ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު-- ފޮޓޯ: ރައީސް އޮފީސް
ކޮރަޕްޝަން ހުއްޓުވުމަށް މާލިއްޔަތު ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: މިނިސްޓަރު އަމީރު
ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުމަށް މާލިއްޔަތު ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލިއްޔަތު ގަވާއިދުގައި ސިންގަލް ސޯސްކޮށް ދެވޭ ގޮތަށް ކުރިން އޮތް މާއްދާ މިހާރު ވާނީ ބަދަލުކޮށްފައި ކަމަށެވެ. 

"ކޮރަޕްޝަނަށް ހުރި ހިރާސްތައް ކުޑަ ކުރަން މާލިއްޔަތު ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް މި އަންނަނީ ގެންނަމުން. ކޯޕަރޭޓިވް ސޮސައިޓީ އަދި ގައުމީ ޖަމިއްޔާއާ ސިންގަލް ސޯސްކޮށް ދެވޭ ގޮތަށް ކުރިން އޮތް މާއްދާ މިހާރު ވާނީ ބަދަލުކޮށްފައި،" އެ ޓްވީޓުގައި ވެއެވެ. 

އަމީރު ކުރެއްވި އިތުރު ޓްވީޓުތަކެއްގައި ވަނީ ކުރިން އެ މާއްދާ އޮތް ގޮތާއި ޖުލައި 2020 ގައި އެ މާއްދާއަށް ގެނެސްފައިވާ ބަދަލު ފާހަގަކުރައްވާފަ އެވެ.

އެގޮތުން މާލިއްޔަތު ގަވާއިދުގެ 10.27 ގެ (ހ) ގައި ކުރިން އޮތީ މަސްލަހަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކާ ނުވަތަ ގައުމީ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއް ކަމަށް ސަރުކާރުން ގަބޫލުކުރާ ފަރާތަކާ ބިޑް ނުކޮށް މަސައްކަތް ހަވާލުކުރެވިދާނެ ކަމަށެވެ. 

ނަމަވެސް ފަހުން ގެނެސްފައިވާ ބަދަލުގައިވާ ގޮތުން ދައުލަތުގެ ފަރާތަކުން ބިޑް ކުރުމަކާ ނުލާ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުންޏަކާ މަސައްކަތް ހަވާލުކުރެވިދާނެ ކަމަށެވެ. 

އަމީރު އިތުރަށް ވިދާޅުވީ ފިނޭންސް މިނިސްޓްރީން އިސް ނަގައިގެން އެޓާނީ ޖެނެރަލް، އޮޑިޓާ ޖެނެރަލް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހިމެނޭ ގޮތަށް މާލިއްޔަތު ގަވާއިދު އިސްލާހު ކުރުމަށް ކޮމިޓީއެއް ހެދި ކަމަށެވެ.

އެ ކޮމިޓީގެ އެންޑޯޒްމަންޓާ އެއްކޮށް ގަވާއިދު އިސްލާހު ކުރުމަށް ފަހު ގެޒެޓު ކުރުމަށް ރައީސް އޮފީހަށް ފޮނުއްވާފައިވާ ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އަމީރު އެހެން ވިދާޅުވެފައި ވާއިރު މާލިއްޔަތު ގަވާއިދުގެ އެ މާއްދާ އުވާލުމަށް ދެވަނަ ފަހަރަށް އޭސީސީން ވަނީ ފިނޭންސް މިނިސްޓްރީގައި އެދިފަ އެވެ. 

އޭސީސީން ބުނެފައި ވަނީ ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރަން އެ ގަވާއިދު އުވާލަން ދެވަނަ ފަހަރަށް މިނިސްޓްރީގައި އެދުނީ މިހާރު ކުރަމުންދާ ތަހުގީގުތަކުން ފާހަގަވި ކަންކަމާ ގުޅިގެން ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް