ads
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އާންމު އިންތިހާބު ކާމިޔާބުކުރީ ބަންގްލަދޭޝްގެ ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)
ބަންގްލަދޭޝްގެ އާ ބޮޑުވަޒީރު ތާރިގް ހުވާކުރައްވާ ރަސްމިއްޔާތަށް ރާއްޖެއަށް ދައުވަތު
މިދިޔަ ބުރާސްފަތި ދުވަހު ބަންގްލަދޭޝްގައި ބޭއްވި އާންމު އިންތިހާބަށްފަހު އެ ގައުމުގެ އާ ބޮޑުވަޒީރު ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދައުވަތު ފޮނުއްވައިފި އެވެ.
Advertisement

ޓައިމްސް އޮފް އިންޑިއާގައި މިއަދު ބުނީ ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސް މުޝީރު މުހައްމަދު ޔޫނުސް ވަނީ އަންނަ އަންގާރަ ދުވަހު ބާއްވާ އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރާއްޖޭގެ އިތުރުން 12 ގައުމެއްގެ ވެރިންނަށް ދައުވަތު ފޮނުއްވައިފަ އެވެ. 

މި ރަސްމިއްޔާތަށް ދައުވަތު ދީފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ އާއި އިންޑިއާ، ޗައިނާ، ޕާކިސްތާން، އާއި ސައުދީ އަރަބިއްޔާގެ އިތުރުން ތުރުކީ، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)، ގަތަރު، މެލޭޝިއާ، ބުރުނާއީ، ސްރީލަންކާ، ނޭޕާލް އަދި ބޫޓާން ހިމެނެ އެވެ.

ނަމަވެސް އެ ރަސްމިއްޔާތަށް ރައީސް މުއިއްޒު ވަޑައިގަންނަވާކަން އަދި ސާފެއް ނުވެ އެވެ. މި ރަސްމިއްޔާތުގައި ގައުމުތަކުގެ އެންމެ އިސްވެރިން ވަޑައިގަންނަވާނެކަން އަދި ހާމަކުރައްވާފައެއް ނުވެ އެވެ.

ބަންގްލަދޭޝްގެ އިލެކްޝަން ކޮމިޝަނުން ހާމަކުރި ގޮތުގައި މި އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތަކީ 60.69 ޕަސެންޓެވެ. މިއީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ބަންގްލަދޭޝްގައި އެންމެ އަމާންކޮށް އަދި ގިނަ ބަޔަކު ބައިވެރިވެގެން ބޭއްވުނު އިންތިހާބު ކަމަށް އޮބްޒާވަރުން ބުނެ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން 212 ގޮނޑި އެ ކޯލިޝަނުން ވަނީ ކާމިޔާބުކޮށްފަ އެވެ. އެހެންވެ އާ ބޮޑުވަޒީރަކަށް ވަޑައިގަންނަވަނީ އެ ޕާޓީގެ ޗެއާމަން އަދި ޚާލިދާގެ ދަރިކަލުން ތާރިގް ރަހްމާނެވެ. އެ ކާމިޔާބީއަށް ރައީސް މުއިއްޒު ކުރިން ވަނީ މަރުހަބާ ދަންވައިފަ އެވެ.

ހަސީނާގެ ވެރިކަން ވެއްޓުމަށް ފަހު އުފެއްދި ވަގުތީ ސަރުކާރުގެ ވެރިޔާ، ނޯބެލް އިނާމު ހާސިލުކުރައްވާފައިވާ މުހައްމަދު ޔޫނުސް ވިދާޅުވީ، މިއީ އާދައިގެ އިންތިހާބެއް ނޫން ކަމަށާއި މިއީ ގައުމުގެ މިސްރާބު ބަދަލުކޮށްލާނެ މުހިންމު ދަނޑިވަޅެއް ކަމަށެވެ. އަނިޔާވެރިކަމާއި ބޭއިންސާފާއި ތަފާތުކުރުންތަކާ ދެކޮޅަށް ރައްޔިތުންގެ މެދުގައި އުފެދުނު ހޭލުންތެރިކަން މި ވޯޓުގެ ޒަރީއާއިން ގާނޫނީ ގޮތުން ރަމްޒުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސީނާގެ ވެރިކަމާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި މީހުން މެރި މައްސަލާގައި ހަސީނާގެ ގައިރު ހާޒިރުގައި އޭނާގެ މައްޗަށް ވަނީ ދަންޖައްސައި މެރުމުގެ ހުކުމުގެ އިތުރުން ވެސް އެހެން ބޮޑެތި ހުކުމްތައް އިއްވައިފަ އެވެ. ޝައިހް ހަސީނާގެ އަވާމީ ލީގު މިހާރު އޮތީ މަނާކޮށްފަ އެވެ. އޭނާ މިވަގުތު ހުންނެވީ އިންޑިއާގައި ހިމާޔަތް ހޯއްދަވައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް