ޖޭއެސްސީން ވަނީ ހައިކޯޓަށް ދެ ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފައެވެ. އެކޮމިޝަނުން ބުނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތަކީ ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެކަމަށެވެ.
ހައިކޯޓްގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 45,700.00 ރުފިޔާ ލިބޭނެެއެވެ. މީގެއިތުރުން ލިވިން އެލަވަންސަށް މަހަކު 18,000.00 އާއި ރިސްކް އެލަވަންސަށް މަހަކު 3,300.00 ރުފިޔާ ލިބޭނެކަމަށެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އެލަވަންސާއި ފޯނު އެލަވަންސްވެސް ލިބޭނެކަމަށް ޖޭއެސްސީން ބުނެއެވެ.
ހައިކޯޓަށް ފަނޑިޔާރުން މި ހޯދަނީ އެކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނި ވަޑައިގެންނެވި އެންމެ ސީނިއާ ފަނޑިޔާރު، މުހައްމަދު ނިޔާޒް، ފަނޑިޔާރުކަމުން ރިޓަޔާކުރައްވާފައި ވަނިކޮށެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި މުހައްމަދު ފައިސަލް މދިޔަ މަހު ފަހުކޮޅު އިސްތިއުފާވެސް ދެއްވާފައި ވަނިކޮށެވެ.
ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ސަބަބެއް ފައިސަލް ހާމައެއް ނުކުރައްވައެވެ. އެކަމަކު ފައިސަލް އިސްތިއުފާދެއްވީ އޭނާގެ ސްލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުން ދަނިކޮށެވެ.