އެމްކިއުއޭ އިން މިދިޔަ އާދިއްތަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެވިޑް ކޮލެޖުން ސްރީލަންކާގެ އެމަޒޯން ކޮލެޖާއި އަލްޒެޓް ޔުނިވާސިޓީގައި ޕްރޮގްރާމްތައް ހިންގައި ދަރިވަރުންނަށް ސަނަދު ދީފައިވާކަން އެކި ފަރާތްތަކުން ހުށަހެޅި މައުލޫމާތުން ކަށަވަރުވެފައިވާ ކަމަށެވެ. މީގެ އިތުރުން، އިތުރު ފަސް މަރުކަޒެއްގައި އެވިޑް ކޮލެޖްގެ ޕްރޮގްރާމްތައް ހިންގާނެކަމަށް ބުނެ އިޝްތިހާރު ކުރަމުންދާކަން ވެސް އެ އޮތޯރިޓީގެ ތަހުގީގަށް ވަނީ އެނގިފަ އެވެ.
ނަމަވެސް އެވިޑުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެމްކިއުއޭއިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމުތައް ރާއްޖޭން ބޭރުގައި ހިންގުމާ ބެހޭ ގަވައިދު މިދިޔަ ސެޕްޓެންބަރު މަހުގެ ދިހަވަނަ ދުވަހު ގެޒެޓުކުރުމާއެކު، އެ މަހުގެ 14ވަނަ ދުވަހު އެ ކޮލެޖުގެ ޕާޓުނަރު ކޮލެޖުތަކާ އެކަން ހިއްސާކޮށްފައިވާ ކަމަށެވެ. އެކަން އެމްކިއުއޭއަށް ތަކުރާރުކޮށް އަންގާފައިވާނެ ކަމަށް، އެ ބަޔާނުގައި ބުންޏެވެ.
ބަޔާނުގައި ވަނީ، އެމްކިއުއޭއިން އެ ގަވާއިދު އާންމުކުރުމުގެ ކުރިން ކުރިއަށް ގެންދިޔަ އެފިލިއޭޝަންތަކާ މެދު އެ އިދާރާގެ ލަފަޔައަކަށް އެވިޑުން އެދުނު ކަމަށެވެ.
އެމްކިއުއޭއިން މިމަހުގެ ތިންވަނަ ދުވަހު ނޫސްބަޔާނެއް ނެރެ، އެއާ ޖެހިގެން އައި ދުވަހު އިއުލާނުކުރީ އާންމުންނަށް އޮޅޭ ފަދަ ގޮތަކަށް، އެވިޑުގެ ނަން ކިލަނބުކުރުމަށް ކަމަށާއި، އެ އިދާރާއިން އެކަން ކުރީ އެވިޑަށް ގެއްލުންދިނުމުގެ ގޯސް ނިޔަތެއްގައި ކަމަށް އެ ކޮލެޖުން ބުންޏެވެ.
ފާހަގަކުރެވޭ ގޮތުގައި، މީގެކުރިން ވެސް އެވިޑު ކޮލެޖުގެ މިފަދަ މައްސަލައެއް ފެންމަތިވި އެވެ. މިގޮތުން، އެމްކިއުއޭގެ އެކްރެޑިޓޭޝަނާ ހިލާފަށް ކޯސްތަކެއް ހިންގަން އެވިޑް ކޮލެޖުން އިޝްތިހާރު ކުރި މައްސަލައެއް 29 ޑިސެމްބަރު 2022ގައި ފެންމަތިވި އެވެ.