މިނިސްޓަރު ޝާހިދު ވިދާޅުވި ކޮވިޑަށް ފަހު އުފެދިފައިވާ މާހައުލުގައި ޗައިނާއާއެކު އިގްތިސޯދީ ގޮތުން ގުޅުން ބަދަހިކޮށް ކުރިއަށް ދެވޭނެ ގޮތްތަކާ މެދު މިއަދު ވަރަށް އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށް ދިޔަ ކަމަށެވެ.
ރާއްޖޭގެ އިގްތިސޯދު އަލުން ވަރުގަދަ ކުރުމަށް ކުރާ މަސައްކަތާއި އެހެން ދާއިރާތަކުން ވެސް ޗައިނާއިން ދަނީ މެދުކެނޑުމެއް ނެތި އެހީ ފޯރުކޮށްދެމުން ކަން ޝާހިދު ފާހަގަކުރެއްވި އެވެ.
ސަފީރު ލިޖޮންގް ވެސް ވިދާޅުވީ މިއަދު ކުރިއަށް ދިޔެއީ ކާމިޔާބު މަޝްވަރާތަކެއް ކަމަށާއި ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް ޗައިނާއިން ތައްޔާރަށް އޮތް ކަމަށެވެ.
ފޮރިން މިނިސްޓަރާއި ފިނޭންސް މިނިސްޓަރު ޗައިނާ ސަފީރާ ބައްދަލުކުރައްވާފައި ވާއިރު މިދިޔަ ސަރުކާރުން ޗައިނާއާއެކު ސޮއިކުރި ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ގެ ބަހުސް މިހާރު ވަނީ ބޮޑުވެފަ އެވެ.
އެގޮތުން އެފްޓީއަކީ ރާއްޖެއަށް ފައިދާވާނެ އެއްޗެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވުމުން، ރައްދުގައި ސަފީރު ލިޖޮންގް ވިދާޅުވީ އެއީ ވިޔަފާރީގެ ގުޅުންތަކަށް އެއްވެސް އަސަރެއް ކުރާނެ އެއްބަސްވުމެއް ނޫން ކަމަށެވެ.