ads
ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ރަސްލީ ސުޕާރި--
އެތެރެ ކުރުން މަނާކުރީ ސުޕާރީއެއް ނޫން، އޭގެ ޕްލާސްޓިކްގަނޑު!
އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވާއިރު އަންނަ އަހަރުން ފެށިގެން މަނާ ކުރާ ބާވަތްތަކުގެ ތެރޭގައި ސުޕާރި ހިމެނިފައިވާ ކަމަށް ގިނަ ނޫސްތަކެއްގެ ހެޑްލައިނަށް އެރުމާއެކު، ގިނަ ބަޔަކަށް ހީވީ ރާއްޖެއަށް ސުޕާރީ އެތެރެކުރުން މުޅިން މަނާ ކުރިހެނެވެ.

ހަގީގަތް އޮތް ގޮތަށް ބަލާއިރު ސަރުކާރުން މަނާ ކުރީ ސުޕާރިއެއް ނޫނެވެ. ނަމަވެސް ޕްލާސްޓިކްގައި ބަންދު ކޮށްފައި ހުންނަ، އިމްޕޯޓު ކުރާ ސުޕާރީ އެވެ.

އެހެން ކަމުން ކަރުދާހުގައި، ނޫނީ ދަޅުގައި ބަންދު ކޮށްފައި ހުންނަ ސުޕާރީ އިމްޕޯޓު ކުރެވޭނެއެވެ. މިއީ ގައިމުވެސް ރާއްޖޭގައި ދިރިއުޅޭ، ސުޕާރީއަށް ދެވިހިފާފައިވާ ދިވެހިންނަށް އުފާވެރި ހަބަރެކެވެ. ނަމަވެސް އެ ފަރާތްތަކަށް އޮތް ހިތާމަވެރި ހަބަރަކީ، މި ބަދަލާއެކު މިހާރު ރާއްޖެއަށް އިމްޕޯޓު ކުރާ، ބަންދު ކޮށްފައި ހުންނަ ސުޕާރީގެ ގިނަ ބާވަތްތަކެއް ރާއްޖެއަށް އިމްޕޯޓު ކުރުން އެއްކޮށް ހުއްޓާލާނެ ކަމެވެ.

މި ބަދަލަށް އަމަލު ކުރުމަށް ނިންމާފައިވަނީ އެކެއް ޖޫން 2021 އިން ފެށިގެންނެވެ.

އެއް ފަހަރު ބޭނުންކޮށް އުކާލާ ޒާތުގެ ޕްލާސްޓިކު، މަރުހަލާތަކަކަށް ބަހާލައިގެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަނާކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވާފައިވާއިރު، އަންނަ އަހަރުން ފެށިގެން މަނާ ކުރާ 12 ބާވަތެއް ވަނީ އާއްމުކޮށްފަ އެވެ.

އިއްޔެ ގެޒެޓުކުރި ލިސްޓުގައިވާ ގޮތުން އަންނަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެތެރެކުރުން މަނާކޮށްފައިވާ ޕްލާސްޓިކް ބާވަތްތަކުގެ ތެރޭގައި ޕްލާސްޓިކް ހޮޅި، ޕްލާސްޓިކް ތަށި އަދި ސަމުސާ ފަދަ ތަކެތީގެ އިތުރުން ކާބޯތަކެތި ބަންދު ކުރަން ބޭނުންކުރާ ސްޓައިރަފޯމް ފޮށި ހިމެނެ އެވެ. 

މީގެ އިތުރުން ބާޒާރު ކުރަން ބޭނުން ކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު، 250 ލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް ތަށި، ޕްލާސްޓިކް ދަނޑިކޮޅު ލާފައި ހުންނަ ކަފަ ބުރު، 50 ލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ  އަދި ސައިބޯނި ފުޅި އަދި ރާއްޖެއަށް އެތެރެ ކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިމަށް ބޭނުން ކުރާ ދިޔާ ތަކެތި ވެސް އަންނަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެތެރެކުރުން ވަނީ މަނާ ކޮށްފައެވެ.

މީގެ އިތުރުން 2022 ވަނަ އަހަރު ޑިސެމްބަރު މަހު އެއް ވަނަ ދުވަހުންފެށިގެން ބާޒާރު ކުރުމަށް ބޭނުން ކުރާ 50 މައިކްރޯންއަށް ވުރެ ކުދި ކޮތަޅު އަދި 50 މިލިލީޓަރުން ފެށިގެން، 200 މިލިލީޓަރާއި ހަމަޔަށް ހިމެނޭ ކުދި ޝޭމްޕޫ ފުޅިއާއި ސައިބޯނި ފުޅި އެތެރެ ކުރުން ވަނީ މަނާކޮށްފައެވެ. އަދި އެކެއް ޑިސެމްބަރު 2023 އިން ފެށިގެން ރާއްޖެއަށް އިމްޕޯޓު ކުރާ އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އެތެރެ ކުރުން ވަނީ މަނާކޮށްފައެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި މި ގާނޫނު މަޖިލީހުން އެންމެ ފުރަތަމަ އިސްލާހުކޮށްފައި ވަނީ، އަންނަ ޖެނުއަރީ މަހުން ފެށިގެން، އެފަދަ ޕްލާސްޓިކް ރާއްޖެ އެތެރެ ކުރުން މަނާ ކުރާ ގޮތަށެވެ.

ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށާއި ވިޔަފާރިތަކަށް އަސަރު ކޮށްފައިވާއިރު، އަންނަ އަހަރު ޕްލާސްޓިކްގެ ގިނަ ބާވަތްތައް އެއްފަހަރާ އެތެރެ ކުރުން މަނާ ކުރުމުގެ ބަދަލުގައި، އެކި މަރުހަލާތަކަށް ބަހާލައިގެން އެކި މުއްދަތްތަކުގައި ސިންގަލް-ޔޫސް ޕްލާސްޓިކް މަނާ ކުރުމުގެ ފުރުސަތު ދިނުމަށް، މަޖިލީހުން ވަނީ މިމަހު އިތުރު އިސްލާހެއް ގެންނަން ފާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް