އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު މިހެން ވިދާޅުވިއިރު، ރާއްޖޭގައި ޑޮލަރުގެ ޑިމާންޑް ބޮޑުވެގެން އުޅެނީ ސަރުކާރުތަކުން ފިޔަވަޅު އެޅުމަށް ފަސް ޖެހޭތީ ކަމަށް ކުރީގެ ގަވަރުނަރު އަލީ ހާޝިމް މިފަހުން ވަނީ ވިދާޅުވެފަ އެވެ.
"ސީއެންއެމް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަލީ ހާޝިމް ވިދާޅުވީ ގައުމުތަކުގައި އެތަންތަނުގައި މާލީ މުއާމަލާތް ކުރާނެ ވަކި ފައިސާއެއް ކަނޑައަޅާފައި ހުންނަ ކަމަށާއި އެ ފައިސާއަކީ އާންމުކޮށް އެގައުމެއްގެ ފައިސާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ފައިސާއަކީ ދިވެހި ރުފިޔާ ކަމުގައި ވިޔަސް ދިވެހި ރުފިޔާގެ ބޭނުން ކުރަން ލާޒިމް ކުރަން ސަރުކާރުތަކުން ފަސް ޖެހޭ ކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.
ކުރީގެ ގަވަރުނަރު އިތުރަށް ވިދާޅުވީ ހުރިހާ ވެސް މައްސަލައަކީ ގައުމެއްގެ ގޮތުގައި ހުންނަ އަސާސްތަކުގެ ތެރެއިން ވަރަށް މުހިންމު އަސާސެއް ދޫކޮށްލައިގެން އުޅޭއުޅުން ކަމަށެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ދެއްވި ޖަވާބުގައި މުނައްވަރު ވިދާޅުވީ ރާއްޖޭގައި ކުރާ މާލީ ހުރިހާ މުއާމަލާތްތަކެއް ދިވެހި ފައިސާ އިން ކުރާ ގޮތަށް ބަދަލުކުރުމަކީ އެމްއެމްއޭގެ އަމާޒެއް ކަމަށެވެ.
ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ގިނަ ބަޔަކު ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
ނަމަވެސް، މިފަދަ ބަދަލުތައް އެއްފަހަރާ ގެނައުމަކީ އެމްއެމްއޭގެ ވިސްނުމެއް ނޫން ކަމަށާއި މަޑުމަޑުން އެ ބަދަލުތައް ގެންނާނެއިރު، ރާއްޖޭގައި ކުރާ މާލީ ހުރިހާ މުއާމަލާތްތަކެއް ދިވެހި ފައިސާއިން ކުރާ ގޮތަށް 2030 ވަނަ އަހަރުގެ ނިޔަލަށް ބަދަލުތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ ރާއްޖޭގައި އޮންނަން ޖެހޭނީ މެނޭޖު ފްލޯޓު އެކްސްޗޭންޖު ރޭޓެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި މާކެޓަށް އަންނަ ބަދަލުތައް މެޝަރަބަލް ގޮތަކަށް ފެންނާނީ އޭރުން ކަމަށެވެ. އެފަދަ ނިޒާމެއް ހިންގުމަށް އެމްއެމްއޭގައި އެކަށީގެންވާ ރިޒާވެއް ހުންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ނިންމާފައިވާކަން ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު އިއުލާންކުރެއްވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;