ads
ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން-- ފޮޓޯ: ސީއެންއެމް
ހަމަލާއެއް ނުދެން، އޯގާތެރިކަމާއެކު ސާމްޕަލް ނަގަން ޖެހޭ: މެމްބަރު އިކްރާމް
ކޮވިޑް ސާމްޕަލް ނަގަން ހުރި މީހަކަށް ހަމަލާ ދީފައި ނުވާނެ ކަމަށާއި ސާމްޕަލް ނެގުމުގެ މަސައްކަތް އޯގާތެރިކޮށް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެ އެވެ.

މާފަންނަ މަދަރުސާގައި ކޮވިޑް ސާމްޕަލް ނަގަން ހުރި ރެޕިޑް ރެސްޕޯންސް ޓީމުގެ މެމްބަރަކަށް އިކްރާމް ހަމަލާ ދެއްވި ކަމަށް ރޭ ހަބަރު ފެތުރުނެވެ. އެފަދަ މައްސަލައެއް ބަލަމުންދާ ކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ.

އެކަމާ ގުޅިގެން އިކްރާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަމަލާ ދީފައި ނުވާނެ ކަމަށާއި ތަދުވާ ގޮތަށް ސާމްޕަލް ނެގުމުން ރުޅި އައިސް، އެ މީހާގެ އަތް ދުރަށް ޖެއްސުނު ކަމަށެވެ.

"... ނޭފަތު ތެރެއަށް ސާމްޕަލް ނަގާ އެތި ލައްވާފައި ތަޅުވައިގަތީމަ ތަދުވި ވަރުން އެ ކަފަ ބުރު ނެރުމަށް މޫނާ ކައިރީގައި އިން އޭނާގެ އަތް ދުރަށް ލިން. އަދި ވަރަށް ރުޅި އައިސް ބުނެވުނު މިހާ އަނިޔާވެރިކޮށް ސާމްޕަލް ނަގާ ކުދިން ސާމްޕަލް ނަގަން ބައިތިއްބަން ނުވާނެ ކަމަށް...،" އިކްރާމް ވިދާޅުވި އެވެ.

އެއަށް ވުރެ ބޮޑު ކަމެއް އެތަނުގައި ނުހިނގާ ކަމަށާއި އެތަނުގައި ކެމެރާ ހުރި ނަމަ ފުޓޭޖް ބަލައިގެން ވެސް އެކަން ޔަގީން ވާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. 

"އަޅުގަނޑު ކުރިން އައިޖީއެމްއެޗުން ވެސް ޕީސީއާރް ޓެސްޓު ހެދިން ނަމަވެސް ވަރަށް އޯގާތެރިކަމާއެކު ތަކުލީފެއް ނުވާ ގޮތަށް އައިޖީއެމްއެޗުން އެކަން ކޮށްދިން،" އިކްރާމް އިތުރަށް ވިދާޅުވި އެވެ.

ފުލުހުން އެ މައްސަލަ ބަލަމުން ދާއިރު، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަނުން ވަނީ އެ "ނާތަހުޒީބު އަމަލު" އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް