މިއީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރާއި މަރުކަޒީ ބޭންކުން އަޅަމުންދާ ފިޔަވަޅުތަކާއެކު އަންނާނެ ކުރިއެރުމެއް ކަމަށް އެ ބޭންކުން ފާހަގަކުރެ އެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ވަނީ 105.8 ބިލިޔަން ރުފިޔާއަށް އަރާފަ އެވެ.
2024 ވަނަ އަހަރު މި އަދަދު ހުރީ 100.4 ބިލިޔަން ރުފިޔާގަ އެވެ.
މިއީ ގާތްގަނޑަކަށް 5.4 އިންސައްތައިގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރު ގައުމީ އުފެއްދުންތެރިކަން ބޮޑު އިންސައްތައަކުން ކުރިއަރާފައިވާއިރު، މިއަހަރު ނިމޭއިރުވެސް މިއަދަދު ބޮޑު ތަނުން އިތުރުވާނެ ކަމަށް އެމްއެމްއޭއިން ވަނީ ލަފާކޮށްފަ އެވެ.
އެގޮތުން މި ހިނގާ 2026 ވަނަ އަހަރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 4.8 އާއި 5.3 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުރިއެރުމާއެކު، ރިއަލް ޖީޑީޕީ 111.4 ބިލިޔަން ރުުފިޔާއަށް އަރާނެކަމަށް މަރުކަޒީ ބޭންކުން ވަނީ ލަފާކޮށްފަ އެވެ.
މީގެ އިތުރުން، ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް ހިސާބުކުރާ ނޮމިނަލް ޖީޑީޕީވެސް މިއަހަރުގެ ތެރޭގައި އިތުރުވާނެ ކަމަށް އެމްއެމްއޭއިން ވަނީ ލަފާކޮށްފައެެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 116.3 ބިލިޔަން ރުފިޔާގައި ހުރިއިރު، މިއަހަރު ނިމޭއިރު މިއަދަދު 124.4 ބިލިޔަން ރުފިޔާއަށް އަރާނެކަމަށް ލަފާކޮށްފައިވެއެވެ.
އެމްއެމްއޭއިން ވިދާޅުވީ، މިކުރިއެރުން ލަފާކޮށްފައިވަނީ، އުފެއްދުންތެރިކަމުގައި މައިގަނޑު ގޮތެއްގައި ހިއްސާކުރާ ސިނާއަތްތައްކަމަށްވާ ފަތުރުވެރިކަމާއި، ދަތުރުފަތުރާއި، މުވާސަލާތީ ހިދުމަތްތަކާއި، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއަށް އަންނާނެ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އަދި މިއަަހަރުގެ ތެރޭގައި ރާއްޖެއަށް 2.4 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކޮށްފައިވުމަކީވެސް މިއަހަރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު އިތުރުވާނެ ކަމެއް ކަމަށްވެސް އެމްްއެެމްއޭއިން ވިދާޅުވެ އެވެ.