ads
އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަލްފާޟިލް ހުސެއިން އަމްރު މަހައްމަދު ރަޝާދު—— ފުޓޯ:ސީއެންއެމް
ފެށިގެން ދިޔަ ކާގޯ ފެރީގެ މޭސްތިރިއަކީ މިނިސްޓަރު ނަހުލާ: އަމްރު
ޓުޓިކޮރިންއާއި ތިނަދޫއާއި ދެމެދު މިއަދު ފެށިގެން ދިޔަ ކާގޯ ފެރީގެ މޭސްތިރިއަކީ ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެ އެވެ.

ޓުޓިކޮރިންއާއި ތިނަދޫ ދެމެދު ޑައިރެކްޓް ޝިފިން ހިދުމަތް ފެށުމަށް މިއަދު ހަވީރު ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ، މިއަދު ފެށިގެން ދިޔަ ކާގޯ ވެސުލްގެ ހިދުމަތް އަދި ތިނަދޫ ބައިނަލްއަގުވާމީ ބަނދަރުގެ މަސައްކަތް ފެށިގެން ދިޔުމަކީ ތިނަދޫ އަދި މުޅި ހުވަދު އަތޮޅުގެ ވަރަށް ބޮޑު އުންމީދެއް ފުރިހަމަ ވެގެން ދިޔުންކަމަށެވެ. އަދި އެކަން ފެށުމުގެ ވިސްނުން ގެންނަވާ މި މަސައްކަތް ފެއްޓެވީތީ ރައީސް ސޯލިހަށް އަމްރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. 

އަމްރު ވިދާޅުވީ އެންމެ ބޮޑު ޝުކުރެއް އަދާކުރަން ބޭނުންވަނީ މިނިސްޓަރު ނަހުލާއަށް ކަމަށާއި ޝިޕިން އެޖެންސީ ކުރިއެރުވުމަށް އެ ކަމަނާ ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެެވެ. 

"އަޅުގަނޑު އެންމެ ބޮޑު ޝުކުރެއް މިއަދު އަދާކުރަން ބޭނުންވަނީ މިހަފްލާގެ ޝަރަފްވެރި މެހެމާން ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް. މި މަސައްކަތް އަޅުގަނޑުމެންނަށް ކުރެވުމުގެ އެންމެ ބޮޑު އިސް މޭސްތިރިއަކީ މިނިސްޓަރު ނަހުލާ. އަޅުގަނޑުމެންނާއިއެކީ މި ޝިޕިން އިންޑަސްޓްރީ ކުރިއެރުވުމަށް މިނިސްޓަރު ނަހްލާ ވަރަށް ބައިވަރު މަސައްކަތްތަކެއް ނަހުލާ ކުރައްވާ" އަމްރު ވިދާޅުވިއެވެ.

އަމްރު ވަނީ އެ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ކުރި ބުރަ މަސައްކަތައްވެސް ފާހަގަކޮށްފައެވެ. އެގޮތުން ކޮވިޑްގެ ހާލަތުގައި ދުނިޔޭގެ މުޅި އިގްތިސާދު ހުއްޓިފައިވަނިކޮށް ފޯނުން ގުޅައިގެން ދުނިޔޭގެ ބޮޑެތި ޝިޕިން ލައިންތަކާއިއެކީ ބޮޑެތި ކޮންޓްރެޓްތައް އެމްއެސްއެސުން ހަދާފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ. އަދި އެމްއެސްއެސް އިތުރަށް ފުޅާވެގެން ގޮސް މިހާރު ބޯޓު އަންނައިރު ކޮންޓެއިނަރުތައް ފުރިގެންދާތަން ފެންނަކަމަށް އަމްރު ވިދާޅުވިއެވެ. އެކަމަށްޓަކައި އެމްއެސްއެސްގެ ކެޕްޓަން އަބްދުﷲ ސައީދު އަށާއި މެނޭޖްމެންޓަށް ވެސް އަމްރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެޕްރީލް މަހު މާލެ ލޮކްޑައުންއަށް ދިޔުމުގެ ގާތްގަނޑަކަށް 15 ވަރަކަށް ދުވަސް ކުރިން މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ފުރަތަމަ ވެސެލްގެ ހިދުމަތް ފެށިގެން ދިޔަކަން ފާހަގަކުރަމުން އަމްރު ވިދާޅުވީ، އެ ހިދުމަތް ފެށިގެން އައީ މުޅި ދުނިޔޭގެ އިގްތިސާދު އެއްކޮށް ހުއްޓިފައި އޮއްވާ ކަމަށެވެ. އެހެންކަމުން އެއްގައުމުން އަނެއް ގައުމަށް މުދާ ގެންދިޔުމުގައި ވަރަށް ބޮޑު ދަތިތަކެއް ކުރިމަތި ވެފައިއޮތް ވަގުތެއްގައި ފްރައިޓް ރޭޓްތައް ބޮޑުވެގެން ދިޔަކަމަށް އަމްރު ވިދާޅުވިއެވެ. އެހެންނަމަވެސް އެމްއެސްއެސްގެ މަސައްކަތް ފެށީ ރާއްޖޭގެ ފުރައިޓް ރޭޓް ބޮޑުނުކޮށްކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ އެހެންކަމުން ރާއްޖޭއަށް ގެންނަ މުދަލުގެ އަގު މިއަދާ ހަމަޔަށް އައިރުވެސް ބޮޑުނުވެ ހިފެހެއްޓިގެން ދިޔަކަމަށެވެ. 

"މިއަދަކީ އެމްއެސްއެސްގެ ހިދުމަތައް އަނެއްކާވެސް ބޮޑު ކުރިއެރުމެއް ލިބުނު ދުވަހެއް. މިއަދަކީ ހުވަދޫގެ 50000 ރައްޔިތުންނާއި އިންޑިއާގެ 1.3 ބިލިއަން ރައްޔިތުންނާއި ގުޅިގެން ދާ ދުވަސް މި ހިދުމަތުގެ ސަބަބުން ހުވަދޫ އަތޮޅުގެ ވިޔަފާރިވެރިންނަށް ވަރަށް ގިނަ މަންފާތަކެއް ލިބިގެންދާނެ. ކާގޯ ގެނައުމުގައި އަގުހެޔޮވެގެން އެބަދޭ. އަދި ގާތްގަނޑަކަށް ކޮންމެ 20 ދުވަހަކުން ބޯޓު އަންނާތީ ބޭނުންވާ ދުވަހަަށް ބޭނުންވާ ގަނޑިއަށް ކާގޯ އަންނަމުން ދާނީ" އަމްރު ވިދާޅުވިއެވެ.

ހުވަދޫ އަތޮޅަކީ މީގެ ކުރިން ވަރަށް ވަރުގަދަޔަށް ވިޔަފާރިކޮށް މުއްސަނދި ވިޔަފާރިވެރިންތަކެއް ދިރިއުޅުން ތަނެއްކަން އަމްރު ވަނީ ފާހަގަކޮށްފައެވެ. އެެހެންނަމަވެސް ވަަރަށް ހިތާމަވެރި ހާދިސާއަކާއި ގުޅިގެން ވަަރަށް ޒަމާންވަންދެން އެކަން ހުއްޓިގެންގޮސްފައި އޮތުމަށްފަހު މިއަދު އެންމެންގެވެސް އަމާޒަކީ އަލުން އަބުރާ އެ ދުވަސް ގެނެސް ހުވަދޫ އަތޮޅަކީ ވިޔަފާރި ހަބެއްކަމުގައި ހަދަން ކަން އަމްރު ފާހަގަކުރެއްވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް