ads
ދުންތަރި ނިއޯވައިސް : ފޮޓޯ / ގޫގުލް
އަލިގަދަ ދުންތަރި "ނިއޯވައިސް" ބަލަން ދިވެހިން ތައްޔާރުތަ؟
މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން، އިރު އޮއްސުމާއި އެކު ހުޅަނގު އުދަރެހުން ތާރީހީ ދުންތަރި "ނިއޯވައިސް"ގެ އަލި ރާއްޖެ އަށް ފެންނަން ފަށައިފި އެވެ. ލިންކްސް ކިޔާ ބުރުޖުގެ ކައިރިން އޭރު ދަތުރު ކުރަމުން ދިޔަ ދުންތަރީގެ އަލި ފުރަތަމަ ރާއްޖެ އަށް ފެންނަން ފެށީ ވަރަށް ކުޑަ ކޮށެވެ. އެގޮތުން ފުރަތަމަ ކޮޅު އިރު އޮއްސުމާއި އެކު، 15 ވަރަކަށް މިނިޓްގެ ތެރޭގައި ރާއްޖޭގެ އުދަރެހުން އެ ދުންތަރީގެ އަލި ގެއްލެ އެވެ.

އުތުރުގެ ގައުމުތަކުގައި އުޅޭ މީހުންނަށް މި މަސް ފެށުމާއި އެކު، ރީތިކޮށް ހަމަލޮލަށް "ނިއޯވައިސް" ފެންނަން ފެށި އެވެ. ނަމަވެސް މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ރާއްޖެ އަށް އެ ދުންތަރި ނުފެނި ދިޔައީ، އޭރު އެ ދުންތަރި ރާއްޖޭގެ އުދަރެހަށް އަރަނީ އިރުގެ އަލި ގަދަވެފައި ހުންނަ ވަގުތުތަކުގައި ކަމުން، އެ އައްޔާއި ހެދި "ނިއޯވައިސްގެ" އަލި ފަނޑުވެގެން ދާތީވެ އެވެ.

އެކަމަކު މިހާރު އެ ދުންތަރި ދަތުރުކުރަމުން އަންނަ ގޮތަށް ބަލާއިރު، ރާއްޖޭގެ އުދަރެހަށް އަރާނީ ކުރިއަށް ވުރެ ލަހުން ކަމުން، އިރު އޮއްސުމާއި އެކު އުދަރެހުން ފެންނަން ހުންނަ ވަގުތު އިތުރުވާނެ އެވެ. އެގޮތުން މިރެއިން ފެށިގެން އެ ދުންތަރި ރާއްޖޭގެ އުދަރެހުން އޮއްސޭނީ 20:18 ގެ ފަހުންނެވެ. 

"ނިއޯވައިސް" މިހާރު ފެންނަން ހުންނާނީ އުރްސަ މޭޖާ ކިޔާ ބުރުޖުގެ ކައިރިންނެވެ. އަނދިރި ތަނެއްގައި ހުރެގެން ބަލާނަމަ ރީތިކޮށް ހަމަލޮލަށް އެ ދުންތަރި ފެންނާނެ ކަމަށް ފަލަކީ ތަޖުރިބާކާރުން ބުނެ އެވެ. އަދި އޭގެ ފޮޓޯ ނަގަން ބޭނުންވާ މީހުންނަށް ކެމެރާ އިން، ވަރަށް ރީތިކޮށް ފޮޓޯ ވެސް ނެގޭނެ ކަމަށް ވެއެވެ. ކުޑަ ޓެލެސްކޯޕެއް ނުވަތަ ދުރުމިއެއްގެ އެހީގައި ވަރަށް ރީތިކޮށް "ނިއޯވައިސް" ބަލާލެވޭނެ އެވެ. އެކަމަކު އުޑުމަތީގައި ވިލާ ބޯވެ، މޫސުން ގޯސްނަމަ އެ ދުންތަރި ނުފެނި ހިނގައިދާނެ އެވެ. [މާލޭ ސަރަހައްދަށް މި ފަހްތާ އެއްކޮށް ވިލާ ބޯވާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރެ އެވެ.]

މާދަމާ އަކީ މި ދުންތަރި ދުނިޔެއާ އެންމެ ކައިރިން ދަތުރު ކުރާ ދުވަހެވެ. އެގޮތުން މާދަމާރޭ "ނިއޯވައިސް" ފެންނަން ހުންނަ އިރު، އެ ދުންތަރި ދަތުރު ކުރަމުން ދާނީ ދުނިޔެއާ އެންމެ 64 މިލިޔަން މޭލު [ފަލަކީ ގޮތުން ބަލާނަ މިއީ ބޮޑު އަދަދެއް ނޫން]  ދުރުންނެވެ. ދިވެހިންނަށް މި ދުންތަރި ފެންނަން ފެށުން ލަސް ނަމަވެސް، މި މަހުގެ ބާކީ އޮތް ދުވަސްތަކުގައި މި ދުންތަރި ފެންނަން ހުންނާނެ ވަގުތު އިތުރުވާނެ އެވެ.

އެކަމަކު މާދަމާ އަށް ފަހު އެ ދުންތަރި ދަތުރު ކުރަމުން ދަނީ ދުނިޔެއާ ދުރަށް ކަމުން، މި މަހުގެ ފަހުކޮޅަށް ދާވަރަކަށް އޭގެ އަލި ދާނީ ފަނޑުވަމުންނެވެ. އަދި ހަމަލޮލަށް ގެއްލި، ޓެލެސްކޯޕުތަކަށް ވެސް، މި މަހަށް ފަހު އެ ދުންތަރި އަލްވަދާއު ކިޔާނެ އެވެ. ފަލަކީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ދެން އެ ދުންތަރި މިހާ ރީތިކޮށް ދުނިޔެ އަށް ފެންނާނީ 6،800 އަހަރު ފަހުންނެވެ.

ދުންތަރި ނިއޯވައިސްގެ ކުރު ތައާޔަފެއް:

ފަލަކީ ތަޖުރިބާކާރުންނަށް މި ދުންތަރި ފުރަތަމަ ފެނުނީ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ. އެ ދުންތަރި ހޯދީ ދުނިޔެއާ ކައިރިން ދަތުރުކުރާ ސަމާވީ ތަކެތި ހޯދައި، އެ އެއްޗެހީގެ ދިރާސާތައް ކުރާ ނާސާގެ "ނިއާ-އާތު އޮބްޖެކްޓް ވައިޑް-ފީލްޑް އިންފްރާރެޑް ސާވޭ އެކްސްޕްލޯރާ" (ނިއޯވައިސް) އެވެ. 

ރަސްމީކޮށް މި ދުންތަރި އަށް ދީފައިވާ ނަމަކީ ސީ/2020 އެފް3 އެވެ. އެކަމަކު "ނިއޯވައިސް"ގެ ގޮތުގައި މަޝްހޫރުވީ، އެ ނަމަކީ މި ދުންތަރި ހޯދި ނާސާގެ މިޝަން އަށް ދީފައިވާ ކުރު ނަން ކަމަށް ވުމުންނެވެ.

ދުންތަރި އުފެދިފައިވަނީ މައިގަނޑު ތިން ބައެއްގެ މައްޗަށެވެ. އެއީ ހިލަ އާއި އައިސް އަދި އޭގެ ވަށައިގެން އުފެދިފައިވާ ގޭހުގެ އިތުރުން އޭގެ ފަހަތުން ފެންނަންއޮންނަ ނިގުލެވެ. ބައެއް ދުންތަރިތަކުގައި އެއްނިގުލައްވުރެ ގިނަ ނިގޫލާފާއި ހުއްޓާ ވެސް ފެނިދާނެ އެވެ. އެކަމަކު ނިގޫ އަބަދުވެސް އިންނާނީ އިރާއި ދުރަށެވެ.

އެގޮތުން "ނިއޯވައިސް" ދަތުރުކުރަމުން ދާއިރު ވެސް ދެ ނިގޫ ފެންނަން އިންނާނެ އެވެ. އެއީ އިރާ ގާތުން އެ ދުންތަރި ދަތުރުކުތަމުން ދާއިރު، ހޫނުވެގެން އޭގައި ހުންނަ ހިލަ އާއި އައިސް އަދި ގޭސްތައް އޭގެން ވަކިވެގެން ދާއިރު އުފެދޭ އެއްޗެކެވެ.

"ނިއޯވައިސް" އަކީ ފާއިތުވި 23 އަހަރުގެ ތެރޭގައި ފެންނަ އެންމެ އަލިގަދަ ދުންތަރި ކަމަށް ވެއެވެ. އެއީ ދިގުމިނުގައި ފަސް ކިލޯމީޓަރު ހުރި އެ ދުންތަރި، އިރާއި ކައިރިން ދަތުރު ކުރާއިރު ވެސް ފުނޑުފުނޑު ނުވާތީ ކަމަށް ފަލަކީ ތަޖުރިބާކާރުން ވިދާޅުވެ އެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހު ފެނުނު "އެޓްލަސް" ދުންތަރި އަކީ އަލިގަދަ ދުންތަރިއަކަށް ވާނެ ކަމަށް ލަފާކުރެވިފައި އޮތް ނަމަވެސް، އިރާއި ކައިރި ވުމާއި އެކު އެ ދުންތަރި ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ފުނޑުފުނޑުވެފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް