32 އަހަރު ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރެއްވުމަށްފަހު އިސްމާއިލް ނަވީން ރިޓަޔާކުރެއްވީ އިއްޔެއެވެ. އެނާ ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރައްވާފައި މިވަނީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރިތާ އަހަރެއްވެސް ނުވަނީސް އެވެ.
ނަވީން ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާފައިވާތީ، ދިވެހި ފުލުހުންގެ ހިދުމަތް ވަގުތީގޮތުން ހިންގަވާނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ އާ ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ހަވާލުކުރައްވާފައެވެ.
މީގެކުރިން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މަގާމުން ރިޓަޔާކުރެއްވުމުންވެސް ފުލުހުންގެ ހިންގުން ވަގުތީ ގޮތުން ފަރުހާދާ ހަވާލުކުރިއެވެ. އެހެންނަމަވެސް އެ ނިންމުން ނިންމިތާ ގަޑިއިރެއް ނުވަނީސް މިނިސްޓަރު އިހްސާން ވަނީ އެ ނިންމުން ބަދަލުކުރައްވާ އެންމެ ފަހުން ރިޓަޔާކުރެއްވި އިސްމާއިލް ނަވީންއާ ހަވާލުކޮށްފައެވެ.
ވަގުތީ ކޮމިޝަނާ އޮފް ޕޮލިސްއަށް އައްޔަންކުރި (ޑީސީޕީ) ފަރުހާދު ފިކުރީ، އޭނާގެ ދަރިފުޅުގެ މައްޗަށް ތުހުމަތުކުރެވޭ ރޭޕްގެ މައްސަލައެއްގެ ހެކިތައް ނައްތާލާފައިވާ ކަމަށް، ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަނީ ތުހުމަތުކޮށްފައެވެ.