
ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ގައުމާ މުހާތަބު ކުރައްވާ މިއަދު ހެނދުނު ދެއްވި ހިތާބުގައި ރައީސް ސޯލިހު ވިދާޅުވީ ގައުމުތަކާއެކު ގުޅުން ހަރުދަނާ ކުރަނީ މުހިއްމު ދެ ކަމެއް ކަށަވަރު ކުރުމަށް ފަހު ކަމަށެވެ.
"ފުރަތަމަ ކަމަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުން. ދެވަނަ ކަމަކީ، އެ ގުޅުންތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާ އާއި ލާބަ ލިބޭނެކަން ކަށަވަރު ކުރުން. މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، މިއަދާ ހަމައަށްވެސް ތަންފީޒުކުރަމުން މި އަންނަނީ މި ސިޔާސަތު. މާތް ﷲގެ ވާގިފުޅާއެކު، ކުރިމަގުގައިވެސް ދަމަހައްޓާނީ ހަމަ މި ސިޔާސަތު،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ މިހާރުގެ ސިޔާސީ އަދި އިގްތިސޯދީ ވިސްނުމަކީ މިނިވަން، މުސްތަގިއްލު ގައުމުތަކެއްގެ ގުޅިލާމެހިފައިވާ މުޖުތަމައު ކަމަށާއި ރާއްޖެ އަކީ އެ މުޖުތަމައުގެ އެއް ގޭބިސީ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރު ފެށިއިރު، ރާއްޖެ އޮތީ އެ މުޖުތަމައިން އެކަހެރިވެފައި ކަމަށް ފާހަގަކުރެއްވި އެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ލިބެން ހުރި މަންފާތަކާއި އެހީތައް ލިބުމަށް ހުރަސް އެޅުނު ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގައި އަނެއްކާވެސް ގައުމުތަކާ ގުޅުން ބަދަހިކޮށް، އެ ގުޅުންތަކުގެ ފައިދާ ރައްޔިތުންނާ ހަމައަށް ލިބެމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖެ ވަށައިލިއިރު، އަޅުގަނޑުމެންގެ ހާރިޖީ ގުޅުންތައް އިއާދަ ކުރެވި ބަދަހިވެފައިވާ ކަމީ، މާތް ﷲ ގެ މަދަދާއެކު، ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ހެޔޮ ނަސީބެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެގޮތުން ކޮވިޑާ ދެކޮޅަށް ރާއްޖެއިން ހޯދަމުންދާ ކުރިއެރުމާއި ކާމިޔާބީގެ އެއް ސަބަބަކީ ގައުމުތަކާއެކު ގުޅުން ރަނގަޅުވެފައި ވުން ކަމަށާއި ފަންނީ ގޮތުންނާއި މާލީ ގޮތުން ބައިނަލްއަގްވާމީ މުޖުތަމައިން ގިނަ އެހީތަކެއް ވަމުންދާކަން ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ސޯލިހުގެ ހިތާބުގައި އިތުރަށް ވިދާޅުވީ އެއް ބަހަކުން ވާހަކަ ދައްކާ، އެއް ސަގާފަތެއް ހިއްސާ ކުރާ ބަޔަކަށް ދިވެހިން ވާއިރު، "ދިވެހި ގައުމިއްޔަތުގެ ހައިބަވަންތަކަން އިތުރުކޮށްދޭ" އެންމެ މަތިވެރި ނިއުމަތަކީ "އިސްލާމްދީނުގެ އުޖާލާ ނޫރުން އަޅުގަނޑުމެންގެ ހިތްތައް އަލިވެފައިވުން" ކަމަށެވެ.
"މިއީ އަޅުގަނޑުމެންނާ ހަވާލުވެފައިވާ ގައުމީ އަމާނާތެއްކަން ގަބޫލުކޮށް، ގައުމިއްޔަތުގެ މި ތަނބުތައް، ނަގަހައްޓައި ދެމެހެއްޓުމަކީ، މި ލޮބުވެތި ވަތަނަށް މަންމަގެ ނަމުން މުހާތަބު ކުރާ ކޮންމެ ދިވެއްސެއްގެ ވެސް ވާޖިބެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ހިތާބު ނިންމަވާލައްވަމުން ވިދާޅުވީ ޅަ ދަރިންނާއި ޒުވާނުންގެ ހިތްތަކުގައި ގައުމިއްޔަތުގެ ސިފަތަކަށް ލޯތްބާާއި ގަދަރު އުފެއްދުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމަށެވެ.
"ގައުމިއްޔަތުގެ ވަސްމީރު މާމެލާމެލިން، މާދަމާގެ ޖީލުތަކަށް މިނިވަންކަމުގެ ހުވަނދު ލެވޭނީ، އަދުގެ ދިރިތިބީން އެގަހަށް ހޭހަންކޮށް، އަޅުގަނޑުމެން އެންމެންގެ ހިތްތަކުގައި ގައުމިއްޔަތުގެ ރޫހު ފުރިހަމައަށް ހަރުލައްވައިގެން،" ރައީސް ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ ފުރަތަމަ ދުވަސް ރާއްޖޭގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޕޯޗުގީޒުންގެ އަތް ދަށުން ރާއްޖެއަށް މިނިވަންކަން ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ.