އެމްއެންޑީއެފުން މިއަދު ބުނީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ގާނޫނާ ހިލާފަށް ވަދެ އުޅުނު ލަންކާގެ ދެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައީ ބުދަ ދުވަހު ކަމަށެވެ.
މިއީ، ސަރަހައްދީ ގައުމުތަކުން ހިއްސާކުރި، އިންޓެލިޖެންސަށް ކޯސްޓްގާޑާއި އެއާކޯއިން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހއ. ކެލާ ކައިރިން ހިފެހެއްޓި މި ދެ ބޯޓު މިހާރުވަނީ ހދ. ކުޅުދުއްފުށި ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކޮށްފައެވެ. އަދި ފުލުހުން އެކަމާ ގުޅޭ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީގެ ކުޑަ ދުވަސްކޮޅެއް ކުރިންވެސް ލަންކާ ބޯޓެއް އަތުލިއެވެ.