ads
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް
8 މިލިއަން ރުފިޔާގެ ތެލުގެ ވައްކަމުގައި އެފްއެސްއެމްގެ 5 މީހަކު ސަސްޕެންޑްކޮށްފި
އެމްޕީއެލްގެ ތެރެއިން ހިނގާ ގޮސްފައިވާ 8 މިލިއަން ރުފިޔާގެ ތެލުގެ ވައްކަމާއި ގުޅިގެން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ އިތުރު 5 މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.

މީގެ ކުރުން ވެސް އެފްއެސްއެމްގެ މުވައްޒަފަކު ވަނީ ސަސްޕެންޑް ކޮށްފައެވެ. 

ތެލުގެ ވައްކަން ހިނގިގޮތް ދަންނަ ފަރާތަކުން ސީއެންއެމް އަށް ކިޔައިދިން ގޮތުގައި މިކަމުގެ ތުހުމަތު އެމްޕީއެލްގެ އާދައިގެ މުވައްޒަފުންތަކެއްގެ އިތުރުން މެނޭޖްމެންޓް ލެވެލްގެ ފަރާތްތަކަކަށްވެސް ކުރެވެ އެވެ.

އެމްޕީއެލްގައި އިންޖިނިއަރިން ޑިޕާޓްމެންޓުން އިންޖީނަށް އެޅުމަށް ބޭނުންވާ ތެޔޮ ހޯދުމަށް ނޯޓު ތައްޔާރުކުރާއިރު އެ ނޯޓު ތައްޔާރުކުރާ ފަރާތުންނާއި މެނޭޖަރުގެ އިތުރުން ޑިޕާޓްމެންޓްގެ އެޗްއޯޑީގެ ސޮއި އޮންނަންޖެހެ އެވެ. އެ ތިން ސޮއި ހަމަވުމުން މެނުވީ ނުވަތަ އިންޖިނިއަރިން ޑިޕާޓްމެންޓްގެ އެޗްއޯޑީގެ ސޮއި ނެތި ޕްރޮކިއުމެންޓުން އެ ނޯޓަކާއި ހަވާލުނުވެވޭނެ އެވެ. އަދި އެ އިންޖިނިއަރިން ޑިޕާޓްމެންޓްގެ ހެޑްގެ ސޮއި ނެތި ފައިނޭންސް ޑިޕާޓްމެންޓުން ވެސް އެ ނޯޓަކަށް ފައިސާ ދޫނުކުރެވޭނެ އެވެ.

ކޮވީޑް-19 ގައި ބޯޑަރުތައް ބަންދުކޮށްފައި އޮތުމުން މާގިނަ އަދަދަކަށް އެމްޕީއެލަކަށްވެސް ތެލެއް ބޭނުމެއް ނުވެ އެވެ. އަދި ތެޔޮ އަޅާކަމަށް އެމްޕީއެލްގެ ލިޔެކިޔުންތަކުން ފެންނަން ހުރި ޖަނަރޭޓަރަކީ ލޮކްޑައުންގެ ތެރޭގައި ބޭނުންވެސް ނުކޮށް ހުރި ޖަނަރޭޓަރެކެވެ.

ތެލުން ވައްކަމެއް ކޮށްފައިވާކަން ފަޅާއެރީ އެމްޕީއެލްގެ ފައިނޭންސް ޑިޕާޓްމެންޓުން ބޭނުންކޮށްފައިވާ ތެލުގެ ރިޕޯޓް އޮގަސްޓް ފަހުކޮޅު ފޮނުވުމުންނެވެ. އެ ރިޕޯޓް ބެލުމަށްފަހު އެމްޕީއެލްގެ ތެރޭގައި ކޮވިޑް-19 ގެ ލޮކްޑައުންގެ ތެރޭގައި ގޯހެއް ހިނގާފައިވާކަން ފުރަތަމަ ފަޅާ އަރުވާލީ އިންޖިނިއަރިން ޑިޕާޓްމެންޓްގެ އެޗްއޯޑީ އެވެ.

ގޯހެއް ހިނގާފައިވާކަން އިނގުނީ ލޮކްޑައުންގެ މުއްދަތުގައި ތެޔޮ ނެގުމަށް ނޯޓްގައި އޭނާ ސޮއި ނުކުރާ މިންވަރަށް ސޮއިކުރިކަމަށާއި އަދި އެ ނޯޓްތައް ޕްރޮކިއުމެންޓަށް ފޮނުވާ އެޕްރޫވްކޮށް ފައިނޭންސް ޑިޕާޓްމެންޓުންވެސް ފައިސާ ދޫކޮށްފައި ހުރިކަން ރިޕޯޓުން އެނގުމުންނެވެ. އެ ރިޕޯޓް ރިވިއު ކޮށްދިނުމަށް އިނޖިނިއަރިން ޑިޕާޓްމެންޓްގެ ހެޑް އެދުމުން ނޯޓްތައް ފޮނުވި އިރު, އޭގެ ތެރެއިން ގިނަ ނޯޓްތަކުގައި އޭނާގެ ސޮއި ނެތްކަން އިންޖިނިއަރިން ޑިޕާޓްމެންޓްގެ ހެޑަށް އެނގުނެވެ. އެޗްއޯޑީގެ ސޮއި ނެތް ނޯޓްތަކުގައި ހުރީ މެނޭޖަރުގެ ސޮއެވެ.

އެހިސާބުން އެކަން އިތުރަށް ބަލައިދިނުމަށް އިންޖިނިއަރިން ޑިޕާޓްމެންޓްގެ ހެޑް އެމްޕީއެލްގެ ލީގަލް ޑިޕާޓްމެންޓްގައި އެދުމުން އެތެރޭގެ އޮޑިޓެއް ހެދުމަށް އިންޓާނަލް އޮޑިޓާއި ހަވާލުކުރި އެވެ.

މި އަށް މިލިއަން ރުފިޔާގެ ވައްކަމުގައި މެނޭޖްމެންޓް ލެވެލްގެ ހިއްސާއެއް ވާކަމަށް ތުހުމަތުކުރާ ފަރާތްތަކުން ކުރަނީ އިންޖިނިއަރިން ޑީޕާޓްމެންޓްގެ ހެޑްގެ ސޮއި ނެތި ޕްރޮކިއުމެންޓް ޑިޕާޓްމެންޓުން އެޕްރޫވްކޮށް ފައިނޭންސް ޑިޕާޓްމެންޓުން ފައިސާ ދޫކޮށްފައިވާތީ އެވެ. އަށް މިލިއަން ރުފިޔާގެ ފައިސާއަށްވާ ނޯޓްތަކުގައި އިންޖިނިއަރިން ޑިޕާޓްމެންޓްގެ ހެޑްގެ ސޮއި ނެތް ކަމުގައި ވާނަމަ އެކަމެއްގެ ވާނުވާއެއް ފައިނޭންސް ޑިޕާޓްމެންޓުންވެސް ފައިސާ ދޫކުރުމުގެ ކުރިން ސާފު ކުރަން ޖެހޭނެ ކަމަށް މައުލޫމާތު ދިންފަރާތުން ހާމަކޮށްފައިވެ އެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމެންޓްގެ ހެޑާއި ފައިނޭންސް ޑިޕާޓްމެންޓްގެ ހެޑުން އެކަމުގައި އިހުމާލުވުމުން ކުންފުންޏަށް އަށް މިލިއަން ރުފިޔާގެ ގެއްލުންވީ އެވެ. އެމްޕީއެލްގެ ޗެއާމަން ޒަކީ ނޮވެމްބަރު 25 ގައި ކުރެއްވި ޓްވީޓްގައި އެ ވައްކަމުގައި ހިމެނޭ ފަރާތްތައް ސަސްޕެންޑް ކުރުމަށް ބޯޑް މެމްބަރުންގެ މެދުގައި ވޯޓެއް ނެގުނު ކަމަށް ފާހަގަކޮށްފައިވަނީ އެ ދެ ޑިޕާޓްމެންޓްގެ ހެޑުން ސަސްޕެންޑް ކުރުމާއި ގުޅޭގޮތުންނެވެ.

އެހެން ނަމަވެސް އެ ނެގުނު ވޯޓަކީ ރަސްމީކޮށް އެޖެންޑާ ކޮށްގެން ކުރިއަށްގެންދެވުނު ބައްދަލުވުމެއްގައި ނެގުނު ވޯޓަކަށް ނުވާތީ މިކަމަކީ ރަސްމީގޮތުން ފެންނަން ނެތްކަމެއް ކަމަށް ސީއެންއެމްއަށް މައުލޫމާތު ދިން ފަރާތުން ހާމަކޮށްފައިވެ އެވެ. އަދި އެ ވޯޓުން ޕްރޮކިއުމަންޓް އަދި ފައިނޭންސް ހެޑް ސަސްޕެންޑް ކުރުމަށް ފާހެއް ނުވި އެވެ.

ކަމުގެ ހަގީގަތް އިނގޭ ފަރާތަކުން ސީއެންއެމްއަށް މައުލޫމާތު ދީފައިވާ ގޮތުގައި, އެ މައްސަލަ ތަހުގީގު ކުރުމަށް އޭސީސީއަށް ހުށަހަޅާފައިވާކަމަށް ބުނެ އެމްޕީއެލުން ސޯޝަލް މީޑިއާގައި ހަބަރު ފެތުރި އިރު މައްސަލަ އޭސީސީއަށް ވައްދާފައެއް ނުވެ އެވެ. އަދި އެ މައްސަލަ އޭސީސިއަށް ވައްދާ ފުލުހުންނަށް ތަހުގީގު ކުރުމަށް ހުށަހަޅާފައިވަނީ އޭގެ ފަހުންކަމަށް މައުލޫމާތު ދީފައިވެ އެވެ.

27%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
55%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް