްމާލެއާ ދެމެދު، އަދި ރަށުގެ އެތެރޭގައިވެސް ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުންކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކުންފުނީގެ ފަންނީ ޤާބިލު ކަން، ގުޅޭ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލްތައް މަސައްކަތްތަކުގެ އަގު އެނގޭނޭހެން، ކުންފުނީގެ މުވައްޒަފުންގެ މިފަދަ މަސައްކަތްތަކުގެ ހުނަރާއި ގާބިލުކަން އަދި ކުންފުނީގެ މިފަދަ މަސައްކަތުގެ މައުލޫމާތު ހިމެނޭހެން) ހުށަހަޅަން ވާނެކަމަށެވެ.
ވީމާ، މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 24 ވާ ބުދަ ދުވަހު 14:00:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށައެޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.
ފުށިދިއްގަރު ފަޅު ހިއްކައިގެން މި ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓްކަމަށްވާ ރަސްމާލެއާއި މާލެ ސިޓީ ގުޅާލާނީ ކަނޑުއަޑީގެ ޓަނަލް އަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.