ads
ސައުދީން ރާއްޖެއަށް ހަދިޔާކުރި ކަދުރުތަކެއް-- ފޮޓޯ: ސަން
މިއަހަރު ލިބުނު ކަދުރު ކޮންމެ ގޭބީސީ އަކަށް 1 ޕެކެޓް ދެވޭވަރަށް ވުރެ މަދު
މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށް ސައުދީ އަރަބިއްޔާއިން ރާއްޖެ އަށް ހަދިޔާ ކޮށްފައި ވަނީ 50 މެޓްރިކް ޓަނުގެ ކަދުރު ކަމަށާއި މިއީ ރާއްޖޭގެ ހުރިހާ ގޭބީސީ އަކަށް 1 ޕެކެޓް ކަދުރު ދެވޭ ވަރަށް ވުރެ މަދު އަދަދެއް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަހަރު ރާއްޖެއަށް ހަދިޔާ ކޮށްފައި ވަނީ ދެ ކިލޯގެ 25،000 ކަދުރު ޕެކެޓު ކަމަށެވެ. އެއީ 2500 ކަދުރު ކޭހެވެ. 

މީގެ ތެރެއިން 50 ކޭސް ކަދުރު ބަހާނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ބެލުމުގެ ދަށުން ކަމަށާއި، ބާކީ 2450 ކޭސް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީން އިން އޭޕްރިލް 14 ވަނަ އާންމު ކުރި އުސޫލުގެ ދަށުންނެވެ. 

އެ އުސޫލުގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި އަދި ސިޓީއެއްގައިވެސް ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބީސީތަކުގެ ތެރެއިން ކަދުރު ބަލާ ހާޒިރުވާ ތަރުތީބުންނެވެ. އަދި މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީގެ ފަގީރުންގެ ދަފްތަރުގައި ރެޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބީސީއަކަށް އެއް ޕެކެޓް ކަދުރު ދޭނެ ކަމަށާއި ފަގީރުންގެ ގޭބީސީތަކަށް ކަދުރު ބެހުމަަށްފަހު ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ ކަދުރު ބަލައި އަންނަ ފަރާތްތަކަށް އިސްކަންދޭ އުސޫލުން ކަމަށް އިސްލާމިކް މިނިސްޓްރީގެ އުސޫލުގައިވެ އެވެ. 

އެގޮތުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ 2350 ގޭބީސީގެ ތެރެއިން ކޮންމެ ގޭބީސީ އަކަށް އެއް ޕެކެޓް ކަދުރު ދޭނެކަމަށް މިނިސްޓްރީ އިން ބުނެއެވެ. 

އިސްލާމިކް މިނިސްޓްރީ އިން ބުނީ 2019 ވަނަ އަހަރު ނިމުނު އިރު، ރާއްޖޭގައި ޖުމްލަ 63،102 ގޭބީސީ ހުރިކަމަށް މިނިސްޓްރީ އަށް ލިބިފައިވާ ތަފާސް ހިސާބުތަކުން ދައްކާ ކަމަށާއި ސައުދީ އިން މިއަހަރު ހަދިޔާކުރި ކަދުރަކީ ކޮންމެ ގޭބީސީއަކަށް ޕެކެޓެއް ދޭވަރަށްވުރެ މަދު އަދަދަކަށް ވުމުން، މިއަހަރު ލިބުނު ކަދުރު ފަގީރުންގެ ގޭބީސީތަކަށް ބެހުމަށްފަހު ކޮންމެ 100 ގޭބީސީ އަކަށް 33 ޕެކެޓު ކަދުރު ދިނުމަށް ނިންމާފައިވާ ކަމަށެވެ. 

މީގެ އިތުރުން، މިނިސްޓްރީ އިން ނެރުނު އުސޫލުގެ ދަށުން މިއަހަރުވެސް ރަށްރަށަށް ކަދުރު ފޮނުވުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާއި އެގޮތުން އިއްޔެގެ ނިޔަލަށް 78 ރަށަކަށް ޖުމްލަ 9567 ޕެކެޓު ކަދުރު ހަދިޔާ ކުރެވިފައިވާ ކަމަށް މިނިސްޓްރީ އިން ބުނެއެވެ. އަދި 103 ރަށަށް ކަދުރު ނުފޮނުވިވަނީ ކަދުރާ ހަވާލުވާނެ ފަރާތެއް އެ ކައުންސިލްތަކުން ފޮނުވާފައި ނުވާތީ ކަމަށާއި، ހަވާލު ނުކުރެވި 8577 ޕެކެޓު ކަދުރު އެބަހުރި ކަމަށެވެ. 

އެހެންކަމުން، މިހާތަނަށް ކަދުރާ ހަވާލުވާނެ ފަރާތެއް ފޮނުވާފައި ނުވާ ކައުންސިލްތަކުން މި މަހުގެ 11 ވަނަ ދުވަހުގެ 17:00 ގެ ކުރިން ކަދުރާ ހަވާލުވާނެ ފަރާތެއް އިސްލާމިކް މިނިސްޓްރީ އަށް ފޮނުވުމަށް އެ މިނިސްޓްރީ އިން ވަނީ އެދިފައެވެ.

އަދި މި މުއްދަތުގެ ފަހުން ނުގެންގޮސް ހުރި ކަދުރު، ފެސިލިޓީތަކަށް ހަދިޔާ ކުރާނެކަމަށްވެސް މިނިސްޓްރީ އިން ބުނެއެެވެ. 

އެއީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތަށް ރިއާޔަތްކޮށް، ރަމަޟާން މަހަށް މިނިސްޓްރީ އަށް ލިބިފައިވާ ކަދުރު، މަސައްކަތުގެ ގޮތުން އެކަހެރިވެފައިތިބި ފެސިލިޓީތަކަށާއި ކަރަންޓީނުކޮށްފައި އަދި އެކަހެރިކޮށްފައި މީހުން ތިބި ފެސިލިޓީތަކަށާއި އަދި މީގެ އިތުރުން ސަރުކާރުގެ ބެލުމުގެ ދަށުގައި ހާލުގައި ޖެހިފައިވާ ބިދޭސިން ތިބި ފެސިލިޓީތަކަށް ދިނުމަކީ މި ހާލަތުގައި މުހިއްމުކަމެއް ކަމަށް މިނިސްޓްރީ އިން ދެކޭ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން މިހާތަނަށް ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތަކަށް 250 ޕެކެޓު ކަދުރު ހަދިޔާކޮށްފައިވާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީ އިން ބުނެއެވެ. 

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބެހުމަށް 1881 ޕެކެޓު ކަދުރު މިދިޔަ މަހުގެ 15 ވަނަ ދުވަހު އެޗްޑީސީ އާ ހަވާލު ކުރެވިފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. އަދި މާލެ އާއި ވިލިމާލޭގައި ކަދުރު ބަހަން ނިންމާފައިވަނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ސިޓީކައުންސިލް މެދުވެރިކޮށް ކަމަށާއި އެހެން ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންގެ ހާލަތުގައި ކަދުރު ބަހާނެ ގޮތަކާމެދު ސިޓީކައުންސިލާއެކު މިހާރު މަޝްވަރާ ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެއެވެ. 

މާލެ އާއި ވިލިމާލޭގެ ރައްޔިތުންނަށް ބެހުމަށް 2903 ޕެކެޓު ކަދުރު އެބަހުރި ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެއެވެ. 

އިސްލާމިކް މިނިސްޓްރީ އިން ބުނީ  މާލޭގައި ދިރިއުޅޭ ފަގީރުންނަށް ޔޫތު މިނިސްޓްރީ މެދުވެރިކޮށް 426 ގޭބީސީ އަކަށް ކަދުރު ބަހާފައިވާނެ ކަމަށާއި މީގެ އިތުރަށް އެއްވެސް ކަދުރެއް އެ މިނިސްޓްރީ އާއި ހަވާލުކޮށްގެން ބަހާފައި ނުވާނެ ކަމަށެވެ. 

އިސްލާމިކް މިނިސްޓްރީ އިން ބުނީ ސައުދީ ސަރުކާރުން ހަދިޔާޖުދި ކަދުރުގެ ތެރެއިން 12،124 ޕެކެޓު ކަދުރު ގޭބީސީތަކަށް ހަދިޔާ ކުރެވިފައިވާ ކަމަށާއި 1483 ޕެކެޓު ކަދުރު ފަގީރުންގެ ގޭބީސީތަކަށް ހަދިޔާ ކުރެވިފައިވާ ކަމަށެވެ. އަދި 12،378 ޕެކެޓު ކަދުރު ހަވާލު ނުކުރެވި އެބަހުރި ކަމަށްވެސް މިނިސްޓްރީ އިން ބުނެއެވެ. އަދި  މި ކަދުރު ވީހާވެސް އިންސާފުވެރިކަމާއެކު ރައްޔިތުންނާ ހަވާލުކުރާނެކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓްރީ އިން ވަނީ އަރުވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް