ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް ހަތަރު ކައުންސިލަކުން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. މި ބައްދަލުވުމުގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމާއި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި ވ. ކައުންސިލްގެ ރައީސް ޝުޖާއު އަލީއާއި ބ. ކިހާދޫ ކައުންސިލްގެ ރައީސް ހުސައިން ޝާފިއު ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު އާތިފް ވިދާޅުވީ، ރަށްރަށުގެ ކައުންސިލްތަކަކީ މާލީގޮތުން މާ ފުދުންތެރި އިދާރާތަކެއް ނޫން ކަމަށެވެ. އެހެންވެ، ސަރުކާރުން ގާނޫނު ބަދަލުކުރީ ކައުންސިލްތަކުން ވިޔަފާރިކުރުން ހުއްޓުވައި، މާލީ ބާރުވެރިކަން ހޯދުމަށް ހުރަސް އެޅުމަށްޓަކައި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
މީގެ އިތުރުން ބ. ކިހާދޫ ކައުންސިލްގެ ރައީސް ހުސައިން ޝާފިއު ވިދާޅުވީ އަތޮޅު ކައުންސިލްތައް މިހާރަށް ވުރެ ބާރުވެރިކޮށް ހަރުދަނާކުރެވޭނެ ގޮތަކަށް އެ ދިރާސާގައި ލަފާދީފައިވާ ކަމަށެވެ.
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ޖެއްސުން ކުރުމުގެ ގޮތުން ގާނޫނަށް ބަދަލު ގެނައީ ކައުންސިލްތަކަށް އެތައް ބައިވަރު ފައިދާތަކެއް އަދި އާމްދަނީއެއް ފާއިތުވެދިޔަ ދުވަސްތަކުގައި ލިބި، އެ ފައިސާއިން އެތައް ކަމެއް ރައްޔިތުންނަށްޓަކައި ކައުންސިލްތަކުން ކޮށްދިނުމުން ހިތަށް ކެތް ނުވެގެން ކަމަށެވެ.
އާޒިމް ވަނީ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެއްލުންވާ ގޮތަށް އަދި ކައުންސިލްތަކަށް ގެއްލުންވާ ގޮތަށް ގެނެސްފައިވާ ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ކުރިން އޮތް ގޮތަށް ބަދަލުކުރަން ގޮވާލާފަ އެވެ.
ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ، އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން ނިންމި ނިންމުން ސިފަކުރެއްވީ ރާއްޖެ އުފެދިފަ އޮތް ގުދުރަތީ އުފެދުމާވެސް ބީރައްޓެހި ހިންގުމުގެ ބަދަލެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވީ މި ބަދަލުގެ ސަބަބުން އަތޮޅުތަކުގެ ހިންގުން ބޮއްސުން ލައިގެން ގޮސް ވިއްސި ވިހާލިވެގެން ދާނެ ކަމަށެވެ.
އަތޮޅު ކައުންސިލުތައް އުވާލަން ގާނޫނުއަސާސީއަށް ހަތްވަނަ އިސްލާހު ގެނައުމުގެ ބިލު، މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަ ހެވެ. އެ ދުވަހު އެ ބިލު ފާސްކުރީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ 75 މެންބަރުންގެ ވޯޓާއެކުގަ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ބިލު މުއިއްޒު ތަސްދީގުކުރެއްވީ އެ ބިލާ ދެކޮޅަށް ގާތްގަނޑަކަށް 100 ކައުންސިލުން އަދި އިދިކޮޅު އެމްޑީޕީން ބަޔާން ނެރެ އެ ބިލް ތަސްދީގު ނުކުރަން ގޮވާލާފައި ވަނިކޮށެވެ. ބިލާ ދެކޮޅަށް ކައުންސިލްތަކުން ނެރުނު ބަޔާންތަކުގައި ބުނެފައި ވަނީ އެއީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ލާމަރުކަޒީ ނިޒާމު ފުނޑާލާނެ ބަދަލެއް ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް މިފަހުން ގެންނަ ގިނަ ބަދަލުތަކަށް ކައުންސިލްތަކާއި އިދިކޮޅުގެ ހިޔާލު ތަފާތުވުން ވަރަށް ބޮޑުވެފައިވާއިރު "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގާނޫނު އަސާސީ އިސްލާހްކޮށް އަތޮޅުތަކުގެ ހިންގުން މިހާރަށްވުރެ ވަރުގަދަކޮށް އަތޮޅުގެ ވަސީލަތް ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ގާނޫނޫ އަސާސީ ބަދަލުކުރުމަށް ހުށައެޅުން ތަކެއް ހިމަނާ ކަރުދާހެއް ސިޔާސީންނާއި ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ. އެގޮތުން އެދޭ ރާއްޖެ ކަރުދާހުގައި ބުނާ އަތޮޅު ހިންގުމަކީ...
މައްސަލަ:
ދިވެހިރާއްޖޭގެ ހުރިހާ ވަސީލަތެއްހެން، ދައުލަތުގެ ބަޖެޓާ ގުދުރަތީ ވަސީލަތްތައް ކޮންޓްރޯލް ކުރަމުންދަނީ މައި ސަރުކާރުންނެވެ. އަދި އޭރެއްގެ ސަރުކާރު ހިންގުމާ ހަވާލުވާ ފަރާތްތަކުން މި ވަސީލަތްތައް ނަހަމަ ގޮތުގައި އަމިއްލަ ނުވަތަ އެފަރާތްތަކުގެ ސިޔާސީ މަންފާއަށް ބޭނުންކުރާ ކަމުގެ ޝަކުވާ ކުރެވެއެވެ. މިގޮތަށް ދައުލަތުގެ މާލީ އަދި ގުދުރަތީ ވަސީލަތްތައް މަރުކަޒީ ބާރުގެ ދަށުގައި އޮތުމަކީ މުޅި ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅި، ތަރައްގީ މަރުކަޒުވެ، މާލެ ސަރަހައްދު ތޮއްޖެހި، ރައްޔިތުންގެ މެދުގަ ފަރަގު ބޮޑުވަމުންދާން މެދުވެރިވާ ސަބަބެކެވެ.
'އެދޭ ރާއްޖެ' ހުށަހެޅުން:
އަތޮޅު ހިންގުމަކީ ގާނޫނު އަސާސީން ބާރު ލިބިގެން ގައުމީ ތަސައްވަރު ހާސިލު ކދިގު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނަށް ވާސިލުވުމަށްޓަކައި އަތޮޅު ތަރައްގީކޮށް ހިންގުމަށް އަތޮޅުތަކުގައި ގާއިމު ކުރާ ހިންގުމުގެ ނިޒާމެއްގެ ގޮތުގައި ކަނޑައަޅައި، ވީހާވެސް ހަމަހަމަކޮށް ދައުލަތުގެ ހިދުމަތްތަކާ ތަރައްގީ ވާސިލުކޮށް، ތަރައްގީގެ ދުވެލި އަވަސްކޮށް، ވީހާވެސް ގިނަ ރައްޔިތުން ތަރައްގީގެ ކަންކަމުގައި ބައިވެރި ކުރުވުމަށް ތިރީގައިވާ ކަންކަން ހުށަހަޅަމެވެ.
ނަތީޖާ:
ހަރުދަނާ ލާމަރުކަޒީ ނިޒާމެއް އެކުލަވާލައި، އެކަށޭނަ ވަސީލަތް ގާނޫނުއަސާސީ މެދުވެރިކޮށް ދީފިނަމަ ތަރައްގީގެ ކަންކަމުގައި ގިނަ ރައްޔިތުންގެ ބައިވެރިވުން ކަށަވަރު ކުރެވި، ގައުމީ ތަރައްގީގެ ކަންކަމަކީ އޭރަކު އޮންނަ ސަރުކާރަކުން ކުއްލި ކުއްލިއަށް ހިންގާ މަޝްރޫއުތަކަކަށް ވުމުގެ ބަދަލުގައި ދުރާލާ ރޭވިގެން، ދިގު ރާސްތާގެ ތަސައްވުރަކާއެކު ހިންގާ މަޝްރޫއުތަކަށްވެ، މާލެ ސަރަހައްދަށް ތޮއްޖެހުން ކުޑަ ކުރެވި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ދުވެލި ހަލުވި ވެގެންދާނެ އެވެ.
"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައުއާއި، ކައުންސިލްތަކާއި މީޑިއާއާއި، ސިޔާސީ ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ.
އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.