ads
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މީޑިޔާގައި "ލާދީނީ" ހިޔާލު ފާޅުކުރާ ކަމަށް ބުނާ މައްސަލަ އިސްލާމިކް މިނިސްޓްރީއަށް!
ރާއްޖޭގެ މީޑިއާތަކުގައި ކްރިސްމަސް ފާހަގަ ކުރުމުގެ ލާދީނީ ހިޔާލު ފާޅުކޮށްފައިވާ ކަމަށް ތުހުމަތުކޮށް އަމިއްލަ ފަރާތަކުން އިސްލާމިކް މިނިސްޓްރީއަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ މިއަދު ސިޓީއަކުން މިނިސްޓްރީއަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ އިއްތިހާދުގެ ފަރާތުންނެވެ.

އެ ޖަމިއްޔާއިން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ގާނޫނުގެ ފަސްވަނަ މާއްދާގެ އިޖުމާލީ މަފްހޫމާ ސީދާ ދެކޮޅަށް ގައިރު މުސްލިމުންގެ ޝިއާރު ފާޅު ކުރުމާއި އަދި އެ ކުށަށް އަރައިގަތުމަށް އެހެން މީސްތަކުންނަށް ހިތްވަރު ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވާފައިވާ ކަމަށެވެ. 

އޭގެ އިތުރުން އަދާލަތު ޕާޓީގެ ކުރީގެ ރައީސް ހުސައިން ރަޝީދު އަހްމަދު މީޑިއާ މެދުވެރިކޮށް ކްރިސްމަސް ފާހަގަކުރުމަށް ތާއީދުކޮށް ވާހަކަދެއްކެވި ކަމަށާއި، ރައްޔިތުންގެ މެދުގައި އޮތް އިސްލާމީ ވަހްދަތު ގެއްލި ދީނީ ބައިބައިވުން އުފެދޭނެ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެއެވެ. 

"މިފަދަ ހައްސާސް ތުހުމަތުތަކެއް މި ދެންނެވި މީހުންގެ މައްޗަށް ކުރެވުނު ހިނދު، އަދި ބޭރުފުށުގެ އަމަލުތަކުން އެކަންކަން މީޑިޔާއިން ސާފުކޮށް ފެންނަން ހުރި އިރު، ރައްޔިތުންގެ އިއްތިހާދުން މިނިސްޓަރުގެ އަރިހުން މި އެދެނީ، ތިޔައީ ގާނޫނު ހިންގަވަން ހުންނެވި އެންމެ އިސް އެއް ވަޒީރު ކަމުގައި ވެފައި، އަދި އެ ޕާޓީީއެއްގެ ދުސްތޫރާއިި ގަވާއިދުތަކުގައި އިސްލާމް ދީނަށް އެންމެ ބޮޑު ހިމާޔަތެއް ދީފައިވާ އަދާލަތު ޕާޓީގެ ރައީސް ވެސް ކަމުގައި ވާތީ، (ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ގާނޫނާއި ގަވާއިދަކީ) ތިޔަބޭފުޅުން އެންމެ ބޮޑަށް ހިމާޔަތް ކުރައްވަން ޖެހޭ އެއް އަސާސް ކަމުގައި ވެފައި، މި ދެންނެވި ފަރާތްތަކުން ކަނޑައެޅިގެން ފާޅުގައި ގާނޫނާއި ގަވާއިދާ ހިލާފު ވެފައިވާއިރު، އެއްވެސް ކަމެއް، ތަހްގީގެއް، އިޖުރާއަތެއް ހިންގަވާތަން ދިވެހި ރައްޔިތުންނަށް ފެންނަން ނެތުމަކީ، ނުހަނު ކަންބޮޑުވުން އަށަގަންނަމުންދާ ކަމެއް ކަމުގައި ހިތާމައާއެކު ދަންނަވަން،" ސިޓީގައި ވެއެވެ.

ރައްޔިތުންގެ އިއްތިހާދުން ބުނެފައިވަނީ މިއީ "އެމްޑީއެން އަދި އުތެމައިން ނެރުނު ރިޕޯޓުގައި ގޮވާލާފައިވާ ކަންކަމަށް މަގު ކޮށުމުގެ ގޮތުން އެހެން ދީންތަކުގެ ކަންކަން ފާހަގަކުރުން ދިވެހި ރައްޔިތުންގެ މެދުގައި ނޯމަލައިޒް" ކުރުމުގެ ބޭނުމުގައި ކުރާ ކަމަކަށް ވާތީ މި މައްސަލަ ތަހުގީހު ކުރަން އެދޭ ކަމަށެވެ. 

"އެއީ އެހެން ދީންތަކަށް މި ބިމުން ޖާގަ ދޭން ހިންގާ މަކަރުވެރި ހީލަތްތެރި ޖަރީމައެއް،" ރައްޔިތުންގެ އިއްތިހާދުން ބުންޏެވެ. 

މި މައްސަލައިގެ ބާވަތުންނާއި، އެ ދެ ފަރާތުގެ މަގާމާއި ހައިސިއްޔަތުގެ ގޮތުން އެ ދެ ފަރާތުގެ ނާޖައިޒް ސިޔާސީ ނުފޫޒުގެ އަސަރު ފޯރުމުގެ ފުރުސަތު ތަނަވަސްކަމުން، މަގާމާއި މަސްއޫލިއްޔަތުން ރައީސް ނަޝީދާއި ޝޭހު ހުސެން ރަޝީދު މިވަގުތު އެކަހެރިކޮށް ދިނުމަށް ވެސް އެ ސިޓީގައި އެދިފައި ވެއެވެ. 

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް