ads
ދޯނިފަހަރު ލަފާ ބަނދަރެއް ކައިރިއަށް ކުނި ޖަމާވެފައި-- ސްކްރީންޝޮޓް: ޕްރައިމް އޮކްޓޮޕަސް/ ޓްވިޓާ ވީޑިއޯ
މި މަންޒަރު ފެނިފައި ދެރައެއް ނުވޭތަ؟
ދުނިޔެއަށް ރާއްޖެ މަޝްހޫރުވެފައި އޮންނަނީ ރީތި ދޮންވެލި ބީޗުތަކާއި ސާފު މޫދުތަކާއި ކަނޑުގެ ގުދުރަތީ ދިރުންތަކުގެ ސުވަރުގެއެއްގެ ގޮތުގަ އެވެ. ރިސޯޓުތަކާއި ގެސްޓުހައުސް ހިންގާ ރަށްތަކުގައި އެކަން އެގޮތަށް ބާއްވަން ގިނަ މަސައްކަތްތައް ކުރެ އެވެ. އެކަމަކު މީހުން ދިރިއުޅޭ އެހެން ރަށްތަކުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. އެ ރަށްތަކުން ފެންނަނީ މަގުތަކާއި، ބީޗުތަކާއި، މޫދުތައް ޕްލާސްޓިކު ކުންޏާއި، ފުޅިމަދު ފޮއްޓާއި، ދަގަނޑު ދަޅުތަކުން ފުރި ބަރާވެފައިވާ މަންޒަރެވެ.

އިއްޔެ ސޯޝަލް މީޑިއާގައި މީހަކު ހިއްސާކުރި ވީޑިއޯއިން ފެނުނީ މި މަންޒަރެވެ. އެއީ ކޮން ތަނެއްކަން ރަނގަޅަށް ސާފު ނުވި ނަމަވެސް ފެންނަ ފެނުމަށް އެއީ ދޯނިފަހަރު ލެފުމަށް ހާއްސަ ބަނދަރެކެވެ. ބަނދަރުގެ އެއް ފަޅިން އަނެއް ފަޅިއަށް މޫދުގައި ޖަމާވެފައި އޮތީ އެތައް ސަތޭކަ ޕްލާސްޓިކު ފުޅި އެވެ. އެއީ ރާއްޖޭގައި ބުއިމަށް އާއްމުކޮށް މި ބޭނުން ކުރާ ޒާތުގެ ޕްލާސްޓިކް ފެން ފުޅި އެވެ. ދެން އެންމެ ގިނައިން ހުރީ ހުދު ކުލައިގެ ފުޅިމަދު ފޮށިތަކެވެ. އެއީ ތަރުކާރީ އާއި މޭވާ އަދި މަސް ފަދަ ތަކެތި ރައްކާކުރުމަށް އާއްމުކޮށް ބޭނުން ކުރާ ފުޅިމަދު ނުވަތަ ސްޓައިރޮފޯމް ފޮށިތަކެވެ. ތަންކޮޅެއް ކައިރިން ބަލާލުމުން ދެން ފެންނަނީ ކުދިކުދި ސުޕާރީ ހުސްކުރި ޕެކެޓުތަކެވެ. 

"އަހަރުމެން މި ތިބީ ހީކުރާ ވަރަށް ވުރެ ގޯސް ހިސާބެއްގައި. މިކަން ކޮންޓްރޯލް ކުރުމަށް މިހާރުން މިހާރަށް ރަނގަޅު ފިޔަވަޅުތައް އަޅަން ޖެހޭ،" އެ ވީޑިއޯ ހިއްސާ ކުރި މީހާ އެންވާރަމަންޓު މިނިސްޓްރީ ޓެގުކޮށް ކެޕްޝަނުގައި ލިޔެފައި ވެއެވެ. 

އެ ޕޯސްޓަށް ކޮމެންޓު ކުރި މީހުން އެއީ ކޮން ތަނެއްތޯ ސާފު ކުރަން އުޅެފައި ވެއެވެ. އަދި އެއީ ދޯނިފަހަރުން އަޅާފައިވާ ކުނީގެ ގޮތުގައި ބެލެވޭ ކަމަށް ބުނެފައި ވެއެވެ. އެތަން ސާފު ކުރަން ހަރަކާތެއް ހިންގަންވީ ކަމަށް ބުނެ ބައެއް މީހުން ހިޔާލު ފާޅުކޮށްފައިވާ އިރު، ވީޑިއޯ ހިއްސާކުރި މީހާ ވަނީ އެކަން ވެސް ކޮށްފަ އެވެ. އޭނާ ވަނީ އެތަނަށް ޖަމާވެފައި ހުރި ކުނިތައް ނެގުމަށް ފަހު ސާފުކޮށް އެ ސަރަހައްދު އޮތް މަންޒަރު ފެންނަ ފޮޓޯތައް ހިއްސާކޮށްފަ އެވެ. 

މަހަކީ ޕްލާސްޓިކަށް ދެވިހިފާ އެއްޗެއް!

ކުނި އުފެއްދުން ނައްތާލާ، ހުރިހާ ކުންޏަކީ ވެސް އަލުން ބޭނުން ކުރެވޭނެ އެއްޗަކަށް ހެދުމަށް ރާއްޖޭގައި މަސައްކަތް ކުރާ އެއް ބަޔަކީ ޒީރޯ ވޭސްޓް މޯލްޑިވްސް އެވެ. އެފަދަ ދިރިއުޅުމެއްގެ ވައްޓަފާޅި ކުރިއަރުވަން 2018 ވަނަ އަހަރު މަސައްކަތް ފެށި ޒީރޯ ވޭސްޓް މޯލްޑިވްސުން ވަނީ އެ ވީޑިއޯ ފެނި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

އޭގެ އިތުރުން ސޭވް އަވާ ވޭވްސްގެ ނަމުގައި ތިމާވެއްޓާއި ކަނޑުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާއިން ވެސް ވަނީ މޫދުގައި ޕްލާސްޓިކް ފުޅި ޖަމާވެފައި އޮތް ވީޑިއޯއެއް އާއްމުކޮށް، އެކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކޮށްފަ އެވެ.

"މަހަކީ ޕްލާސްޓިކަށް ދެވި ހިފާ އެއްޗެއްކަން އެނގޭތަ!!! މަސްތައް ޕްލާސްޓިކް ކަނީ ވަރަށް ޝައުގާއެކު، ދެން އިންސާނުން އެ މަސްތައް ކަނީ،" އެންވާރަމަންޓް މިނިސްޓްރީ އާއި ރައީސް އޮފީސް އަދި އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ޓެގުކޮށް ސޭވް އަވާ ވޭވްސުން ކުރި ޕޯސްޓުގައި ލިޔެފައި ވެއެވެ. 

ކަނޑުތަކާއި މޫދާއި ބީޗުތަކަށް ކުނި ޖަމާވާ މައްސަލައަށް ކައިރި މުސްތަގުބަލުގައި ހައްލެއް ލިބޭނެ ކަމުގެ އުއްމީދު ބޮޑެވެ. އެއީ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާ، 2021 އިން ފެށިގެން އެ ގާނޫނަށް އަމަލު ކުރަން ތައްޔާރުވެފައި ވާތީ އެވެ. އެ ގާނޫނުގެ ދަށުން ޕްލާސްޓިކާއި ފުޅިމަދު ފަދަ އެތައް ބާވަތެއް ރާއްޖެ އެތެރެ ކުރުން ވަނީ މަނާކޮށްފަ އެވެ. 

ހައްލެއް ލިބޭނެތަ؟

އިއްޔެ ގެޒެޓުކުރި ލިސްޓުގައިވާ ގޮތުން 2021 ގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެތެރެކުރުން މަނާކޮށްފައިވާ ޕްލާސްޓިކް ބާވަތްތަކުގެ ތެރޭގައި ޕްލާސްޓިކް ހޮޅި އާއި، ތައްޓާއި އަދި ސަމުސާ ފަދަ ތަކެތީގެ އިތުރުން ކާބޯތަކެތި ބަންދު ކުރަން ބޭނުންކުރާ ސްޓައިރަފޯމް ފޮށި ހިމެނެ އެވެ.

މީގެ އިތުރުން ހިމެނޭ ބާވަތްތަކަކީ:

  • ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި
  • ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
  • ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
  • ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ
  • 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީ ތަށި
  • ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި
  • ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓު ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް)

އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން މަނާކުރެވޭ ބާވަތްތަކުގެ ތެރޭގައި ދެން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅުގެ އިތުރުން ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރާއި، ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ އެވެ.

އެ ލިސްޓަށް ބަލާއިރު، 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރުން މަނާކުރެވޭ ޕްލާސްޓިކްގެ ބާވަތްތައް ވެސް ހިމެނެ އެވެ. އެގޮތުން، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅުގެ އިތުރުން، 50 މިލިލީޓަރާއި 200 މިލިލީޓަރާ ހަމައަށް ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި ހިމެނެ އެވެ. އަދި 2023 ވަނަ ޑިސެމްބަރު މަހުން ފެށިގެން ރާއްޖެއަށް އިމްޕޯޓުކުރާ އެއް ލީޓަރާއި އެއަށް ވުރެ ކުދި ޕެޓު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ވެސް އެތެރެކުރުން މަނާވާނެ އެވެ.

your imageޖަޕާނުގެ ކަމިކަޓްސޫގައި އަމަލު ކުރަމުން ދަނީ ޒީރޯ ވޭސްޓު ސިޔާސަތަށް. ރާއްޖެއަށް ވެސް މި އަމާޒު ހާސިލް ކުރެވޭނެ-- 

އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޒާތުގެ ޕްލާސްޓިކާއި ފުޅިމަދު ފޮށި އަދި މިފަދަ އެހެން އުފެއްދުންތައް ރާއްޖެއިން ނައްތާލުމަށް މި ގާނޫނަކީ އެޅުނު ފުރަތަމަ ފިޔަވަޅެވެ. ދެން އޮތީ އާއްމުން ހޭލުންތެރިވެ، މިކަމުގައި އަމަލީ ގޮތުން ނަމޫނާ ދެއްކުމެވެ. ޒީރޯ ވޭސްޓު ނުވަތަ ކުނި އުފެއްދުން ހުއްޓާލުމަށް ދުނިޔޭގެ ބައެއް ސިޓީތަކުން މިހާރު ވެސް މަސައްކަތް ކުރަމުން އެބަދެ އެވެ. އެފަދަ އަމާޒަކަށް ރާއްޖެއަށް ވާސިލްވުމަކީ ހިތްވަރުކޮށްފި ނަމަ މާ އުނދަގޫ ކަމަކަށް ނުވާނެ އެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް