އުފެދޭ ސުވާލަކީ ތަރާވީހު ނަމާދުގެ ނިޔަތަކީ ކޮބާ ތޯ އެވެ. ޖަވާބުގައި އިލްމުވެރިން ވިދާޅުވަނީ ތަރާވީހް ނަމާދު ކުރަމޭ ހިތައް އެރުވުމުން ނިޔަތް ގަނެވުނީ ކަމަށެވެ.
ތަރާވީހް ނަމާދު ނުވަތަ ރޭގަނޑު ކުރާ ސުންނަތް ނަމާދުތަކުގައި ހަމަކުރަންޖެހޭ ރަކްއަތްތަކުގެ އަދަދު. ސުންނަތާ އެންމެ ގާތްކަން ބޮޑު ގޮތަކީ 12 ރަކުއަތް އަދާކުރުން ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ.
އަބޫ ސަލަމާ ބިން އަބްދުއްރަޙްމާން ، އާއިޝަތުގެފާނު އަރިއަހުން ރިވާ ކުރައްވާފައިވަނީ عَنْ أَبِي سَلَمَةَ بْنِ عَبْدِ الرَّحْمَنِ أَنَّهُ سَأَلَ عَائِشَةَ رَضِيَ اللَّهُ عَنْهَا كَيْفَ كَانَتْ صَلَاةُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي رَمَضَانَ فَقَالَتْ مَا كَانَ يَزِيدُ فِي رَمَضَانَ وَلَا فِي غَيْرِهِ عَلَى إِحْدَى عَشْرَةَ رَكْعَةً
މާނައަކީ: "އަހަރެން އާއިޝަތުގެފާނު އަރިއަހުގައި ދެންނެވީމެވެ. ރަމަޟާން މަހު ރަސޫލާ ނަމާދު ކުރެއްވީ ކިހިނެއްތޯއެވެ؟ އާއިޝަތުގެފާނު ވިދާޅުވި އެވެ. ރަމަޟާން މަހުގައިވެސް އަދި އެ ނޫން މަހެއްގައިވެސް، ރަސޫލު ޞައްލައްﷲ އަލައިހި ވަސައްލަމަ އެގާރަ ރަކުއަތަށް ވުރެ ގިނަ ނުކުރައްވަ އެވެ. " ( ޞަޙީޙް ބުޚާރީ ، ތަރާވީޙް ނަމާދު ބާބު )
ރަސޫލާ 13 ރަކްއަތް ކުރެއްވިކަން ވެސް ސައްހަ ރިވާޔަތުން ސާބިތުވާން އެބަ ހުއްޓެވެ. އިލްމުވެރިން ވިދާޅުވެފައިވަނީ މިތާގައި ގެނެވިފައި މިވާ އާއިޝަތުގެފާނު ރިވާ ކުރެއްވި ހަދީޘްގައި ވިދާޅުވެފައިވަނީ، އެއީ ރަސޫލާ އާއްމުކޮށް ކުރައްވާ އަދަދެވެ. އެކަމަކު ބައެއްފަހަރު 13 ރަކުއަތްވެސް ކުރެއްވި އެވެ.
ވީމާ ތަރާވީހްގައި 11 ރަކްއަތް ކުރިއަސް އަދި 13 ރަކްއަތް ކުރިއަސް އެއީ ސުންނަތް ގޮތެކެވެ.
އަދި އެއަށްވުރެ ގިނައިން ކުރިއަސް އެއީ ރަނގަޅު ގޮތެކެވެ. ފަހަރެއްގައިވެސް ބިދުޢައެއް ނޫނެވެ. ސަބަބަކީ ޢުމަރުގެފާނުގެ އަމުރަށް 23 ރަކްޢަތްވެސް ކުރެވުނެވެ.
ތަރާވީހް ނަމާދަކީ ދެ ރަކުއަތުން 2 ރަކުއަތުން ކުރެވޭ ނަމާދެކެވެ. ދެ ރަކްއަތުން ކުރާއިރު 2 ރަކުއަތް ދެމެދުގައި ވަކި ތަސްބީހައެއް ކިޔުމަކީ ސާބިތު ކަމެއް ނޫންކަމަށް އިލްމުވެރިން ވިދާޅުވެ އެވެ. އެހެން ނަމަވެސް ހަތަރު ރަކުއަތް ކޮށްފައި ނަމާދު ކުރާތަނުގައި އިށީންދެ އިނދެގެން އަރާމުކުރެވޭނެ އެވެ. އަރާމުކޮށްލަން އިންނަ ވަގުތުގައި ބޭނުންވާކަމުގައި ވަނީނަމަ ދުއާއެއްވެސް ކިޔާލެވިދާނެ އެވެ.
އަރާމު ކުރުމަށްފަހު އަނެއްކާވެސް ތެދުވެ ތަރާވީހު ކުރަން ފަށާނީ އެވެ.
ތަރާވީހު ނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. އަދި ތަރާވީހް ނަމާދުގެ މޮޅު އިތުރު ގޮތަކީ ޖަމާއަތުގައި ކުރުމެވެ. ނަމަވެސް ޖަމާއަތުގައި ނުކުރެވޭ މީހަކު ގޭގައި ކުރުމުންވެސް އެކަމުގެ ސަވާބު ލިބޭނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;