މީރާއިން ބުނީ މިދިޔަ ޖެނުއަރީ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 4.45 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުކަމަށެވެ. މީރާއިން ބުނީ މީ މިއަހަރުގެ ޖެނުއަރީ މަހު ލިބޭނެކަމަށް އަންދާޒާކުރި ވަރަށްވުރެ 4.9 އިންސައްތަ ދަށް އަދަދެއްކަމަށެވެ. އެހެންނަމަވެސް މީ މިދިޔަ 2025 ގެ ޖެނުއަރީ މަހު ލިބުނު އާމްދަނީއަށް ވުރެ 33.1 އިންސައްތަ އިތުރު އަދަދެއްކަމަށްވެސް މީރާއިން ބުނެއެވެ.
ޓެކުހުގެ ގޮތުގައި ނުލިބި ހުރި ފާއިސާ ހޯދުމަށް މިދިޔަ މަހު ކުރެވުނު މަސައްކަތުން ޖުމްލަ 531.68 މިލިއަން ރުފިޔާ ހޯދާފައިވާކަމަށް މީރާއިން ބުނެއެވެ.
އެގޮތުން ނޯޓިސް ފޮނުވައިގެން 305.84 މިލިއަން ރުފިޔާއާއި އަދި ޑިއުސް ކްލިއަރަންސްގެ ތެރެއިން 51.08 މިލިއަން ރުފިޔާ ހޯދުނުކަމަށް މީރާއިން ބުނެއެވެ.
މީގެއިތުރުން ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުގެ ބޭންކް އެކައުންޓްސް ހިފަހައްޓައިގެން 7.92 މިލިއަން ރުފިޔާ ހޯދިކަމަށް މީރާއިން ބުނެއެވެ. ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯން ކޯލްތަކުގެ ޒަރިއްޔާއިން 95.94 މިލިއަން ރުފިޔާއި އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 70.91 މިލިއަން ރުފިޔާ ހޯދާފައިވާކަމަށްވެސް މީރާއިން ބުނެއެވެ.