ރ. ދުވާފަރުގައި ބޭއްވި މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި މި ޕޯޓަލް ރަސްމީކޮށް އިފުތިތާހު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ޕޯޓަލްގެ ސަބަބުން ބީއެމްއެލްގެ ޑިޖިޓަލް ހިދުމަތްތައް ފުޅާވެ، މަސްވެރިންނަށް ބޭންކަށް ނުގޮސް ގިނަ ހިދުމަތްތަކެއް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
އަލަށް ތައާރަފުކުރި މި ޕޯޓަލް މެދުވެރިކޮށް، ފިޝަރީޒް މިނިސްޓްރީގައި އެކުލަވާލައިފައިވާ ގައުމީ ދަފުތަރުގައި ހިމެނޭ މަސްވެރިންނަށް، ބޭންކުން ދޫކުރާ އިސްލާމިކް ފައިނޭންސިންގެ ހިދުމަތްތަކަށް ފަސޭހަކަމާއެކު އެދެވޭނެ ކަމަށް ބޭންކުން ބުންޏެވެ.
އޭގެ ތެރޭގައި ގެދޮރު ގަތުމާއި އިމާރާތްކުރުން، އޮޑިދޯނިފަހަރު ބަނުމާއި މަރާމާތުކުރުން، ކުދިންގެ މަތީ ތައުލީމުގެ ކަންކަން އަދި ގެސްޓްހައުސް ވިޔަފާރި ފަދަ އިންވެސްޓްމަންޓްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ހުށަހެޅޭނެއެވެ. މީގެ އިތުރުން ރަހުނަކާ ނުލައި ތިން ލައްކަ ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާ ހާއްސަ "ލުއި ސްކީމް" އަށް ވެސް މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދިނެވެ.
މި ޕޯޓަލްއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން މަސްވެރިންނަށް މާލީ ހިދުމަތްތައް ހޯދުމަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ މުހިންމު ސިނާއަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ޖަމާކޮށްދިނުމުގެ މަސައްކަތް ވެސް މިދިޔަ މަހުން ފެށިގެން ބޭންކުން އަންނަނީ ކުރަމުންނެވެ.