ދުވާލަކަށް އެންމެ ގިނައިން ފަތުރުވެރިން އައުމުގެ ރެކޯޑު މީ މިއަހަރު މުގުރާލި ތިންވަނަ ފަހަރެވެ.
ދުވާލަކަށް އެންމެ ގިނައިން ފަތުރުވެރިން މިއަހަރު އައި ފުރަތަމަ ދުވަހަކީ މިމަހުގެ އެއްވަނަ ދުވަހެވެ. އެދުވަހު 10،253 ފަތުރުވެރިން ރާއްޖެއައެވެ. އެ ރެކޯޑް ދެން މުގުރާލީ މި މަހު އަށްވަނަ ދުވަހު އޭގެ ހަފްތާއެއް ފަހުންނެވެ. އެ ދުވަހު 10،462 ފަތުރުވެރިން ރާއްޖެ އައެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި މިމަހުގެ އަށްވަނަ ދުވަހުގެ ރެކޯށް އިއްޔެ ވަނީ އަނެއްކާވެސް މުގުރާލާފައެވެ. އިއްޔެ އެކަނިވެސް 11،136 ފަތުރުވެރިން ޒިޔާރަތްކުރިކަމަށް ޓްއަރިޒަމް ތަފާސް ހިސާބުތަކުން ދައްކައެވެ.
އެ އަދަދާއި އެކު އިއްޔެގެ ނިޔަލަށް މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މި ވަނީ 349،990 އަރާފައެވެ. އެއީ، މިދިޔަ އަހަރުގެ މި މުއްދަތާ ބަލާއިރު، 7.6 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މީ ދުވާލަކަށް އެވެރެޖްކޮށް 7،778 ފަތުރުވެރިންގެ އަދަދެކެވެ.